ޝަރުޢީނިޒާމު މުޅިން ރޫޅާ އަލުން ރާވަންޖެހިފައި!

ފަހަލަސަޢީދު

judge

ނިމިގެން ދިޔަ ވެރިކަމުގައި ރާއްޖޭގެ ޝަރުޢީނިޒާމަށް ވަނީ އޭރުތިބި ގާޟީން ނޫންބަޔަކު އަންނަން ޖެހޭފަދަ ޙާލަތަކަށް އައިސްފައެވެ. އޭރުއްސުރެ އަދިވެސް ރާއްޖޭގެ ޝަރުޢީ ނިޒާމް ގައި މިތިބީ ކުރިން އެބުނާ މައުމޫނުގެ ވެރިކަން ދިފާޢު ކޮށް މައުމޫނުގެ ސަރުކާރަށް ސިއްރިޔާތުގައި ފާޑުކިޔާ މީހުން ފާރަލައިގެން ހޯދާ އެވެރިން ޖަލުގައި ގަރާރު ކުރި ކަމަށް ބުނާ ފަނޑިޔާރުން ނެވެ.
އޭރަކީ ވަރަށްގިނަ ސިޔާސީ މައްސަލަތައް ފުލުހުންވެސް ބަލަންޖެހިފައި އޮތް ދުވަސް ވަރަކަށް ވުމުން އަދި އޭރު ފުލުހުން ޝަރީޢަތުގެ މަޖްލީހުގައި ހުވާ ކޮށްފިނަމަ އިތުރު ބަޙުސެއް ނެތި އެމީހާގެ މައްޗަށް ކޯޓުން ހުކުމް ކުރަމުންދިޔަ ޒަމާނެވެ.
ސަރުކާރާ ދެކޮޅުހެން ހީވާ ކޮންމެ މީހަކު ނައްތާލުމަކީ އޭރުގެ ނެޓްވޯކްގެ ތެރޭގައި ގާއިމް ވެފައިވާ ސިފައެކެވެ.
އަދި އެފަދަމީހުންގެ ޝަރީޢަތްތައް ކޯޓުތަކުގައި ހިންގަނީ މަންޒަރު ދެއްކުމަށްޓަކައެވެ. ހަގީގަތުގައިވެސް ހުކުމް ކުރަނީ ރައީސުލް ޖުމްހޫރިއްޔާއެވެ. އޭރުގެ ރައީސުލް ޖުމްހޫރިއްޔާއަކީ އުއްތަމަ ފަނޑިޔާރުވެސް މެއެވެ. މިދެންނެވި މަގާމުތަކުގައި ރަމްޒީ ބަޔަކުވެސް ތިބޭނެއެވެ. ނަމަވެސް އެއީ ނިޒާމުގެ ތެރެއިން ދުނިޔެއަށް އޮޅުވާލެވިފައިވާ ސިއްރެކެވެ. އެހެންކަމުން ސަރުކާރާ މެދު ނުރެހޭކަމަށް ފެންނަ މީހުންގެ ޝަރީޢަތުގެ ޙުކުމް ކަނޑައަޅާ ލިޔެ ކޯޓުތަކަށް ފޮނުވަނީ ސީދާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ. ފަނޑިޔާރު ދެލޯމަރައިގެން އިންނަވާ ރައްޔިތުމީހާ ރުހުނަސް ނުރުހުނަސް ކަނޑާ ކަނޑާ ބަންގަޅީސް އެވެ.
ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ލިޔެފައި ފޮނުވާ ޙުކުމްނޫން ޙުކުމެއް ކޮށްފި ފަނޑިޔާރެއްގެ އަދަބަކީ މުޅި ޢުމުރު ޖަލުގައި ހޭދަކުރުމެވެ. އެހެންކަމުން ގާޟީންވެސް އެބޭފުޅުންނަށް އިޚުތިޔާރުލިބިގެންވާޒާތުގެ ޙުކުމެއް ކުރަން ޖެހިއްޖެނަމަ ރިޝްވަތުނެގުމާ މާލީ ފައިދާތައް ޙާޞިލް ކުރަމުންދިޔައެވެ. އަދިވެސް އެމަގާމުތަކުގައި ބާރުގަދަކޮށް އެތިބީ ހަމަ އެގާޟީންނެވެ
މިރާއްޖޭގެ ވެރިކަން ރައްޔިތުން ފުރޮޅާލީ ހަމަތިބެފައި ކޮށް ލިކަމެއްގެ ގޮތުގައެއް ނޫނެވެ. އަނިޔާވެރިކަމާ އަޅުވެތިކަމުގައި މުޅިދިވެހިއުންމަތް ގެނބެމުން ދަނިކޮށް ސަލާމަތްވުމަށްޓަކާ ބޭއިޚުތިޔާރުގައި ލެވުނު ފުރާނަސަލާމަތް ކުރުމުގެ ބާރުގެ ތެރެއިންނެވެ. އަޅުގަނޑު މިދެންނެވިވާހަކައިގެ ތެދުކަން މިހާރު ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެއެވެ.
އެއްމައްސަލައެއްގައި ޙާޟިރުކުރި ދެޚަސްމަކާ މެދު މިރާއްޖޭގެ ކުރިމިނަލް ކޯޓުން ޢަމަލު އެކުރި ގޮތް އެނގިވަޑައިގަންނަވާ އެއްވެސް ބޭފުޅަކު މިރާއްޖޭގެ ޝަރުޢީ ނިޒާމް ބަލައެއްނުގަންނާނެއެވެ.