މެންބަރުންގެ ޚިޔާލު: ޝަރުއީ ދާއިރާ ރިފޯމު ކޮށްގެން މެނުވީ ގައުމު ކުރިއަށް ގެންދެވޭކަށް ނެތް!!

ފުނަމާ

justice-building-400-x-300

ހަގީގަތުގެ މައްޗަށް ކިތަންމެ ފަހެއް އެޅިކަމުގައި ވީނަމަވެސް ފޮރުވައެއް ނުލެވޭނެއެވެ. އެއްވެސް ބައެއްގެ މެދުގައި އަދުލުވެރި ކަމާއެކު އިންސާފު ގާއިމު ނުކުރެވޭ ކަމުގައި ވާނަމަ އެބައެއްގެ މެދުގައި ހަމަޖެހުމެއް ގާއިމެއް ނުކުރެވޭނެކަން އެންމެންވެސް ދަންނާނެއެވެ. އިންސާފާއި މެދު ދޭދޭ ފަރުދުން ދެކޭގޮތް ތަފާތުވެދާނެއެވެ. އެހެންނަމަވެސް އެންމެންގެ މެދުގައިވެސް އެއްބަސްވެވޭ ހަގީގަތެއް ނުވާ އިންސާފަކަށް އިންސާފެކޭ ނުކިޔޭނެއެވެ.
ދިވެހި ރާއްޖޭގެ ރައްޔިތުންގެ މެދުގައި މިއަދު މިއޮތް ހުރިހާ މައްސަލަ ތަކަކާއި ޚިޔާލު ތަފާތުވުން ތަކުގެ އަސްލަކީ ރާއްޖޭގެ ޝަރުއީ ނިޒާމުގައި ހެދިފައިވާ ބޮޑެތި ބާގަނޑުތަކޭ މިދަންނަވަނީ ފިސާރި ކެރި ހުރެގެންނެވެ. މިހާތަނުން އަމާޒުވާނެ ސުވާލަކީ އެފަދަ ބާގަނޑުތަކެއް މިހުރީ ކީއްވެގެންތޯ އެވެ؟ ޖަވާބުގައި އެކިމީހުން އެކިގޮތަށް ބުނުމަކީ އެމީހެއްގެ ވިސްނުމާ ގުޅިފައިވާ މިންވަރު ކަމުގައި ވެދާނެއެވެ. ސަރުކާރުން ޝަރުއީ ނިޒާމުގެ ތެރެއަށް ނުފޫޒު ހިންގަނީ ހެއްޔެވެ؟ ޝަރުއީ ދާއިރާގައި ތިބި ފަނޑިޔާރުންގެ ފެންވަރު ދެރައީ ހެއްޔެވެ؟ ޝަރީއަތް ކުރާންތިބި ބައެއްގެ ސިކުނޑީގައިވެސް ސިޔާސީ ފިކުރު ބޮޑުވެ ވަކިއަތަކަށް ޖެހެނީ ހެއްޔެވެ؟ މިއީ އެންމެ އާދައިގެ ބަހުރުވައިން ކުރެވިދާނެ، އެހެނަސް އޭގެ ޖަވާބު ހޯދުމަށް ފަސޭހަ ނުވެދާނެ ދެތިން ސުވާލެކެވެ.

ސަރުކާރުގެ ސިޔާސަތުތައް ކަނޑައަޅައި ގައުމު ކުރިއަށް ގެންދިއުމުގެ ވާޖިބު ގާނޫނީ އިމުގެ ތެރެއިން ލިބިދެނީ އެއިރެއްގައި އެހުންނަ ވެރިއަކަށެވެ. ދައުލަތުގެ ދެންހުރި ބާރުތަކަކީ މިސިޔާސަތުތައް ތަންފީޒު ކުރުވުމުގައި ސަރުކާރަށް އެއްބާރުލުން ދިނުމާއެކުމެ، ސަރުކާރު ޒިންމާދާރު ކުރުވުމުގެ ވާޖިބުވެސް އަދާކުރުމުގައި އިޚުލާސްތެރިވެ އޮންނާންޖެހޭ ބާރުތަކެކެވެ. މިނޫން މާނައެއް ނަގައިގެން އެއްބަޔަކު އަނެއްބަޔަކާ ބާރުގެ ހަނގުރާމައެއް ކުރަމުން ގެންދާހާ ދުވަހަކު މިގައުމަކަށް ހަމަޖެހުމެއް ނާންނާނެއެވެ. އަދި ކޮންމެ އިރެއްގައި ވިޔަސް ރައްޔިތުން އެމީހުންގެ މައްޗަށް ވެރިކުޅަ ސަރުކާރެއްގެ ކުރިނުބައްދައި ކަންކަން ހެޔޮގޮތުގައި ކުރުމުގެ ފުރުސަތު ދައުލަތުގެ އެހެން ބާރުތަކުން ވަލީއުލް އަމްރަށް ދީގެން މެނުވީ ކާމިޔާބު ކަމާއެކު ސަރުކާރެއް ނުހިންގޭނެއެވެ. ގައުމެއް ރައްޔިތެއް ކުރިއަކަށް ނުގެންދެވޭނެއެވެ. މިޔަކީ ކަންކުރާން ތިބޭ ބަޔަކު ކުޑަހިނދު ކޮޅަކަށް ނަމަވެސް ހަނދާން ނައްތާލައިގެން ވާނެ ކަމެއް ނޫނެވެ. އަދި ހަމަ އެހެންމެ ސަރުކާރަކުން ބޭނުންވާހާ ގޮތަކަށް ޝަރުއީ ނިޒާމު ގަޑުބަޑު ކުރުމަކީ އެއްވެސް ހާލަތެއްގައި ތަރުހީބު ދެވިގެންވާނެ ކަމެއް ނޫނެވެ.

ދުނިޔޭގައި ބާވައި ލެއްވި ދީނެއް ކަމުގައިވިޔަސް އަދި، އަމިއްލައަށް ބަޔަކު ގަބޫލުކުރާ ގޮތްތަކަކަށް އުޅުނު ކަމުގައި ވިޔަސް އެބައެއްގެ މެދުގައި ޝަރީއަތެއް އޮންނާންޖެހޭ ކަމުގައި ދެކިގެން ދުނިޔޭގެ ނިޒާމުގެ ތެރެއަށް ޝަރުއީ ނިޒާމު މިވަނީ ތަޢާރަފު ކުރެވިފައެވެ. ވަކި ސިފަތަކާއި ގޮތްތަކެއް އަދި ، ގަބޫލުކުރުންތަކެއް ހިމެނިގެން އުފެދިފައިވާ މިނިޒާމަކީ ދުނިޔޭގެ ކޮންމެ ބައެއްގެ މެދުގައިވެސް އޮންނާންޖެހޭނެ ކަމުގައި އެންމެންވެސް ދެބަސް ނުވާނެ ހަގީގަތެކެވެ. ކާތަކެތި ލޮނާނުލާ ސައްޚަ ނުވާ ބީދައިން ޝަރީއަތަކާ ނުލައި ގައުމެއް ސައްޚައެއް ނުވާނެއެވެ. އެހެންކަމުން ޝަރުއީ ނިޒާމަކީ ކޮންމެ ބައެއްގެ މެދުގައިވެސް އެންމެ ހަރުދަނާވެ ގާއިމު ކުރެވިފައި އޮންނާންޖެހޭނެ ނިޒާމު ކަމުގައި ބުނާކަށް ޖެހިލުމެއް ނުވެއެވެ.

މިހިސާބުން އުފެދޭ ސުވާލަކީ އޮންނާންވީ ކޮންކަހަލަ ޝަރުއީ ނިޒާމެއްތޯއެވެ؟ އެކި ހަޟާރަތް ތަކުގައި މިސުވާލުގެ ޖަވާބު ތަފާތުވިއެއް ކަމަކު މިމުސްލިމު ގައުމުގައި ގައިމުވެސް އޮންނާންޖެހޭނީ އިސްލާމީ ޝަރީއަތް ކަމާމެދަކު އެކަކުވެސް ދެބަހެއް ނުވާނެއެވެ. މިޝަރީއަތަކީ މުޅިދުނިޔެވެސް އެންމެ އިންސާފުވެރި ކަމުގައި ގަބޫލުކުރާ ޝަރީއަތެވެ. މިޝަރީއަތުގައި ހަމައެކަނި އޮތީ އަތްކެނޑުމާއި ރަޖަމުކުރުމާއި މެރުން ކަމުގައި ގަބޫލުކުރާ ބަޔަކު ތިބިނަމަ އެބަޔަކީ މިޝަރީއަތުގެ ދާއިރާ ވަރަށް ހަނި ވިސްނުމެއްގެ ތެރޭގައި ބަންދު ކޮށްގެން ތިބިބަޔަކަށް ވެދާނެއެވެ. އިސްލާމީ ޝަރީއަތުގައި ހުރި ކަމުގައި ބުނެވޭ ހަރުކަށި އަދަބުތައް ތަންފީޒު ކުރުމާމެދުގައި ހަމައެކަނި ޚިޔާލު ތަފާތުވަނީކީ މިޝަރީއަތަށް ފާޑުކިޔާ ، ގަބޫލުނުކުރާ މީހުން އެކަންޏެއް ނޫނެވެ. މުސްލިމު ޢިލްމުވެރީންނާއި ، އިމާމުންގެ މެދުގައިވެސް މިކަމަކީ ޚިޔާލުގައި ކަފިވުންތަކެއް ހުރިކަންކަމޭ ދަންނަވަން ޖެހެއެވެ. ދީނުގައި ހައްދެއް ކަނޑައެޅިގެންވާ ކަންކަމުގައި ” ސުބުޙައެއް ” ނުވާ މިންވަރަށް އެކަމެއް ސާބިތު ކުރެވިގެން މެނުވީ ހައްދު ގާއިމު ނުކުރެވޭނެ ކަމުގައި އެންމެހައި ދީނީ އިލްމުވެރީން އެއްބަސްވެ ވަޑައިގަންނަވާއިރު އެވިދާޅުވާ ” އެއްވެސް ޝައްކެއްނެތް މިންވަރަށް ކުށްކުރިކަން ސާބިތު ކުރެވޭފަދަ ފަނޑިޔާރުންނާއި ގާޒީން ބޭނުން ނުވާނެ ކަމުގައި ބުނުމަކީ ފުރަތަމަވެސް ހެދޭނެ އެންމެ ބޮޑު ގޯހެވެ. އިސްލާމްދީނާއި ފުށުނާރާ ގޮތަށް މިއަދުގެ ޒަމާނީ އާލާތްތަކުގެ ޒަރީއާއިން ހޯދޭ ހޯދުންތަކުގެ އަލީގައި ކުށްތައް ސާބިތު ކުރުމަށް ބޭނުންވާ ހެކިތައް ހޯދައިގަތުމުގެ ގާބިލްކަން ދިވެހި ފުލުހުންގެ ކިބައިގައި ހުރިނަމަވެސް އެހެކިތައް މިނެކިރައި ޝަރުއީ ހަމަތަކާއި އަޅައި ބަލައި އިންސާފު ކުރާން ނޭނގޭ ވަރުގެ ބަޔަކު ފަނޑިޔާރުންނޭ ކިޔާފައި “ދީވަލްޕާ އިންނަހެން ” ކޯޓުތަކުގެ ގޮނޑިތަކުގައި މަޑިއްޕައިގެން ތިބުމަކީ ޝަރުއީ ނިޒާމަށް ކުރެވޭ މަލާމާތެކެވެ. ފަހަރެއްގައިވެސް މިބަހަކީ ރާއްޖޭގެ ފަނޑިޔާރުގެ ތަކުގައި އެތިއްބެވި ހުރިހައި ފަނޑިޔާރުންނަށް ނިސްބަތްކުޅަ ބަހެއް ނޫނެވެ. ތިމާޔަށްވުރެ ތިމާގެ ބައިމަތި ފުޅާނޫންކަން އެނގޭ ފަނޑިޔާރުން މިގައުމުގައިވެސް ޚިދުމަތުގައި އެބަތިއްބެވިއެވެ. އެހެންނަމަވެސް ދީނުގެ ކުރިއަށް ތިމާގެ ސިޔާސީ ފިކުރު ނެރެގެން ރައްޔިތުން ގުނބޯ ނައްޓުވަން، އިސްލާމީ ޝަރީއަތުގެ އަގުވައްޓާލަން މަސައްކަތްކުރާ އެތަކެއް މީހުން ފަނޑިޔާރުންގެ ކޯރިއަޅައިގެން މިގައުމުގެ ފަނޑިޔާރުގެތަކުގައި އެބަތިބި ކަމުގައި ގިނަ ބަޔަކު ބުނާނަމަ މިއީ ހުރިހައި ކަމެއް ހުއްޓާފައި ނަމަވެސް އެކަން ބަލާންޖެހޭނެ ކަމެކެވެ. އެހެނީ ޝަރުއީ ދާއިރާ ރިފޯމުކޮށްގެން މެނުވީ ގައުމުގައި ހަމަޖެހުމެއް ގާއިމު ކުރެވޭކަށް ނުވަތަ ގައުމު ކުރިއަށް ގެންދެވޭކަށްވެސް ނެތެވެ. ރިފޯމުކުރުމޭ މިދެންނެވީ ފަހަރެއްގައިވެސް އިސްލާމީ ޝަރީއަތް ބަދަލުކުރުމަކަށް ނޫނެވެ. ޝަރީއަތް ހިންގާންތިބި ބައެއްގެ ވިސްނުމާއި އެމީހުންގެ ގާބިލުކަން މިނެކިރައިގެން މެނުވީ މިކަން ކުރެވޭކަށް ނެތެވެ. ގާނޫނީ އަމުރަކުން ނުވަތަ ރައްޔިތުންގެ ބާރުން ވިޔަސް މިކަން ކުރަން އެބަޖެހެއެވެ. މާލަސްވެސް ވެއްޖެއެވެ. އެހެންނޫނީ މުޅިގައުމު ފެއިލްވާނެ ކަމާމެދަކު ޝައްކުލާ ރަށްދެއް ނެތެވެ!