މެންބަރުންގެ ޚިޔާލު: މިވަރުގެ ވެރިޔަކު ދުށިން ހެއްޔެވެ؟

ފުނަމާ

27719_9d519873-a_

މިއަދު މިހެން ބުނަނީ މިރާއްޖޭގެ މީހުން އެކަންޏެއް ނޫނެވެ. ބޭރުގެ މީހުންވެސް މިހެން ބުނާލެއް މަދެއް ނޫނެވެ. އިނގިރޭސި ވިލާތުން ތައުލީމު ހޯއްދެވިއެއް ކަމަކު ރާއްޖޭގެ ތާރީޚު އެންމެ ރަނގަޅަށް ދިރާސާ ކުރައްވައިގެން މިރާއްޖޭގައި އެތަކެއް ހާސްއަހަރަށް މޫލައިފައިވާ އަނިޔާވެރި ވެރިކަމުގެ ވަށްޓަފާޅި މުޅީން ބަދަލުކޮށްލުމަށް ކުރެއްވި މަސައްކަތުގެ އުޖޫރައެއްގެ ގޮތުގައި ކުރީގެ ސަރުކާރުން ޖަލުގެ އަނިޔާތައް ދިނެއް ކަމަކު ރައްޔިތުން ހެޔޮހިތުން މިއަދު ކެނެރީގޭ މުހަންމަދު ނަޝީދާއި އެވަނީ މިގައުމުގެ ވެރިކަން ހަވާލުކޮށްފައެވެ. އުންމީދު ތަކަކާ އެކުގައެވެ.
މިޖީލުގައި ދިވެހިރާއްޖޭގައި ބަސްކިޔާ އުމުރުގެ ބޮޑުއާބާދީއަކީ ކުރީގެ 30 އަހަރުގެ ވެރިކަމުގެ ކުނިވަހާއި އަނިޔާ ނޫނީ ދުށުމުގެ ނަސީބު ނުލިބޭ ބައެކެވެ. ދުނިޔެއަށް އުފަންވެ މީހުންނާ އިނދެ ދަރީންލިބި އެދަރީން އަނބި، ފިރި ފުރަޔަށް އެރީ އެވެރިކަމުގައި ހުރި މީހެއްގެ މުނާފިގުކަން އެކުލެވިގެންވާ މޫނުއެކަނި ދެކިގެންނެވެ. އަނިޔާވެރި ކަމުގައި ހައްދުފަހަނަ އަޅައި ރައްޔިތުންނަށް ދިންއަނިޔާތަކުގެ ހިތިރަހަ ނުދެކޭ ހަމަ އެންމެ ފަރުދަކުވެސް މިގައުމުގައި ނޫޅެއެވެ. ތިމާއަށް ނޫނީ ތިމާގެ މައިން، ބަފައިން ނުވަތަ އާއިލާގެ ކޮންމެވެސް މީހަކަށް އިންސާފުން އެއްކިބާވެ ލާއިންސާނީ އަނިޔާއެއް ދީފައިނުވާ އެންމެ ހިޔާވައްސެއްވެސް މިގައުމުގައި ދެދޮރުފަތް ޖައްސާފައި ނުވެއެވެ. މުސްކުޅި މައިން ބަފައިން މަރުވުމުން ލިބުނު ގޯތިގަނޑުގައި އާއިލާއާއި އެކުގައި އުފާވެރި ދިރިއުޅުމެއް އުޅުނަނުދީ ގެންގޮސް ޖަލުގެ ކުޑަގޮޅީގައި މީހަކު މަރާނުލާ މަދުއައިލާއެއް މެނުވީ މިގައުމުގައި ވާކަމަކަށް ނުވެއެވެ. ދައުލަތުގެ ހުރިހައި މުއްސަނދި ކަމެއް ވެރިމީހާގެ އަނބިދަރީންނާއި ގާތް ރަހުމަތްތެރީންނާއި އާއިލާއަށް ވަގުފުކޮށް ދީފައި އޮތްއިރު އިރުވައިގެ ތިންހަޅަ ޖަހާ ނިމޭއިރު ހަތަނުން ކަނޑައިގެންގޮސް ފުނޑުފުނޑު ނުވާ އެންމެ ބަދަރު ގަނޑެއްވެސް މިގައުމުގައި ހެދުނު ކަމަކަށް ނުވިއެވެ. މިނަރަލް ވޯޓަރުން ނޫނީ ވެރިމީހާގެ ކާފަދަރީންގެ ނަޖިހުން ފުރިފައިވާ ނެޕީގަނޑު ދޮންނަންވެސް ކަމުނުދިޔައިރު ރާއްޖޭގެ ރަށެއްގައި މީރުފެންފޮދެއް ލިބޭނެ އިންތިޒާމު ހަމަޖައްސައި ނުދެވުނެވެ. ތިމާމީހާގެ ފާހާނާގައި ރަނުގެ ތަށިބަހަށްޓައިގެން ނޫނީ ބޮޑުއަތިރިއަށް ނުދެވޭއިރު ރާއްޖެތެރޭގެ ހައެއްކަ ރަށުގައި މެނުވީ ނަރުދަމާގެ ނިޒާމެއް ގާއިމު ކޮށެއް ނުދެވުނެވެ. ރައްޔިތުންގެ އޮޑިފަހަރާ މުދާ ކަނޑަށް އަރަގުވެ ދިޔައިރު ވަންނާން އޮންނަ ނެރާދިމާލުން ވައިރޯޅިއެއް ވެލައިފި ނަމަ މާކަނާ ހިނގާ ގޮތަށް މެނުވީ ބަނދަރެއް ހަދައި ދެވުނު ކަމަކަށް ނުވިއެވެ. ރައްޔިތުންގެ ކަރަށް އަތްބާނައިގެން ގަދަކަމުން ވޯޓު އަތުލައިގެން ވެރިކަމުގައި ފަތަރާސީވެގެން ތިރީސްއަހަރު އިންއިރު ބިމުއަޑިޔަށް ގެއްލިނުދާ ބިންގަލެއް އެޅުނީ މަދުފަހަރަކުއެވެ. އެވެސް ބުނެއުޅެނީ ކޮއްކޯ ފުޅު ހިތްޕުޅާވާ ތަންކޮޅެއް ރިހަވައްތަރުގެ ކަތީބަކު ހުރިއްޔާއެވެ. ނޫނީ ތިމާ އެމީހެއްގެ ނިއްކުރީގައި އަމިއްލައަށް ” ބޮޑުވަގުގެ ” ސިއްކަ ޖެހި ޅިޔަނު ހިތްޕުޅާވާހާ ޅަބާޅަ އަންހެންކުދީން ޖާރިޔާއިންގެ ގޮތުގައި ވަގުފުކޮށްދިން ރަށްރަށަށެވެ. މިވެސް މަދުރަށަކަށް މެނުވީ ލިބުނު ނަސީބެއް ނޫނެވެ.
ވެރިކަމަށް އައިއިރު މުޅި އޭޝިޔާގައި އޮތް އެންމެ ބޮޑު ޝިޕިންގ ލައިން އޮތީ ގައިމުވެސް ރާއްޖޭގައެވެ. ފަހަރަކު ބޯޓެއް ވިއްކައި ކައި ގުޔަށް ހެދިއިރު ރާއްޖޭގައި އެކަމާ ދެކޮޅަށް ބަހެއް ބުނާ ކޮންމެ މީހަކުތިބީ ކުޑަދުލަށް ދާންދެން ވާކޮށްލާފައެވެ. އެންމެފަހުން އެކުންފުނީގެ ބަލަދުވެރިކަމުގައި އުފެއްދި ކުންފުނީގެ ދަށުގައި އޮތް ރިސޯޓުގަނޑުވެސް ހައެއްކަ ތަމަޅައިން މާލެއެރީމައި ގަންނާކުރައްވާ ބިރުން ދުވަނިކޮށް އަނދެގެންހުރި ފޮތިގަނޑުގެ ދަށަށްލައި ފޮރުވައިދިން އަންހެނަކަށް އޮތީ ދީނިންމާފައި ކަމުގައިވެސް ބަޔަކު ބުނާއަޑު އެހީމެވެ. ބޭރު ގައުމަކުން އެހީއެއް ދީފިނަމަ އެއީ ޑޮލަރުން ކަމުގައި ވާނަމަ ކޮންމެވެސް ކޮއްކޮއެއްގެ އެކައުންޓަށް ލައިގެން ދިރުވާލައިގެން ނޫނީ ލޮލަކަށް ނިންޖެއް ނާދެއެވެ. ދުނިޔޭގައި ވަގުންނާއި ފޭރޭމީހުންނޭ ބަޔަކަށް ކިޔާނަމަ އެބަޔަކަށް ހަތިޔާރާއި ތެލާއި ކާބޯތަކެތި ދީގެން ބަދަލުގައި ގެނައި މަސްތުވާ ތަކެތީން މުޅިގައުމުގެ އާބާދީގައި ހިމެނެންޏާ ހިމެނޭ ޒުވާނެއް ވިއްޔާ އެއަވައިގައި ޖެއްސިޔޯލައެވެ. މިއީ މީގެ ދެތިންއަހަރު ދުވަހުގެ ކުރީގައި އަހަރެމެން ދުށް ވެރިކަމުގެ ހާލުގެ މިންވަރެކެވެ. މުޅިރާއްޖެ ވިއްކާލީ ކާކުތޯ އަޅެ އެބެޔާ ސުވާލުކޮށްލަ ބަލާށެވެ.
މިއަދު މިގަައުމުގައިވެސް އެހެރީ ރައްޔިތުން އިންތިޚާބު ކޮށްފައިހުރި ވެރިއެކެވެ. ގާނޫނީ ގޮތުން ކުރީގެ ވެރިމީހާއަށްވެސް ލިބެންޖެހޭ ހުރިހައި އިނާޔަތަކާއި އިއްޒަތަކާއި ގަދަރެއް ލިބިގެންވޭމެއެވެ. ނަމަވެސް ވެރިކަމުގެ ޝާނާ ޝައުކަތުގެ އަޖަލުގައި ޖެހި ބޮޑާވެ ކިބުރުވެރިވެގެން އުޅޭތަނެއް ނުފެނެއެވެ. އެންމެ އާދައިގެ މީހާއަކީވެސް ތިމާގެ ސާހިބެއްކަމުގައި ގަބޫލުކުރަށްވައެވެ. ކޮންމެ މީހަކާއި އެކުގައި ކާލައި ބޯލައި އުޅެވެއެވެ. އޮޅުލައި ސަލާމްކޮށްލައި ހިތްހެޔޮކޮށް އުޅެލެވެއެވެ. ކޮންމެމީހަކަށް ބަސްދެންނެވެއެވެ. އާދައިގެ ގޭގޭގައި އެހުންނަ ފެންވަރުގެ ފާހާނާ ތަށިވެސް ފުދެއެވެ. ޔާރުންނާއި ، ހަތުރުންނާއި މުއާމަލާތު ކުރުމުގައި ފަރަގެއް ނުގެންގުޅުއްވައެވެ. ވިދާޅުވި ކަމެއް އެވިދާޅުވި ގޮތަކަށް ރައްޔިތުންނަށްޓަކައި ކޮށްދެއްވުމުގައި މަށަންދަތި ހިފައިގެން މަގުކުނި ކަހާން ޖެހުނަސް އެންމެ ރަނގަޅެވެ. ރޭގަނޑުގެ ނިންޖާއި އަރާމެއް ރައްޔިތުންގެ ކުރިއަކަށް ނުނެރުއްވައެވެ. ހޭލާހުރެގެން ލޮލުފިޔައެއް ނުޖަހައިވެސް ގައުމުގެ ކުރިއެރުމާއި ރައްޔިތުންގެ ލާބައަށް ޓަކައި ކުރައްވާންޖެހުނު ކޮންމެ މަސައްކަތެއް ވެވަޑައި ގަންނަވަންޖެހޭ ކޮންމެ ގުރުބާނީއެއް އެދަނީ ވެވަޑައި ގަންނަވަމުންނެވެ. ގައުމު ކުޑައެއް ކަމަކު ބިރެއްނެތި އެންމެ ބޮޑެތި ގައުމުތަކުގެ ކުރިމަތީގައިވެސް މިގައުމުގެ ހައްގުގައި ވިދާޅުވާންޖެހޭ ކޮންމެ ބަހެއް ވިދާޅުވެއެވެ، ދުނިޔޭގެ ބޮޑެތި ބޮޑެތި ވެރީންވެސް ތައުރީފުގެ ބަސްތަކުން އެވެދުން ކުރަނީއެވެ. މިވަރުގެ ވެރިޔަކު އަޅެ ދުށީމު ހެއްޔެވެ؟ މިގޮތުގައި މިގައުމު ކުރިއަށް ގެންދާނެ އެހެންމީހަކު މިގައުމުގައި އަޅެފަހެ އެބަހުރި ހެއްޔެވެ؟ ހުރިނަމަ 2018 ވަނަ އަހަރަށް އެފަދަ މީހަކު ދިވެހީން ބޭނުންވާނެއެވެ. ތައްޔާރުވެގެން ހުންނާށެވެ.