ހިއުމަން ރައިޓްސް ކޮމިޝަނަށް ކޮލިފައިވާ ބަޔަކު މި ރާއްޖެއަކު ނެތް – މުސްތަފާ

އިއްޔެ ހައްޔަރުކުރި އެމްޑީޕީގެ އެކްޓިވިސްޓް އިލްހާމް ދޫކޮށްލައިފި

އިބްރާހީމް ރާމިޒް

ilhaam-musthafa-400-x-375

ހިއުމަން ރައިޓްސް ކޮމިޝަނުގައި ގާބިލް ބަޔަކު ނެތް ކަމަށާއި، އެ ކަމަށް ޝަރުތު ހަމަވާ ބަޔަކު ވެސް މި ރާއްޖޭގައި ނެތް ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު، ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު މުޙަންމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.

ރޭ އެމްޑީޕީ ހަރުގޭގައި ބޭއްވި އެޕާޓީގެ އާންމު ޖަލްސާ ގައި ވާހަކަދައްކަވަމުން މުސްތަފާ ވިދާޅުވީ “ހިއުމަން ރައިޓްސް ކޮމިޝަނަށް ކޮލިފައިވާ ބަޔަކު މި ރާއްޖެއަކު ނެތް، އެހެންވީމާ ހިއުމަން ރައިޓްސް ކޮމިޝަންގެ މެމްބަރުންނަކީ ދައުލަތުން ހަރަދުކޮށްފައި ބައިތިއްބަން ޖެހޭ ބައެއް ނޫން” ކަމަށެވެ.
ކުރީގެ ރައީސް މައުމޫން އާއި، ޕީއޭގެ ކުރީގެ ލީޑަރު ޢަބްދުﷲ ޔާމީން އަށް ތަކުރާރުކޮށް ފާޑުވިދާޅުވަމުން ގެންދަވާ މުސްތަފާ ތުހުމަތު ކުރެއްވި ގޮތުގައި ރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަނުން ހަމަ އެކަނި މަސައްކަތް ކުރަނީ ކުރީގެ ރައީސް މައުމޫން އަބުދުލް ގައްޔޫމުގެ އާއިލާ ހިމާޔަތް ކުރުމަށެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މުސްތަފާ އާއި ވާދަކުރައްވައި ފޭލްވެފައިވާ މައުމޫނުގެ ދަރިކަލުން ޣައްސާން މައުމޫނު ދޫނިދޫއަށް ގެންދިއުމުން އެ ކޮމިޝަނުން ބަޔާން ނެރުނު ކަމަށާއި އެހެން ނަމަވެސް އެންދެރިމާގެ ކައިރީގައި ހުއްޓާ އެގެއިން އެއްލި ލަކުޑިބުރިއަކުން ޖަހައި ބޮޑެތި އަނިޔާތަކެއްދީފައިވާ ގދ. ތިނަދޫ ސެމީ ހުސައިން ހަސަން ހޮސްޕިޓަލްގައި އޮތް އިރު އެކުއްޖާގެ ހާލު އެ ކޮމިޝަނުން ނުބަލާ ކަމަށް ވިދާޅުވެ މުސްތަފާ ހިއުމަން ރައިޓްސް ކޮމިޝަނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ.
ރޭގެ ޖަލްސާ ގައި މުސްތަފާ ވަނީ ހިއުމަން ރައިޓްސް ކޮމިޝަން ހިންގޭ ވަރުގެ ގާބިލްކަން ހުރި ބަޔަކު ލިބެންދެން އެ ކޮމިޝަނުގައި ބޮޑުތަޅުއަޅުވައި، އެ ކޮމިޝަން ބަންދުކުރުމަށް ގޮވާލާފައެވެ.
އެންދެރިމާގޭ ކައިރީގައި ހަމަނުޖެހުން ހިންގި ކަމުގެ ތުހުމަތުގައި އިއްޔެ ހަވީރު ހައްޔަރުކުރި ހުސައިން އިލްހާމް ވަނީ ރޭ ގެ ޖަލްސާ ގައި މުސްތަފާ ވާހަކަދައްކަވަމުން ގެންދަވަނިކޮށް އެނާގެ އަތުން މައިކު އަތުލައްވައި އެތަނަށް ހާޒިރުވެ ތިބި އެމްޑީޕީގެ މެންބަރުންނާ މުޚާޠަބުކޮށްފައެވެ.
އިލްހާމް ހާމަކުރި ގޮތުގައި އޭނާ ހައްޔަރުކުރުމަށް ފަހު ފުލުހުން ކަންތައްކޮށްފައިވަނީ ވަރަށް ބޭއިންސާފުވެރި ގޮތަކަށް ކަމަށެވެ. އަދި ރާއްޖޭގެ ޝަރުޢީ ދާއިރާ އިންތިހާއަށް ފެއިލްވެފައިވާ ކަމަށާއި، ޝަރުޢީ ދާއިރާގައި ވަރަށް ބޮޑަށް ތަފާތުކުރުން އެބަހުރިކަމަށް އިލްހާމް ބުންޏެވެ.
ރޭގެ ޖަލްސާ ގައި އިލްހާމްގެ ވަކީލު، ރިޔާސީ ކޮމިޝަނުގެ ތަރުޖަމާން ޢަބްދުﷲ ޙަސީން ވެސް ވިދާޅުވީ ޝަރުޢީ ދާއިރާ އިން ކަންތައް ކުރަނީ ވަރަށް ނާއިންސާފުން ކަމަށާއި، އިލްހާމް ހައްޔަރު ކުރީ ތަނަކަށް ގެއްލުން ދީގެން ކަމަށާއި ނަމަވެސް ހަމަ އެހަމަނުޖެހުމުގައި، ކުރިން ވެސް އިނގިރޭސި ވިލާތުގައި މީހަކު މަރާލިކަމުގެ ތުހުމަތު ބައެއް ފަރާތްތަކުން ކުރަމުންދާ ޣައްސާން ހައްޔަރުކުރީ ފުރާނައަށް ގެއްލުންވާފަދަ އަނިޔާއެއް ދިނުމުގެ ތުހުމަތުގައި ނަމަވެސް، ގާނޫނުގެ ދަށުން ހިމާޔަތް ލިބުނީ ޣައްސާނަށް ކަމަށެވެ. އަދި އިލްހާމް ބިޑިއަޅުވައިގެން ގެންދިޔައިރު، ޣައްސާން ހައްޔަރުކުރުމަށްފަހު ބޭންދީ ފުލުހުންނަށް ޚާއްޞަކުރެވިފައިވާ ތަކުގައި ކަމަށް ރޭގެ ޖަލްސާ ގައި ހަސީން ވިދާޅުވިއެވެ.