މެންބަރުންގެ ޚިޔާލު: ސައިޒު އޮޅިގެންއުޅޭ މީހުންގެ ކިބައިން މި ގައުމު ސަލާމަތް ކުރުމުގައި އެންމެފަހުގެ ލޭތިއްކަށް ދާންދެން އަޅުގަނޑުމެން ތިބޭނީ ފިސާރި ސާބިތު ކަމާއެކުގައެވެ

ފަނޑިޔާރަކީ ވަލިއްޔުލް އަމުރަށް ވުރެ “ކުޑަ” މީހެއްކަން އޭނާއަށް އޮޅިއްޖެނަމަ އެކަން އަބަދުވެސް އޭނާ އަށް އަންގަންޖެހޭ

ފުނަމާ

އެމްޑީޕީ ން ކޮރަޕްޝަނާ ދެކޮޅަށް ބޭއްވި މުޒާހަރާއެއްގެ ތެރެއިން - ފޮޓޯ:އަނދާ
އެމްޑީޕީ ން ކޮރަޕްޝަނާ ދެކޮޅަށް ބޭއްވި މުޒާހަރާއެއްގެ ތެރެއިން - ފޮޓޯ:އަނދާ

ތިރީސް އަހަރުގެ ނުބައި ނުލަފާ ހަޑި މުޑުދާރު ވެރިކަން ބަދަލުކޮށް ރައީސް ނަޝީދުއާއި ދިވެހި ޖުމްހޫރިއްޔާގެ ވެރިކަން ދިވެހީން ހަވާލުކުރީ ގާނޫނުއަސާސީން ރައީސުލް ޖުމްހޫރިއްޔާއާއި ހަވަލުކޮށްފައިވާ އެންމެހައި މަސްއޫލިއްޔަތުތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމަށެވެ. ގާނޫނުން އެތަކެއް ބާރުތަކެއް ކަށަވަރުކޮށް ދީފައެވެ.
ބަޔަކު ނުކުމެ އެއީ ތިމަންނާމެން ” ތަބަކަކަށް ލާފައި ” ދިން ވެރިކަމެކޭ ، އިއްތިހާދުގެ ވެރިކަމެކޭ ، ގޮވިއެއް ކަމަކު އެއަކީ ފެންހިފާނެ ވާހަކައެއް ނޫނެވެ. އެހެންނަމަ އެބުނާ ބަޔަކު ތިބީހީ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ، ދެވަނަ ބުރަކަށް ވާދަކުރެވޭނެ މިންވަރުގެ ވޯޓު ހޯދައިގެންނެވެ. ދިވެހި ރައްޔިތުން އެބުނާ މީހުން ވެރިކަމަށް ގެނައުމަށް ބޭނުންނުވީމައި ފުރަތަމަ ބުރުން ފެއިލްވެ މަގުމަތި ވުމުން ، ދެންތިމާމެން ސަލާމަތްވެ ، އިއްޒަތާ ގަދަރުވެރި ކަމުގައި ތިބެވޭނީ އެމްޑީޕީގެ ހިޔަނީގައި ތިބެގެންކަން އެނގުމުން އެކަން އެގޮތައް ކުރިނަމަވެސް ، އެމްޑީޕީން އެމީހުންނަށް ” ތަބަކަކަށް ލާފައި ” އެދިން ގަދަރާއި އިއްޒަތުގައިވެސް ތިބޭންނޭގި މިއަދު އެތިބައުޅެނީ ރޭރުވެގެންނެވެ. ވިއްސިވިހާލި ވެގެންނެވެ. މިއަދު އެންމެ ފަހުން އެއިރު ތިމާމެން އެންމެ ” ފުޅަ ” ގޮވައިހެދި މީހާއަށް މިއަދު ޚުޝާމަދު ކުރާއަޑު އިވުމުން މިސިޔާސީ ވެށީގައި އެމީހުންގެ އަގަކީ ގެރިގުއި ބަސްތާއެއްގެ އަގަށްވުރެވެސް ދަށް އެއްޗެއްކަން މިދަނީ އެނގެމުންނެވެ. ކިތަންމެ ސިޔާސީ ވެގަންނާން އުޅުނަސް އެމީހުންނަކީ ސިޔާސީ ގޮތުން އެއްވެސް އުރަތްޕެއް އަމުދުން ނެތް ބައެއްކަން މިދަނީ އެނގި ހާމަވަމުންނެވެ.
ދިވެހި ރައްޔިތުން މިގައުމުގެ ވެރިކަން ކެނެރީގޭ މުޙައްމަދު ނަޝީދާއި ހަވާލުކުޅައީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީގެ ހުދޫދުގެ ތެރެއިން އެމްޑީޕީގެ މެނިފެސްޓޯ ތަންފީޒު ކުރުމުގެ އިތުރުން ގާނޫނުއަސާސީގައި ރައީސުލް ޖުމްހޫރިއްޔާއަށް ލިބިދީފައިވާ އެންމެހައި ބާރުތަކުގެ ބޭނުން ކުރައްވައިގެން މިގައުމުގައި ގާނޫނީ ވެރިކަމެއް ހިންގެވުމަށެވެ. ދައުލަތުގެ އެންމެހައި ބާރުތަކުން އެމީހުންގެ ޒިންމާ އެންމެ ފުރިހަމަ ގޮތުގައި އަދާ ކުރޭތޯ ކަށަވަރު ކުރައްވައިގެން ގައުމުގައި އަމަން އަމާންކަން ގާއިމު ކުރައްވައި އެންމެހައި ރައްޔިތުންގެ ހައްގުތައް ކަށަވަރު ކޮށްދެއްވުމަށެވެ.
ދައުލަތާއި ސަރުކާރުގެ އެންމެމަތީ ވެރިކަމުގެ އިތުރުން ދިފާއީ ބާރުގެ އެންމެ އިސްވެރިކަން ރައީސުލް ޖުމްހޫރިއްޔާއަށް ގާނޫނުއަސާސީން ލިބިދީފައި އެވަނީ ރަމްޒީ ނަމެއްގެ ގޮތުގައެއް ނޫނެވެ. އާރާއި ބާރު ކަށަވަރު ކޮށްދިނުމަށެވެ. ދައުލަތުގެ ބާރުތައް ވަކިކުރެވިފައި ވުމޭ ބުނާބަހުގެ މާނައަކީ ދައުލަތުގެ އެހެންބާރު ތަކުން ތިމަންނާމެންނާ އެހެންބަޔަކަށް ނުބެހެވޭނެޔޭ ގޮވަމުން ގައުމުގައި ވާޖަހައިގެން ގެންގޮސް ގާދޫކޮލުން އޮޔާލުމުގެ ބާރުދިނުމަކަށް ނޫނެވެ. އަދި ދައުލަތުގެ އެންމެ އިސްވެރިޔާއަށް ގޮންޖަހައި އާޑަފުރައްސާރަ ކުރުމަކަށް ނޫނެވެ. ދައުލަތް ހިނގާންޖެހޭނީ ސަރުކާރުގެ އަމާޒަށް ވާސިލުވުމަށް އެހީތެރިވެ ފައި ހަމަކުރަމުންނެވެ. އެނޫންގޮތަކަށް އަޅާ ކޮންމެ ފިޔަވަޅެއް ހުއްޓުވައި ހަމަމަގަށް ގެނައުމަކީ ރައީސުލް ޖުމްހޫރިއްޔާއަށް ލާޒިމުކުރާ ކަމެކެވެ. ބުނެގެންނާއި ނަސޭހަތް ދީގެން ނޫނީ އަމުރު ކޮށްގެން ، އެކަން ނުކުރެވޭނަމަ ސަލާމަތީ ބާރުގެ ބޭނުން ކޮށްގެން ނަމަވެސް އެކަން ކުރެއްވުމުގެ ބާރާއި އިޚްތިޔާރު ގާނޫނުއަސާސީއިން ރައީސުލް ޖުމްހޫރިއްޔާއަށް ލިބިދޭކަން ކަށަވަރެވެ. ” ސިޔާސީ ރަންޑީއަކު ” ތިމަންނާމީ މާބޮޑު ގާނޫނީ ފުންނާބެއް ލިބިފައި ހުރިމީހެކޭ ހީކޮށް ފޮތްބޮނޑި ކިހިލި ޖަހައިގެން ދުވެގޮސް ، އޭނާގެ މޫނުގެ ކުލަވަރަށް ދިވާނާވެފައި އިންނަ ފަނޑިޔާރެއްގެ ކުރިމަތީގައި ހުރެ ހަލުވާހާ އިނގިއްޔަކަށް ފަނޑިޔާރު ނެށިޔަކަސް އެކަމަކީ ރައީސުލް ޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ބޭފުޅެއްގެ އާރާބާރަށް އެކަމުގެ އަސަރު ކޮށްގެން ވާނެކަމެއް ކަމުގައި ބަލާކަށް ނުޖެހެއެވެ. ދައުލަތުގެ އެއްބާރު ކަމުގައިވާ ގާނޫނުހަދާ މަޖިލީހުގެ އާރާއި ބާރު ކަނޑުވާލައި އެމަޖިލިސް ހުއްޓުވާލުމަށް ސިޔާސީ ” ގިތެޔޮތަކެއް” މުޑިނަގައި ހަމަލާދޭއިރު އެކަމަށްވުރެ އެގަޑުބަޑުގެ ތެރޭގައި ވިއްސައިގެންދާ ބިއްލޫރި ތައްޓެއްގެ މައްސަލަ ބޮޑުވެގެން މުޅި ގައުމު އުޅޭކަށް ނުޖެހޭނެއެވެ. ގާނޫނުހަދާ މަޖިލިސް ކުރިއަށް ގެންދިއުމަށް އަޅާންޖެހޭ ހުރިހައި ފިޔަވަޅެއް އަޅުއްވައި އެމަޖިލީހުގެ މެންޑޭޓު ފުރިހަމަޔަށް އަދާކުރޭތޯ ބައްލަވައި ، ނުކުރާނަމަ އޮބިއަޅައިގެންވެސް ކުރުވުމުގެ ބާރު ރައީސުލް ޖުމްހޫރިއްޔާ އަށް ލިބިގެންވާނެއެވެ. ޝަރުއީ ދާއިރާއިން އަދުލު އިންސާފަށް ގޮންޖަހައި ، ފަގީރުކޮއިގެ ދަރިއާއި ނުފޫޒުގަދަ މުއްލާއިންގެ ދަރީން ތަފާތުކުރާނަމަ ފަނޑިޔާރު ކަލޭގެ އެއިން ގޮނޑީގެ ފައިތައް ލުއްސާލެވެން ޖެހޭނެއެވެ. އަމަށުން އިންނާން ބޭނުންނަމަ ބޮކެއްހެން ނުފުފި އިންނާން ޖެހޭނެކަން ފަނޑިޔާރަށް އެނގެން ޖެހޭނެއެވެ. ފަނޑިޔާރަކީ ދައުލަތުގެ ވެރިމީހާއަށްވުރެ ކުޑަ މީހެއްކަން އޭނާއަށް އޮޅިއްޖެނަމަ އެކަން އަބަދުވެސް އޭނާއަށް އަންގައިދޭން ޖެހޭނެއެވެ.
ރައްޔިތުން ބޭނުންވި މިބަދަލު ގެނައީކީ ކޮންމެ ބަޔަކު ކޮންމެގޮތަކަށް ކަންކޮށް މިގައުމު އަނދަވަޅަކަށް ވަށްޓާލާފައި ތިމަންނާމެންނަކާ ނުކުޅެވޭނެޔޭ މިއީ ޑިމޮކްރަސީއޭ ބުނާކަށް ނޫނެވެ. ޑިމޮކްރަސީއަކީ މިއަދު ދުނިޔޭގައި ރައްޔިތުން އެންމެ ބޮޑަށް ބާރުވެރި ކުރުވާ އަދި އަދުލު އިންސާފު އެންމެ ފުރިހަމަޔަށް ގާއިމު ކޮށްދޭ ނިޒާމެވެ. ވީއިރު ރައްޔިތުން ވެރިކޮށްފައި ހުރި ވެރިޔެއްގެ އާރާއި ބާރު ކަނޑުވާލަން ކިތަންމެ ބާރަށް ކަނޑުކޮހަކު ފުމުނެއްކަމަކު އެވެރިމީހާއަށް ބައިޑަރުވެސް ހީވެގެން ނުވާނެއެވެ. “ފިސާރި ސައިޒުގައި” ހުންނަވައިގެން ވެރިކަން ހިންގަވާށެވެ. މިގައުމުގައި ސައިޒު އޮޅިގެންއުޅޭ ކަހެރަވަކުންގެ ކިބައިން ގައުމު ސަލާމަތް ކުރުމުގައި އެންމެފަހުގެ ލޭތިއްކަށް ދާންދެން މިބިމަށް އޮހޮރާލަން ޖެހުނަސް އަޅުގަނޑުމެން ތިބޭނީ ފިސާރި ސާބިތު ކަމާއެކުގައެވެ.