މެންބަރުންގެ ޚިޔާލު: ސްޕްރީމް ކޯޓުގެ ނިންމުން އެންމެ ރަނގަޅުބާ؟

ފުނަމާ

ދިވެހިރާއްޖޭގެ އަދުލު އިންސާފު ގާއިމުކުރުމުގެ އެންމެ އުހުގައި މިއޮތީ ސްޕްރީމް ކޯޓެވެ. އަދި ގާނޫނުއަސާސީ ބުނާގޮތުން އެގާނޫނުއަސާސީ މާނަކުރުމުގެ އެންމެ އިސްފަރާތަކީވެސް ހަމަ ސްޕްރީމްކޯޓެވެ. ކަންމިހެން އޮތުމުން ސްޕްރީމްކޯޓުން ނިންމާ ކޮންމެ ނިންމުމެއް ، ކަނޑައަޅާ ކޮންމެ ހުކުމެއް ، އަދި ، ބުނާކޮންމެ ބަހަކާއި ނެރޭ ކޮންމެ ބަޔާނަކީ އެއާމެދު ރައްޔިތުންގެ ހިތުގައި ސުވާލު ނޫފެދޭވަރުގެ ކަމަކަށް ވާންޖެހޭނެއެވެ.
މިހާތަނަށް ބަލާއިރު ސްޕްރީމްކޯޓުން މައްސަލަތައް ނިމޭނެގޮތް ބައެއްމީހުންނަށް މާކުރީން ބުނެދޭން އެގުމާ ، ތާކުންތާކު ނުޖެހޭކަންކަމުގައި އެކޯޓުގެ ބާރުވެރިކަން ދެއްކުމަށް ކުރެވިފައިވާ މަސައްކަތް ތަކުގެ ސަބަބުން ހަގީގަތުގައިވެސް ސްޕްރީމްކޯޓާމެދު ބައެއްމީހުން ސުވާލު އުފައްދަމުން ގެންގޮސްފައިވާކަން ފާހަގަ ކުރެވެއެވެ. މީގެ ކުރީންވެސް ކަނޑައެޅިގެން ގާނޫނުއަސާސީއާއި ޚިލާފަށް ބަސްބުނެ އިއްވި ކުރީގެ ވަގުތީ އުއްތަމަ ފަނޑިޔާރު މިހާރުވެސް ސްޕްރީމްކޯޓުގެ ބެންޗުގައި އިނުމާއި ، އެކޯޓުގެ ހައިބަތު ގެއްލޭފަދަ ކޮރަޕްޝަންގެ ބައެއް ކަންކަން ހިނގާފައިވާ ކަމުގެ އަޑުތައް އިވިފައިވާތީވެ، ކަމުގެ ހަގީގަތް ކޮންމެ ގޮތަކަށް އޮތަސް ސްޕްރީމްކޯޓާއި މެދުގައި އެންމެންދެކެނީ އެންމެ ރަނގަޅަށް ކަމުގައި ދަންނަވާކަށް ނުކެރޭނެއެވެ.
ޑިމޮކްރަސީގައި ރައްޔިތުންގެ ފާޑުކިއުން އިތުރުވެސް ވާނެއެވެ. އެންމެ ފަސޭހައިން މާބޮޑު ބުރައެއްނެތި ހަލުވާލެވޭ އިންސާނާގެ ގުނަވަނަކީ ދޫކަމުގައި ވެފައި، އެ ދުލަކީ ދުނިޔޭގައި ލެއްވި ހުރިހައި ކަމަކަށް ބަސްކިޔާ ހަމައެކަނި އިންސާނާގެ ގުނަވަންކަމުން އަދުލު އިންސާފު ކީއްކުރަން އެހެންކަންކަން ކުރާންތިބޭ ބަޔަކަށްވެސް ފާޑުކިއުމަކީ އިންސާނީ ތަބީއަތެވެ. އެކަމެއް ބަދަލެއް ނުވެސް ކުރެވޭނެމެއެވެ. ނަމަވެސް ކޮންމެ ކަމެއްވެސް މީހުން އެންމެ ގަބޫލުކުރާ މިންވަރަކަށް އޮންނާންޖެހޭނެތާއެވެ.
މުޅިގައުމުގެ ދޫތަކުން ، މިދެންނެވީ އިދިކޮޅު ބައެއްފަރާތްތަކާއި ، އެއްކޮޅު ފަރާތްތަކުންވެސް ޝަރުއީ ނިޒާމުގައި ފޫނުބެދޭ ކަންކަން ހުރިކަމުގައި ބުނެ، ގޮވަމުންދާ މިފަދަ ދަނޑިވަޅެއްގައި، ހަމައެހެންމެ އެމީހެއްގެ ނިޔާތަކާމެދު އަބަދުވެސް ސުވާލުއުފެދޭގޮތަށް ، ޖިނާއީ ކޯޓުގައި މަކުނެއް ވާފުރައިގެން އިންހެން އެއިން އަބުޅޯގާޒީ ގެ މައްޗަށް އެތަކެއް ސުލޫކީ މައްސަލަތަކެއް ހާމަވެ ޖޭއެސްސީއިންވެސް ބަސްބުނެފައިވާ މިފަދަ ދަނޑިވަޅެއްގައި ރާއްޖޭގެ ޝަރުއީ ދާއިރާއިން ބުނާބަހެއް ، އިއްވާ ހުކުމަކާމެދު ރައްޔިތުން ސުވާލު ނޫފައްދާނެ ކަމުގައި ބުނެވޭކަށް ނެތެވެ.
ކާށިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އިސްމާއީލު އަބްދުލް ޙަމީދުގެ މައްޗަށް އެވަނީ ޚިޔާނާތުގެ ކުށެއް ސާބިތުވެ އެއްއަހަރަށްވުރެ ދިގުމުއްދަތަކަށް އެބުނާ ސުލޫކުން ބޭރުވެފައިވާ ފަނޑިޔާރު ކަލޭގެ ތަންއޮތްތާ ގޮނޑިއަޅައިގެން މުޅިތަން ސިޔާސީ ކޮށްގެން އިންނަ ކޯޓުން ނިޔާއިއްވާފައެވެ. އެތައް ސުވާލުތަކެއް މިހާރުވެސް އެހުކުމާމެދު އުފެދިފައި އެބަވެއެވެ. ނަމަވެސް މިފަހަރު އަޅުގަނޑުވެސް އެއްބަސްވާހިތް އޮތީ ކިތަންމެ ނޭދުނަސް އިދިކޮޅު މީހުންނާއިއެވެ. އެހެނީ ކާށިދޫ ދާއިރާގެ ގޮނޑި ގެއްލޭނެކަން އެކަން ރާއްޖޭގެ ޝަރީއަތްތައް ނިމޭނެ ގޮތް އަބަދުވެސް މާކުރީން ބުނެދެމުން ގެންދާ މީހަކު ފާޅުގައި ބުނެފައިވާތާ ގިނަދުވަހެއްނުވެ، މެންބަރު ހަމީދުގެ މައްޗަށް ގޮނޑި ގެއްލޭފަދަ ހުކުމެއް އެވަނީ އިއްވާފައެވެ. އަދި ސްޕްރީމް ކޯޓުގައި ހިނގަމުންދާ އެފަދަ މައްސަލައެއްގައިވެސް ހުކުމް އަންނާނެގޮތް އެމީހަކު އެއޮތީ މީގެ މާކުރީން ބުނެފައެވެ. އެކަމުގެ ދޮގުތެދުވެސް އެނގޭނީ ނިމުނީމަތާއެވެ. އެހެންކަމުން މިދެންނެވި ކަންކަމުގެ މައްޗަށް ރިއާޔަތްކޮށް ދަންނަވާނަމަ އަޅުގަނޑަށް ބޮޑަށް ބުރަވެވެނީ އޮޑިފައްތާ ކަލޭގެ އެބުނާގޮތަށް މިކަންކަން ނިމިގެން ދާނެކަމުގައެވެ. ފަހަރެއްގައި ޗާޓުން ބޭރުގައި ކޯޓުތަކުގެ ހުކުމަށް ބާރުފޯރުވުމުގެ ހައްގު ޝަރުއީ ދާއިރާއިން އެބުނާ އޮޑިފައްތާ ކަލޭގެއަށް ދީފައި އޮންނަނީ ކަމުގައިވެސް ވެދާނެތީއެވެ.
ކޮންމެއަކަސް ސްޕްރީމް ކޯޓުން ކާށިދޫ ދާއިރާގެ މެންބަރުގެ މައްސަލާގައި އެވަނީ ހުކުމެއް ކޮށްފައެވެ. އެހުކުމުން އެނގޭ ގޮތުގައި އިސްތިއުނާފުގެ ހުރިހައި މަރުހަލާއެއް ނިމެންދެން ކާށިދޫ ދާއިރާގެ ގޮނޑި ހުސްވިކަމަކަށް ނުބެލެވޭނެއެވެ. ނުބުންޏަސް ރައްޔިތުންގެ މަޖިލީހުގައި އެގޮނޑި މީހަކު ވަގަށް ނުނަގާހާ ހިނދަކު ހުންނާނެކަން އެބައެނގެއެވެ. ނަމަވެސް ގޮނޑީގައި މީހަކު ނެތްނަމަ ގޮނޑި ހުންނާނީ ހުހަށެވެ. މާނައަކީ ކާށިދޫ ދާއިރާއަށް ނިސްބަތްވާ މިކިޔާގޮތުން ފަސްހާސްމީހުންގެ އާބާދީއެއްގެ ބަސްބުނުމުގެ ހައްގު ދިވެހިރާއްޖޭގެ ގާނޫނު ހަދާ މަޖިލިހުގައި އެގޮނޑި ހުސްކޮށް ހުރިހައި ދުވަހަކު ގެއްލިފައި އޮންނާނެއެވެ. އެހެންނަމަ ގޮނޑި ހުސްނުވާ ކަމުގައި ދެންބުނާނެ ތަނެއް އެބައޮތްބާއެވެ. ނޫނީ އެގޮތަށް އެބުނި ބައެއްގެ ބުއްދި ސަލާމަތުން އެބަހުރިތޯ ސުވާލުކުރުމުގެ ޖާގަ ނޯންނާނެބާވައެވެ؟
ދަށުކޯޓުން ކޮށްފައިވާ ހުކުމަށް ތާއީދުކޮށް ހައިކޯޓުން އެވަނީ ހުކުމް ކޮށްފައެވެ. ނަމަވެސް ސްޕްރީމްކޯޓުން އަދި އެކަމުގައި ހުކުމެއް ނެރުމުގެ ފުރުސަތު އެބައޮތެވެ. އެހެންކަމުން ހުށައެޅިއަސް ނޭޅިޔަސް ، ގައުމީ މިފަދަ މައްސަލައެއްގައި އެންމެ ފަހުގެ ބަސްބުނުމަށް ސްޕްރީމްކޯޓު އަވަސްވާން ޖެހޭނެ ކަމުގައި ގަބޫލުކުރެވެއެވެ. ބައެއް ކަންކަމުގައި ވާއެއް ނުވާއެއްނޭނގި ދަށުކޯޓުތަކުގެ މޭޒުމަތީގައި ހުންނަ ހުރިހައި ފައިލު ތަކަކަށް ދާންދެން ގެންދާ ބަޔަކު އެމީހުންގެ މަސްލަހަތު ހިމާޔަތް ކުރުމަށް މަސައްކަތްކުރާ ބީދައިން ، އިދާރީ ދާއިރާއެއްގެ އެންމެހައި ރައްޔިތުންގެ ހައްގުތައް ހިމާޔަތް ކުރުމުގައި މާއަވަހަށް ފިޔަވަޅު އަޅާން ޖެހޭނެ ކަމުގައި ގަބޫލުކުރަމެވެ. ނަމަވެސް ދައުލަތުގެ ބަޖެޓާއި މިނޫންވެސް މުހިންމު ބިލްތަކެއް މަޖިލީހުން ފާސްކުރާން ޖެހިފައިވާ މިދަނޑިވަޅުގައި ދިވެހި ރައްޔިތުންގެ އެތަކެއްހާސް މީހުންގެ ހައްގު ނިގުޅައި ގަނެވޭފަދަ ގޮތަކަށް ކަންކަން ކުރުމަކީ އިތުރަށް ޝަރުއީ ދާއިރާގެ މައްޗަށް ތުހުމަތުގެ އިނގިލި ދިއްކުރުމަށް ހުޅުވާލެވޭނެ ދޮރެއް ކަމުގައި ދަންނަވަން ޖެހެއެވެ. އެހެންކަމުން އަޅުގަނޑު މިއުފައްދާ ސުވާލަކީ ، ސްޕްރީމް ކޯޓުގެ އެ ނިންމުން ހަމަ އެންމެ ރަނގަޅުބާއެވެ؟ ކުށްކުރި ކަމުގައި އެވަނީ މެމްބަރެވެ. އެކަމަކު ގެއްލިގެން އެދަނީ ކާށިދޫ ދާއިރާގެ އެންމެހައި ރައްޔިތުންގެ ހައްގެވެ. ގޮނޑި ގެއްލިއްޖެ ކަމުގައި ނިންމިނަމަ ވީއެންމެ އަވަހަކަށް އެގޮނޑީގައި މީހަކު ބޭންދުމަށް ކަންކުރާންތިބި މީހުން އުޅޭނެތާއެވެ. އެފުރުސަތުވެސް މިއޮތީ އަދި ނެތިފައެވެ