މުލަކަތޮޅު ކޮޅުފުށްޓަށް ޕީޕީއެމްގެ ވަފުދެއް ދިއުމުން ހަމަނުޖެހުން ހިނގައިފި

މ. މުރާސިލު

kolhufushi

11ނޮވެމްބަރ 2011 ހުކުރު ދުވަހުގެ މެންދުރުފަހު، ޕީޕީއެމްގެ އަނީސާ އަހުމަދު، ރާޝިދާ ޔޫސުފު، ޔުމުނާ މައުމޫނާއި އޭނާގެ ފިރިމީހާގެ އިތުރުން ސީލާމަނިކު ހިމެނޭ ވަފުދެއް މުލަކަތޮޅު ކޮޅުފުށްޓަށް ދިޔައިރު ކޮޅުފުށީގެ ގިނަ ރައްޔިތުންތަކެއް ހިންހަމަ ނުޖެހުމުގެ ޝުޢޫރުތައް ލިޔެފައިވާ ބެނަރތަކެއްގެ އިތުރުން 2004 ސުނާމީގައި އެރަށުން ގެއްލިދިޔަ ގޯތިގެދޮރުގެ ބަދަލުގައި ދާއިމީ ހިޔާވަހި އަޅައިދިނުމަށް އޭރުގެ ސަރުކާރުގެ ވެރިޔާ މައުމޫނު އަޅައިދިން ބިންގާ އެހުރިގޮތަށް ހިފައިގެން އައިސް ތިއްބެވެ.

އެމީހުން ގޮވަމުން ގެންދިޔައީ 30 އަހަރުން ނުކުރެވުނު ކަންކަން ކުރެވޭނެ ކަމުގައި ބުނާބަޔަކަށް އެރަށުން މަރުހަބާ ކިޔަން ބޭނުން ނުވާކަމުގައެވެ. އަދި 10 އަހަރުވަންދެން މުލަކަތޮޅުގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކުރިއިރު އަނީސާ އެރަށުގެ ރައްޔިތުންގެ ހައްގުގައި ކޮށްދިން އެއްވެސް ކަމެއް ނޯންނާނެ ކަމުގައެވެ. އަދި އެރަށުގެ ރައްޔިތުން ޕީޕީ ގޮއްވަން ބޭނުން ނުވާކަމުގައިވެސް އެމީހުން ގެންދިޔައީ ހަރުއަޑުން ގޮވަމުންނެވެ. އަދި މިއަދު މިސަރުކާރުން އެރަށުގެ ރައްޔިތުން ނުހަނު ހާލުގައި ވަގުތީ ހިޔާވަހިތަކުގައި އުޅެމުން ގެންދިޔަ ދިރިއުޅުން ހުއްޓުމަކަށް ގެނެސް ދާއިމީ ހިޔާވަހީގެ ގޮތުގައި 168 ގެ އަޅައި ނިންމަމުން ގެންދާއިރު އެމަސައްކަތްތަކަށް ހުރަސް އެޅުމަށް އަންނަ އެއްވެސް ބަޔަކަށް އެމީހުން ތަރުހީބު ނުދޭނެ ކަމުގައި ގޮވަމުން ގެންދިޔައެވެ.

ޕީޕީއެމްގެ ޓީމު ދަތުރުކުރި ލޯންޗު ކޮޅުފުށީގެ ބަނދަރަށްވަދެ ވާޓަރާ ކައިރި ނުކޮށް އެޓީމުގައި ހިމެނޭ ބައެއް ފަރާތްތަކުން ކޮޅުފުށީގައި ތިބި އެމީހުންގެ ތާއީދުއޮތް ބަޔަކާއި ގުޅައިގެން ނެރެ ނުރުހުން ފާޅުކުރާންތިބި މީހުންގެ ތެރެއަށް ވަދެގަނެ ހަމަނުޖެހުން ހިންގައި މާރާމާރީއަކަށް ވަނީ ބަދަލުވެފައެވެ. އަދި މިކަމުގެ ސަބަބުން ދެފަރާތުގެ މީހުންނަށްވެސް އެކިވަރުގެ އަނިޔާތައް ލިބިފައިވެއެވެ. އަދި ނުރުހުން ފާޅުކުރަމުްނ ގެންދިޔަ މީހުންނާއި އިދިކޮޅަށް ނުކުތީ ވަރަށް މަދުއަދަދެއްގެ މީހުން ކަމުގައި ވުމާއެކު ޕީޕީއެމްގެ ޓީމަށް ކޮޅުފުށްޓަށް ނޭރި އެނބުރި ވަނީ ގޮސްފައެވެ. އެހެންނަމަވެސް އެޓީމު މ. މުއްޔަށް ގޮސް ފުލުހުންނަށް ރިޕޯޓުކުރި ކުރުމާއި ގުޅިގެން ވަގުތުން ފުލުހުންގެ ޓީމެއް ކޮޅުފުށްޓަށް ގޮސް އެރޭގެ ވަރަށް ދަންވުމާ ހަމަޔަށް ނުރުހުން ފާޅުކުރަން ނުކުމެތިބި މީހުންގެ ތެރޭގައި ހިމެނޭ ދެތިން ޒުވާނަކު އެމީހުންގެ ބެލުމުގެ ދަށަށް ގެންގޮސް ސުވާލުކުރިނަމަވެސް އެއްވެސް މީހަކު ހައްޔަރު ކޮށްފަކާނުވެއެވެ.

11ވަނަ ދުވަހުގެރޭ ޕީޕީއެމްގެ ވަފުދު މުލީގައި ތިބިއިރު ފުލުހުންގެ ޓީމެއް އެމީހުން ކުއްޔަށް ހިފައިގެންތިބި ގޭގެ ދެފަރާތުގައި ފޯރިމަރަމުން ގެންދިޔައެވެ. މުލީގެ ތެރޭގައިވެސް ޕީޕީއެމްގެ ވަފުދަށް ބައެއްކަހަލަ ބަހުގެ ހޫނު ހަމަލާތައް ކުރިމަތިވި ނަމަވެސް ހަމަނުޖެހުމެއް ހިނގާފައި ނުވާކަން ފާހަގަ ކުރެވެއެވެ. ނަމަވެސް 12ވަނަ ދުވަހު އެޓީމުވަނީ މ. މުލަކަށް ބަދަލުވެފައެވެ. އަދި މުލަކުގައިތިބި ޕީޕީއެމްގެ ސަޕޯޓަރުން ގޮވައިގެން ކޮޅުފުށިން އެޓީމަށް ހުރަސްއެޅި ފަރާތްތަކަަށް ހަމަލާދީ ހަމަނުޖެހުން ހިންގުމަށް ކޮށުފުށްޓަށް ދާނެކަމަށާ އަދި އިދިކޮޅަށް ނުކުންނަ ބަޔަކު ބަނދެފައި ނަމަވެސް ކޮޅުފުށްޓަށް އަރާފައި ނޫނީ އެޓީމު މާލެއަށް ނުދާނެ ކަމުގައި އެޓީމުގައި ބައިވެރިވި ބައެއް ފަރާތްތަކުން ބުނަމުން ގެންދާ ކަމުގައި ބައެއްމީހުން ގެންދަނީ ބުނަމުންނެވެ. ނަމަވެސް މިފަދަ ކަމެއް ހިނގައިފިނަމަ މުޅިއަތޮޅުގެ ރައްޔިތުންގެ މެދުގައި ފިތުނަ އުފެދި ހަމަނުޖެހުންތަކަށް މަގުފަހިވެގެން ހިނގައި ދާނެ ކަމުގައި ދަންނަވަމެވެ. އަދި މިކަން ފުލުހުންގެ މުއައްސަސާއިން ކައިރިން ބައްލަވަމުން ގެންދިއުމަށް ގޮވާލަމެވެ.