މެންބަރުންގެ ޚިޔާލު: ޓެރަރިސްޓުންނަށް މިގައުމުގައި އެއްވެސް ފުރުސަތެއް ދީގެން ނުވާނެއެވެ.

ފުނަމާ

މަލްޓިޕާޓީ ޑިމޮކްރަސީއަށް މިގައުމު ދީލާލި ހިސާބުން ފެށިގެން ، މިނިޒާމާއި އިދިކޮޅު ފަރާތްތަކުން ގެންދިޔައީ ފާޅުގައި މިނިޒާމު ރާއްޖޭގައި އަށަގަތަ ނުދިނުމަށް ތަފާތު އެތަކެއް ހުރަސްތައް އަޅަމުންނެވެ. މިގޮތުން ކުރެވުނު އެއްވެސް މަސައްކަތެއް ކާމިޔާބު ނުވުމާއި ގުޅިގެން އެންމެ ފަހުން ، ދިވެހީންނަކީ މުސްލިމުން ކަމުގައި ވާތީވެ ދީނީގޮތުން މިނިޒާމަކީ ގަބޫލުކޮށްގެން ވާނެ ނިޒާމެއް ނޫންކަމުގައި ބުނެ އަޑުއަރުވަމުން ގެންދިޔައެވެ. ނަމަވެސް އެކަންވެސް އެކަމުގައި އެކަށީގެންވާ ހުއްޖަތެއް ނުދެއްކުމުގެ ސަބަބުން މިނިޒާމު ރާއްޖޭގައި މިވަނީ ގާއިމު ކުރެވިފައެވެ. ނަމަވެސް މިނިޒާމާ އެންމެ އިދިކޮޅު މީހުން އެއިރު އެތިބީ އެއިރުގެ ޚުދުމުޚުތާރު ސަރުކާރުގެ ތެރޭގައި ކަމަށްވެފައި އެމީހުން ދެއްކި ބަހަނާތަކަކީ މިނިޒާމުގެ ސަބަބުން އެމީހުންގެ ވެރިކަން ގެއްލިގެން ދާނެކަމުގެ ބިރުގައި ދެއްކި ބަހަނާތަކެއްކަން މިއަދު މިވަނީ ސާބިތު ވެފައެވެ.
ވެރިކަން ބަދަލުވެ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ދީނީގޮތުން ބަސްބުނެ އުޅުނު ދީނީ އިލްމުވެރީން އެކުލެވޭ ޕާޓީކަމުގައި ބުނެއުޅޭ އަދާލަތު ޕާޓީވެސް ޑިމޮކްރަސީއާއި އެއްކޮޅަށް ސަރުކާރުގެ ތެރޭގައި އޮތުމުން އިދިކޮޅަށް އެއިރު އަޑުއުފުލި މީހުން މިނިޒާމާ އިދިކޮޅަށް ދެއްކި ވާހަކަތައް ދިޔައީ ބޭކާރުވެގެންނެވެ. ނަމަވެސް މިސަރުކާރު އައިސް މިސަރުކާރުގެ ވައުދުތައް ފުއްދުމަށް ތަފާތު ގޮންޖެހުންތަކާއި އެކުގައި ފެށި މަސައްކަތް ތަކުގެ ކާމިޔާބީ ފެންނާން ފެށުމުން ސަރުކާރާއި ގުޅިގެންތިބި އެހެނިހެން ސިޔާސީ ފަރާތްތަކަށް ރާއްޖޭގެ ކުރިމަގު ފަހުމްވާން ފެށި ހިސާބުން އެވަނީ ސަރުކާރާއި ދުރަށް ޖެހިފައެވެ. ސަރުކާރުގެ ޕުލޭންތަކާ އެއްގޮތަށް ކަންކަން ކުރެވިއްޖެ ނަމަ ދުވަހަކުވެސް މިސަރުކާރަށް އޮތް ތާއީދު ކުޑަނުވާނެކަމާ އަދި ، އެހެން ބައެއްގެ އަތްމައްޗަށް ވެރިކަން ދީލިގެން ނުދާނެކަން އެނގުމުން ސަރުކާރުގެ ތެރޭގައި ތިބި އެހެނިހެން ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ ފަރާތްތަކުން އެންމެ ފުރަތަމަ ބެލީ އެމީހުންގެ ނުފޫޒު ސަރުކާރުގެ މައްޗަށް ގަދަކުރުމަށް ކުރެވެން އޮތްހާ މަސައްކަތެއް ކުރުމަށެވެ. އޭރުން މިސަރުކާރުގެ ކޮންމެ ކާމިޔާބީއަކީ އެމީހުންގެ ބޮޑުހިއްސާއެއް އޮތް ކަމެއް ކަމުގައި އިސްތިހާރު ކުރެވިދާނެ ކަމުގައި އެމީހުން ދެކެމުން ދިޔައެވެ. ނަމަވެސް މިސަރުކާރަކީ އަމިއްލަ ފައިމަތީގައި އެކަނި ހިނގާންއެނގޭ ސަރުކާރެއްކަން އެމީހުންނަށް އަންގައިދޭން ފެށުމުން ދެންނުކުމެ އެހިސާބުން ބޭނުންވީ ވީއެންމެ އަވަހަކަށް ސަރުކާރު ވަށްޓާލުމަށެވެ. މިގޮތުން ސަރުކާރުގެ ސިޔާސަތުތަކުގެ ފޫނުބެދޭ ކަން ދައްކައި ސަރުކާރުގެ ވައުދުތައް ނުފުއްދޭނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދީގެން ރައްޔިތުން ސަރުކާރާ މެދުގައި ނަފުރަތު ކުރުވުމުގެ ކެމްޕެއިންއެއް ދިޔައީ ހިންގަމުންނެވެ. މިކަމުގައި ކުރީން އެންމެ އިދިކޮޅު ކަމުގައި ބެލެވުނު އެންމެންވެސް އެއްގަލަށް އަރައި އެއްމޭޒުދޮށުގައި ، މިސަރުކާރު ވަށްޓާލުމަށް އެކިއެކި ޕްލޭނުތައް ރާވައި ގަރާރުތައް ގެންދިޔައީ ފާސްކުރަމުންނެވެ. އަދި މިކަމުގައި ޝަރުއީ ދާއިރާއާއި، މުސްތަގިއްލު މުއައްސަސާތަކުގެ އެއްބާރުލުންވެސް އެމީހުން ހޯދަމުން ގެންދިޔަ ކަމުގައި އަޑުތައް ދިޔައީ ފެތުރެމުންނެވެ. މިކަމަށް ދަލީލުލިބޭ ބައެއް ކަންކަންވެސް ހިނގާފައިވާތީވެ މިއަކީ މުޅިއަކުން ދޮގެކޭ ދަންނަވާކަށް ނެތީމެވެ.
ސަރުކާރުން ކުރާ ކޮންމެ ކަމަކީ އެންމެ ރަނގަޅު ކަމެއް ނޫންކަމުގައި ޚުދު ސަރުކާރުންވެސް ގަބޫލުކުރެއެވެ. ބައެއް ކަންކަން ސަރުކާރުން އެންމެ ބޭނުންވާ ސްޕީޑުގައި ކުރިއަށް ނުގެންދެވުމުގައި ހުރި ގޮންޖެހުންތައް ސަރުކާރުން ރައްޔިތުންނާއި ހިއްސާވެސް ކުރޭމެއެވެ. ކޮންމެ ހުކުރު ދުވަހެއްގެ ރޭޑިޔޯ ޚިތާބުގައި ޚުދު ރައީސްވެސް އެގެންދަވަނީ ރައްޔިތުންނާއި ކަންކަން ހިއްސާ ކުރައްވަމުންނެވެ. ރައްޔިތުންގެ އަޑުތައް ސަރުކާރުން ގެންދަނީ ކައިރީން އަހަމުންނެވެ. ނަމަވެސް ކޮންމެ ބަޔަކު އެބޭނުންވާހާ ކަމެއް ސަރުކާރަކުން ކޮށެއް ނުދެވޭނެއެވެ. ރައްޔިތުން އެސިޔާސަތުތަކެއް ގަބޫލުކޮށް ވެރިކަމާ ހަވާލުކުރި ސަރުކާރުގެ ސިޔާސަތު ދެއިރަށް ބަދަލުކުރާ ހެދުމެއްހެން ބަދަލެއް ނުކުރެވޭނެއެވެ. ނަމަވެސް ސަރުކާރު ބަދަލުކޮށް އަވަހަށް ވެރިކަން އަތްދަށަށް ގެނައުމަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން ނިވައްތައި ގެންފައި ވާމިންވަރުން އެމީހުންނަށް މިސަރުކާރުގެ ދައުރު ހަމަވަންދެން މިގައުމު މިސަރުކާރުގެ އަތްމަތީގައި ބޭއްވުމަކީ ހަޖަމު ކުރެވޭނެ ކަމަކަށް ނުވެއެވެ. ވާނީވެސް އެހެންނެވެ. ސަރުކާރުގެ ވައުދުތައް ފުއްދެމުން މިދާ ސްޕީޑުގައި ދާނަމަ ގައިމުވެސް ކުރިއަށް އޮތް ދައުރުގަވެސް އެފަރާތްތަކުން ތިބެންޖެހޭނީ ހަމަ މިހަޅޭއް ލަވާށެވެ. އަދި މިދައުރުނިމި ދެންއަންނަ ދައުރެއްގައި މިސަރުކާރަށް ރައްޔިތުން ފުރުސަތުދޭނެ ކަމާ އެހައިރުން އިދިކޮޅު ފަރާތްތަކުގެ އެއްވެސް ވިދުވަރެއް ރައްޔިތުންގެ ކުރިމަތީގައި ނުހުންނާނެކަން އެމީހުންނަށް އެބަ ޔަޤީންވެއެވެ. އެހެންކަމުން މިއަދު މިގައުމުގައި ތާކުން ހިކިހޯލިކޮޅެއް ބިންދައިގެން ދިޔަސް ރައްޔިތުން ނެރެގެން ގަޑުބަޑު އުފެއްދޭތޯ އެދަނީ މަސައްކަތް ކުރަމުންނެވެ. އެންމެ ފަހުން މިމަސައްކަތްތައް ކާމިޔާބު ނުވުމުން އެމީހުން އެމީހުންނާއި ޖެހި ބައިބައިވެ ރޫޅިގެން އެދަނީއެވެ. ނަމަވެސް އަލުން ޕާޓީ އުފައްދައިގެން ނަމަވެސް ވެރިކަން ލިބޭތޯ އެގެންދަނީ މަރުފަލި ޖަހަމުންނެވެ. އެންމެފަހުން މިހާރުދެން އަނެއްކާ ކޮންމެ ކަމެއް ދީނާއި ގުޅުވައިގެން ނުކުމެ މިގައުމު ފަސާދަ ކުރާން އެތިބަ ތެޅިފޮޅެނީއެވެ. މިކަމުގައި އެންމެ ކުރީސަފުގައި ފެންނާންތިބީ ހައްދު ފަހަނަ އަޅާފައި ތިބި ބައެއް މީހުންނެވެ. އަދި މީގެ ތެރޭގައި ކުރީން މިސަރުކާރުގެ ތެރޭގައި އުޅެ ބޮޑާހާކައި ނުކުމެތިބި މީހުން ފެންނަމުން ދާކަމީވެސް ހަގީގަތެކެވެ. އަދި ރާއްޖޭގެ އެންމެ ދީނީ އިލްމުވެރީން ގިނަކަމުގައި ބުނާ ޕާޓީގެ ލީޑަރޝިޕު ފިރާލައިގެން މިއަދު އެތިބަ މީހުންނަކީ އެމީހުންގެ އަގީދާގެ މިސްރާބެއްނެތް ، ހައްދުފަހަނަ އަޅާފައިވާ ބައެއްކަމުން އެޕާޓީވެސް އެދަނީ ބައިބައިވަމުންނެވެ. ކުރީގައި އެޕާޓީގައި މަސައްކަތް ކުރެއްވި އެތަކެއް އިލްމުވެރީން މިއަދު އެޕާޓީއާއި ވަކިވެއްޖެއެވެ. މިހިސާބުން ދެންވެސް ކުރިނުލިބޭނެކަން އެނގުމުން މިއަދު ފާޅުގައި މިގައުމުގައި ޓެރަރިސްޓު ހަމަލާތައް ދިނުމަށް ގޮވާލަމުން އެކަމަށް ހިއްވަރު ދެމުން އެމީހުން ގެންދާތަން މިދަނީ ފެންނަމުންނެވެ. ތަކުބީރު ކިޔަމުން ރާއްޖޭގެ ވައިގެ ބަނދަރު ހިފައި އެތަނުގައި އެތަކެއް ސަތޭކަ މީހުން މަރައި ހުޅުޖަހާން އެދިޔައީވެސް މާކުރީން އިއުލާނުވެސް ކޮށްފައެވެ. ” ހަތިޔާރުތައް ތޫނުކޮށްލަން މަޑުކޮށްގެން ތިބިކަމުގައި ” ކުރީންމީހަކު ވަނީ ބުނެފައެވެ. މިހާރު ކޮންމެ ހަމަނުޖެހުމެއް ކޮންމެ މާރާމާރީއެއް ހިންގަނީ ތަކުބީރު ގޮވަމުންނެވެ. މިއީ ތިމަންނާމެންނަކީ ހަމައެކަނި މިގައުމުގައި ތިބި މުސްލިމުން ކަމުގައި ރައްޔިތުންނަށް ދެއްކުމަށް ކުރަމުން ގެންދާ ކަމެކެވެ. ނަމަވެސް މިމީހުން އެގެންދަނީ މިރާއްޖޭގައި ޓެރަރިޒަމްއަށް ތަރުހީބުދީ ކުރިއަރުވަމުންނެވެ. މިއަދު އެކަންކަން އެދަނީ ފެންނަމުންނެވެ. ޕެޓްރޯލް ބޮން ހަދައިގެން ވަޒީރުން މަރާލުމަށްވެސް އެގެންދަނީ މަސައްކަތް ކުރަމުންނެވެ. ވީމައި މިގައުމުގެ ސަލާމަތަށް ޓަކައި މިފަދަ މީހުންނާއި މިކަމަށް ތަރުހީބުދީ އެގޮވާލާ މީހުން ހިފައި ހައްޔަރުކޮށް މިގައުމު އެމީހުންގެ ކިބައިން ސަލާމަތްކުރާން ކޮންމެހެންވެސް އެބަޖެހެއެވެ. ސަރުކާރުން މިކަމުގައި ދޫދީގެން ބަލާންނޯވެ މިކަން ހައްދުފަހަނަޅައި ނުދަނީސް ހުއްޓުވުމަށް ގޮވާލަމެވެ.