މެންބަރުންގެ ޚިޔާލު: ޝަރުއީ ދާއިރާއާއި ގުޅޭގޮތުން އެދައްކާ ވާހަކަ ތަކަކީ ހަގީގަތެއް؟

ފުނަމާ

justice-building-400-x-300

ކުރީން އަމިއްލައަށް ޕާޓީއެއް ހަދައިގެން އުޅެފައި އެޕާޓީ އުވާލުމަށް މަސައްކަތް ކުރުމަށްފަހު ޑީއާރުޕީއާއި ގުޅިގުޅުނު ހިސާބުން ފޭލިވި ކަލޭގެ އެގެންގުޅޭ ބުމަރަކީ ފާޅުގައި ޝަރީއަތްތައް ނިމޭނެ ގޮތާއިމެދު މާކުރީން އާންމުކޮށް ވާހަކަ ދައްކައި އުޅެމުން ގެންދާ މީހެކެވެ. މީގެ ކުރީންވެސް އެކިއެކި ފަހަރު އެކިނަންނަމުގައި ހައިސިއްޔަތު ލިބިގެން މިކަލޭގެ ތަންތަނަށް އަރައި މިފަދަ ވާހަކަތައް ގޮވަމުން ގެންދެއެވެ. މިދުވަސް ވަރަކީ ރާއްޖޭގެ ޖޫޑިޝަރީއަށް އަމާޒުކޮށް ތަފާތު ތުހުމަތުތައް މީހުން ކުރަމުން ގެންދާ ދުވަސްވަރަކަށް ވެފައި އާންމުންނާއި ސިޔާސީ އެކިފަރާތްތަކުން ވެސް ޝަރުއީ ނިޒާމަށް ފާޑުކިޔަމުން ގެންދާއިރު މިކަލޭގެ މިހާރު މާގަދަޔަށް ޝަރީއަތްތައް ނިމިގެންދާނެ ގޮތުގެ ވާހަކަތައް ދައްކަން ފެށުމުން މިކަމާމެދު ގިނަބަޔަކު ގެންދަނީ ސުވާލުއުފައްދަމުންނެވެ.
ވޭތުވެދިޔަ ދިގު ޒަމާނުގައި ގާޒީން މައްސަލަތައް ބަލައި ނިޔާކަނޑައަޅަނީ އޭރުގެ ވެރިމީހާ ލިޔެއަންގާ ގޮތަކަށް ކަމުގައި މީހުން ބުނެއުޅުމުގެ އިތުރުން އެފަދަ ކަންކަމުގެ ހެކިވެސް ހުރިކަމުގައި ބުނެއެވެ. ނަމަވެސް މިއަދު ދައުލަތުގެ ތިންބާރު ވަކިކުރެވިގެން މިހިންގާ ނިޒާމުގައި ޝަރުއީ ދާއިރާއަކީ ވަކިބައެއްގެ ނުފޫޒުގެ ދަށުގައި ފިތިފައިވާ ދާއިރާއެއް ކަމުގައި ބުނާނަމަ އަދުލު އިންސާފާއިމެދު އޮންނަންޖެހޭ އިތުބާރު އެވަނީ ގެއްލިފައެވެ. އަދި، ހިތުހުރި ގޮތަކަށް ޝަރީއަތް ހިންގާފައި ތިމަންނާމެންނަކާ އެހެން އެއްވެސް ބަޔަކަށް ނުބެހެވޭނެ ކަމުގައި ޝަރުއީ ދާއިރާގެ އިސްފަރާތްތަކުން ބުނާނަމަ އެއީ ނުރައްކާތެރި ކަމެކެވެ. ރައްޔިތުން ސަމާލުވާން ޖެހޭނެ ކަމެކެވެ. އެހެނީ ޝަރުއީދާއިރާ މުޅީން މިނިވަންވެ ފުރިހަމަޔަށް އިންސާފު ގާއިމު ކުރެވިގެން މެނުވީ މިއަދު މިގައުމުގައި މިއޮތް ނިޒާމު ފުރިހަމައެއް ނުކުރެވޭނެއެވެ. އެހެންކަމުން ސިޔާސީ ފަރާތްތަކަށް ޖޫޑިޝަރީގެ އިސްފަރާތްތައް ” ވިކިފައިވާނަމަ ” އެކަމަކީ ރައްޔިތުން ނުކުމެ އިސްލާހުކުރާން ޖެހޭނެ ކަމެކެވެ. އެހެނީ ދިވެހި ރައްޔިތުންނަށްވުރެ ބާރުގަދަ ވެރިކަމެއް ، ގާނޫނުހަދާ މަޖިލީހެއް އަދި ، ކިއެއްތަ ޖޫޑިޝަރީއެއްވެސް އޮވެގެން ނުވާނެއެވެ.
ކަންމިހެން އޮތްއިރު އުފެދޭ އެއްސުވާލަކީ މިއަދުވެސް ޝަރުއީ ދާއިރާއިން މިފެންނަ ގިނަމޫނުތަކަކީ ކުރީގައި ” ވިދާޅުވިގޮތަކަށް ކަންކުރާން” އެތިބަ މޫނުތަކަށް ވާއިރު މިހާޒަމާން ވަންދެން އާދަވެފައިވާ ގޮތަށް ވަކިމީހަކު އަންގާގޮތަށް މިހާރުވެސް ކަންކުރަނީ ހެއްޔެވެ؟ އަދި ކުރީގައި އެމީހުން އިމާމެއްގެ ގޮތުގައި ބަލައިގެން އުޅުނު ކަލޭގެ އަދިވެސް މިގައުމުގައި މަރުނުވެ ގޭގެ މަތީބުރީން މީހުންގެ ބޮލަށް ގާއުކައި މަރާން ހުންނާތީވެ އޭނާގެ ނުފޫޒުގެ ވަބާއިން ސަލާމަތް ނުވެގެން އުޅެނީހެއްޔެވެ؟ އެހެންކަމުގައި ވާނަމަ މިއީ މިގައުމަށް، މިނިޒާމަށްއޮތް ބޮޑުބިރެކެވެ. މިފަދަ ސުވާލުތައް ކުރެވޭއިރު ޝައްކުއުފެދޭނެ ކަންކަންވެސް ފާޅުކަން ބޮޑުގޮތެއްގައި ފެންނަމުން ދާކަމީ މީސްތަކުން އެކިގޮތްގޮތަށް މިވާހަކަ ދައްކާން ފުރުސަތު ހުޅުވާލަދޭ ކަމެކެވެ. އެގޮތުން ބަލާލާއިރު ކުރީގެ ވެރިމީހާގެ އެކިއެކި މައްސަލަ ތަކާއި އޭނާގެ ގާތްތިމާގެ މީހުންގެ މައްސަލަ ތަކާއި މިހާރުވެސް ސިޔާސީގޮތުން އޭނާއަށް ވާގިވެރިވަމުން އަންނަ އެކިފަރާތްތަކުގެ ތަފާތު ގިނަމައްސަލަތައް ޝަރީއަތުގެ މަޖިލީހުގައި ނުނިމި ދިގުލައިގެން ގޮސްފައިވާ ވުމަކީ އިއްތިފާގެއް ނޫނެވެ. ހަމައެހެންމެ ސަރުކާރަށް ވާގިދޭ ނުވަތަ ސަރުކާރު ހިންގާ ޕާޓީގައި އުޅޭ މީހުންގެ މައްސަލަތައް އިރުއަރައި އިރުއޮއްސޭއިރަށް ބޮޑެތި ހުކުމް ތަކާއިއެކު ނިންމާލައި އެފަދަ ފަނޑިޔާރުން ކުރީގެ ” އިމާމާއިއެކު” ސިއްރު ބައްދަލުވުންތައް ބާއްވަމުން ގެންދާ ވާހަކަތަކަކީ މިއަދު މިގައުމުގައި ބަޔަކު ދައްކަމުން ގެންދާ ވާހަކައެކެވެ. އަނެއްކޮޅުން ކުރީގެ ވެރިމީހާގެ “ފިހިގަނޑު ބުމަރު” ދޭތެރެ ދޭތެރެއިން ތަންތަނަށް އަރައި ޝަރީއަތް ނިމޭނެގޮތް މާކުރީން އެހެރަ ބުނެ ފާޅުކުރަނީއެވެ. ޝަރީއަތްތައް ނިމެނީވެސް އެބުމަރު އެބުނާ ގޮތަށެވެ. މިއީކީ އިއްތިފާގެކޭ ބުނެ ނިންމާލެވޭކަށް ނެތެވެ. ވެރިކަން ހިންގާ ޕާޓީއަށް މަޖިލީހުގެ މެންބަރުންތަކެއް ބަދަލުވުމާ ގުޅިގެން ” ރިޝްވަތު ދީގެން ގަނެގެން ގެންދިޔައީ ” ކަމުގައިވެސް އެންމެ ބާރަށް ގޮވީ މިބުމަރާއި އޭނާގެ ބައިގަނޑެވެ. ދައުލަތުގެ އެންމެ އިސްވެރީންގެ ތެރޭގައި ހިމެނޭ މަޖިލީހުގެ ރައީސްއާއި އެންމެބޮޑު އިދިކޮޅުޕާޓީގެ ލީޑަރާއި ދިމާލަށް ފާޅުގައި ވަގަށްގޮވައި ރިޝްވަތު ހިފިކަމުގައި ގޮވީވެސް އޭނާގެ ފައުޖެވެ. މިސަރުކާރު ހިންގާން ރައްޔިތުން އިސްކުރި މީހާ ބަނގުރާ ބޮއެފި ކަމުގައި ހަރުއަޑުން ގޮވަނީވެސް ހަމަ މިކަލޭގެއެވެ. ޝަރުއީދާއިރާ އޮންނަނީ ހިންޏާ މަރުވެމަރުވެ އަޑުއަހާށެވެ. އެކަމަކު ވެރިކަން ހިންގާ ޕާޓީގެ މީހަކު ޝަރުއީ ދާއިރާއާއި ކުރިމަތި ލައިގެން ކިނބިއްސެއް އެޅިޔަސް ބޮޑުފަނޑިޔާރާއި ދެންތިބިހާ ބަޔަކު އެއުޅެނީ ކުޑަގިފިލިވެސް ނުހިފިގެންނެވެ. މިއީ ކިހިނެއް ވާކަމެއް ހެއްޔެވެ؟ ހަމަ މީހުން ޝަރުއީ ދާއިރާއަށް ނިސްބަތްކޮށް އެދައްކަނީ ހުސްދޮގު ވާހަކަ ހެއްޔެވެ؟
ދެންފަހެ މިބުނެވުނުހައި ކަންކަމަށް ރިއާޔަތްކޮށް ބަލާއިރު ބުމަރުކަލޭގެ މާކުރީން ބުނާހާ ގޮތަކަށް ޝަރީއަތުގައި ހުންނަ މައްސަލަތައް ނިމެމުން ދިއުމާ ، މިއަދު ފަނޑިޔާރުންގެ ގޮތުގައި މިތިބަ ގިނަބައިވަރު މީހުންނަކީ ވޭތުވެދިޔަ ތިރީސް އަހަރުގައިވެސް އޭރުގެ ވެރިމީހާ އެންގިހައި ގޮތަކަށް ނިޔާކަނޑައެޅި، ހަމައެހެންމެ އެކަމަށް ކުފޫހަމަވެސްނުވާ މީހުން ކަމުގައި ގިނަބަޔަކު ބުނަމުން ދާހިނދު ، ކުރީގެ ވެރިމީހާގެ ގާތްތިމާގެ މީހުންގެ މައްސަލަތައް ނުބަލައި ޝަރީއަތުގައި ހިފަހައްޓައިފައި ވުމަކީވެސް ހަގީގަތެއް ކަމުގައި ގަބޫލުކުރާން ޖެހޭ މިންވަރަށް އެކަންކަންވެސް ހުރުމާ ، ވެރިކަން ކުރާންތިބި ފަރާތްތަކުގެ އަބުރާ އިއްޒަތާ ކަރާމާތަށް އެއްވެސް ބަލާލުމެއްނެތި ސާބިތު ނުހިފޭ ބޮޑެތި ކުށްތަކުގެ ބަދުނާމު އަޅުވަމުން ގެންދާއިރުވެސް އެއިން ކަމަކާއި ޝަރުއީ ދާއިރާއިން ހަމަ ޗުއްޕުވެސް ނުބުނެ އޮވެފައިމެ ، ޝަޚުސީ ގޮތުން ކުރީގެ ވެރިމީހާއާއި އޭނާގެ ބައިވެރީންގެ ދިފާއުގައި ޝަރުއީ ދާއިރާގެ އިސްފަރާތްތަކުން ފާޅުގައި ބަސްބުނެ ހަދަމުން ގެންދާތީވެ މިގައުމުގައި މިއަދުމިއޮތް ޝަރުއީ ދާއިރާ މިއޮތީ އިންސާފުން އެއްކިބާވެ ވަކިފަރާތަކަށްޖެހި ، ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ވަށްޓާލުމަށް ހުރިހައި ގޮތަކުން އިދިކޮޅު ފަރާތްތަކަށް ނަސުރުވެރި ވުމުގައި ކަމުގައި ގިނަމީހުން އެބުނާ ބުނުމަކީ ހަގީގަތެއް ކަމުގައި ބަލާނެ ފުރުސަތު އެބައޮތޭ ނުބުނެވޭނެ ބާވައެވެ؟