މެންބަރުންގެ ޚިޔާލު: މިވެރިކަން ހެޔޮ ވެރިކަމަކަށް ވާނީ އަދުލު އިންސާފް ގާއިމް ކުރެވިގެން

ފުނަމާ

justice-building-400-x-300

ގުޑްގަވަރނަންސް ނުވަތަ ހެޔޮވެރިކަން މިބަސް ދިވެހީންގެ ތެރެއިން އިވެންފެށީ ދާދި ފަހުންނެވެ. ނަމަވެސް ދުނިޔެ މިބަހަށް ބީރަށްޓެއްސެއް ނޫނެވެ. ހެޔޮވެރިކަމުގެ އެންމެ މުހިންމު އަސާސަކީ އަދުލު އިންސާފު މީހުންނަށް ގަބޫލުކުރެވޭ މިންވަރަކަށް ގާއިމު ކުރެވުމެވެ. ތެދެކެވެ. ޝަރީއަތަކީ ކޮންމެވެސް އެއްފަރާތަކަށް އަބަދުވެސް ހިންހަމަ ޖެހުން ލިބިދޭ އެއްޗެކެވެ. އެކަމަކު އަކަން އެދިޔައީ އިންސާފުން ކަމުގައި ބުނުމަށް ފުރުސަތު އޮންނާން ޖެހޭނެއެވެ. ކުށް ކުރާ މީހުންނާއި ތުހުމަތު ކުރެވޭ މީހުންނާއިމެދު ފިޔަވަޅު ނޭޅި ގައުމުގައި ވީއްލިފައި ތިބުމަކީ އެގައުމެއްގެ ޖިނާއީ އިޖުރާއަތާއި މެދުގައި ތުހުމަތުގެ އިނގިލި ދިއްކުރެވޭނެ ކަމެކެވެ.
މިސަރުކާރުން އަބަދުވެސް ބުނަމުން ގެންދަނީ މިސަރުކާރު ވެރިކަމަށް އައީ މިގައުމުގައި ހެޔޮވެރިކަމެއް ކުރުމަށް ކަމުގައެވެ. ޒަމާންވީ ސަގާފަތެއްގެ ގޮތުގައި އޮތް ، ރައްޔިތުންނަށް ބޭނުންގޮތެއް ، ބޭނުންވަގުތަކު ހަދާލާ ޝަރުއީ ނިޒާމާއި ތަހުގީގީ ނިޒާމު ބަދަލުކޮށް ރައްޔިތުންނަށް އުފާވެރި ދިރިއުޅުމެއް ހޯދައި ދިނުމަށް ކަމުގައި ބުނެ ފާޅުކުރަމުންނެވެ. މިގޮތުން މިސަރުކާރުން ރަނގަޅު ނިޔަތެއްގައި ނަމަވެސް އެޅި އެންމެ ދެރަ އަދި، ނުރައްކާތެރި ފިޔަވަޅަކީ ، ތިންޑިކޭޑަށް ވެރިކަންކުރި ޑިކްޓޭޓަރެއްގެ މައްޗަށް ތުހުމަތު ކުރެވި ހެކިލިބިފައިވާ ބޮޑެތި ޖަރީމާތައް ނުބަލައި ދޫކޮށްލުމެވެ. އެކަމުގެ ނަތީޖާ މިއަދު ދިވެހީން ދެކޭން ޖެހިފައި މިވަނީ އިންތިހާޔަށް ހިތިކޮންނެވެ. ވެރިކަމުގައި ހުރިއިރު ގަސްތުގައި މީހުންމެރިކަމުގެ ތުހުމަތާއި މިނޫންވެސް ބޮޑެތި ޖަރީމާތަކެއް ހިންގި ކަމުގައި ބުނާމީހަކު މިގައުމުގައި ނެއްވަރުގެ އިއްޒަތާ ގަދަރު ދީފައި ބެހެއްޓުމުން ” ކިރުބޮއެގެން ހިންދަމާލި ” ވިހަގަދަ ހަރުފައެއްހެން މިއަދު އެދަނީ މުޅިގައުމަށް ވިހަލަމުންނެވެ. ފާޅުގައި މީހުން މެރުމަށް ހަމަލާދީ އެކިއެކި ކަންކަން ކުރަމުންނެވެ. މުޅި ގައުމު ފަަސާދަ ކުރަމުންނެވެ. ގާނޫނީ ވެރިކަން ވަށްޓާލައި ދިވެހީންގެ އެތަކެއް މިންނަތުން އެކުލަވާލި މަލްޓިޕާޓީ ޑިމޮކްރަސީގެ ނިޒާމު ފުނޑުފުނޑު ކުރަމުންނެވެ.
ތިމާގެ މުށްދަށުގައި މުޅި ގައުމު އޮތްއިރު ހޭދަކޮށްގެން އުފަން ދަރިޔަކަށް ބިސްމިވެސް އަންގައި ނުދެވުނެއް ކަމަކު ތިމާގެ ސަލާމަތާ ރައްކާ ތެރިކަމަށް އަނގަތަޅާނެ ގާނޫނީ ވަކީލުންގެ ޓީމެއް އޮތީ އުފައްދާފައެވެ. ފުލުހުންގެ މުއައްސަސާއިން އޭނާގެ މީހަކާދިމާލަށް ބަހެއް ބުންޏަސް މިބައިގަނޑު ނުކުމެ އެކަމެއް ބަދަލު ކުރެއެވެ. މީނާގެ މީހަކު އަނެއްމީހާގެ ގަޔަށް ވަޅިހަރަނިކޮށް މުޅިގައުމު އެތަން ދުށް ކަމުގައި ވިޔަސް ސާބިތު ކުރެވޭނެ ކީއްކުރަން ، ތުހުމަތު ކުރެވޭނެ ގޮތެއްވެސް ނެތެވެ. ޝަރުއީ ދާއިރާ އޮތީ ޖީބުގައި ކަމުގައި މީހުން އެބުނަނީ ބުނާން ވެގެން ކަމުގައި ގަބޫލުކުރާން މިއަދު އެބަ މަޖުބޫރު ވެއެވެ. މީހެއްގެ ގެއަކުން ބިލެއްގަނޑެއް ކަނޑާލި ކަމުގައި ޝައްކުވެގެން ފުލުހުން ތަހުގީގަށް ބަންދުކުރާން ބޭނުންވާ މީހަކަސް އެމީހަކީ ރަތްލާޖެހި ” ކިނބިގަހު ފުރޭތައިގެ” އައުވާނެއް ނޫންނަމަ ފަނޑިޔާރުން އެމީހުން ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރުމަށް އަމުރުކުރެއެވެ. އެކަމަކު ކުރީގެ ވެރިމީހާގެ ދަރިޔަކު މީހެއްގެ ބޮލުގައި ފަސްފޫޓުގެ ލަކުޑި ބެރިޔަކުން ޖެހައި ހޭނައްތާލިޔަސް އެއަކީ ކަމެއް ނޫނެވެ. ފުލުހުންނަކަށް އޭނާ ހައްޔަރުކޮށް ބެހެއްޓުމުގެ ހުއްދައެއް ނެތެވެ. ވަގުތުން ނެރެ ވީއްލާލަންވީއެވެ. އެންމެ ފަހުން މިއަދު ފުލުހުން އެނިންމަނީ މިފަދަ އެއްވެސް ކުށެއްގެ ތުހުމަތުގައި މީހަކު ހައްޔަރު ނުކުރުމަށާއި ، އަދި ކޯޓުތަކުން މިގައުމުގެ އަފުރާދުން ތަފާތުކޮށް އަމުރުނެރެގެން ހައްޔަރުގައި ބައިތިއްބާފައި އެތިބަ ގިނައަދަދެއްގެ މީހުން ދޫކޮށްލާށެވެ. މިނޫން ގޮތެއް ގައިމުވެސް ނެތޭ މިއަދު އެބަބުނާން ޖެހެއެވެ.
ފުލުހުންގެ އެވިސްނުން ބަދަލުކޮށް ކޯޓަކުން ނަމަވެސް ކުރާ ޣައިރު ގާނޫނީ އަމުރުތަކަށް ތަބާނުވެ ފުލުހުންގެ ވާޖިބު އަދާ ކުރުމުގައި ދެމި ތިބުމަށް ގޮވާލަމެވެ. މިގައުމުގައި ” ހިނޭންނުކަނޑައި ” މިއޮތް ކަމުގައި ބުނާ ޖޫޑިޝަރީގެ ބޭނުމަކީ ފުލުހުން ލައްވައި މިގޯސް ހައްދުވައިގެން މުޅިގައުމު އަނެއްކާވެސް ” ކިނބިގަހު ފުރޭތައަށް ” ވިއްކާލުން ކަމުގައި ވުމީވެސް އެކަށީގެންވާ ކަމެކެވެ.
މިގައުމުގައި އެތަކެއް ޒަމާނަށް ދިގުދެމިގެންދިޔަ އަނިޔާވެރި ވެރިކަމުގެ މުގުލުގައި ހުރި މީހާ މިސަރުކާރުން މިއީ ހެޔޮވެރިކަމެކޭ ސިޔާސީ މީހުން ހައްޔަރެއް ނުކުރާނަމޭ ގޮވާލުމުން ދައޖާލެއްހެން ނުކުމެ މުޅިގައުމުގެ އެންމެން ކައިހުސްކުރާއިރު އަދުލު އިންސާފުގެ ކަންފުޅެއްވެސް ނެތި މިގައުމު އޮޔާދަމުން ދާތަން ބަލާން ތިބުމަކީ މިއަދު ކުރެވޭން އޮތް ކަމެއް ނޫނެވެ. އަންނާންއޮތް ޖީލުތަކަށް މިގައުމު ސަލާމަތުން ރައްދުކޮށްދިނުމުގެ ހެޔޮނިޔަތް މިސަރުކާރުގައި އޮތްނަމަ އަވަހަށް މިއަނިޔާވެރި ކަލޭގެއާއި އޭނާގެ އައުވާނުން ހިފައި ހައްޔަރުކޮށް މިގައުމު އޭނާގެ ވަކިތަކުން ސަލާމަތް ކުރުމަށް ގޮވާލަމެވެ. އަދި ފާޅުގައި ” ކިނބިގަހު ފުރޭތައިގެ ” ދިފާއުގައި ނުކުމެ އެތިބަ ޝަރުއީ ދާއިރާގެ ފަނޑިޔާރުން ހިފައި ހައްޔަރުކޮށްގެން ނަމަވެސް ޝަރުއީ ދާއިރާއިން ” ޖުނުބު ކަނޑުވާން ” ވެއްޖެއެވެ. ނޫންނަމަ މިއީ ” ހެޔޮ ވެރިކަމެކޭ ބުނާން ” މިހާރު އުނދަގޫ ވެއްޖެއެވެ