ލޯކަލް ކައުންސިލް އިންތިޚާބުތަކުގައި އެމްޑީޕީ ކެންޑިޑޭޓުންގެ ގޮތުގައި ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެޕާޓީން މިއަދު ފުރުޞަތު ހުޅުވާލައިފި

20 ޖޫން 2010

picture-010-450-x-338

ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުތަކުގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޓިކެޓްގައި ވާދަކުރަން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ޕާޓީ އޮފީހަށް ހުށަހެޅުމުގެ ފުރުޞަތު މިއަދު އެޕާޓީން ހުޅުވާލައިފިއެވެ.
މިކަމާ ބެހޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދިނުމަށް އެމްޑީޕީން މިއަދު ބޭއްވި ނޫސްކޮންފަރެންސެއްގައި އެމްޑީޕީގެ އަމީންއާންމު ޙަސަން ޝާހް މިއަދު ވިދާޅުވީ މިއަދުން ފެށިގެން އަންނަ ޖުލައި މަހުގެ 4 ވަނަ ދުވަހާ ހަމައަށް އެމްޑީޕީގެ ކެންޑިޑޭޓަކަށް ވުމުގެ ފުރުޞަތު ހުޅުވާލާފައިވާނޭ ކަމަށެވެ. އަދި ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީއާ އެކު ކޯލިޝަން ހަދަން ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލާފައިވާ ކަމަށާއި، ލޯކަލް ކައުންސިލް އިންތިޚާބުތަކުގައި ހިމެނޭ ހުރިހާ ދާއިރާއަކަށް އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރުމަށް އެޕާޓީން މަސައްކަތްކުރަމުންދާ ކަމަށް ޝާހް ވިދާޅުވިއެވެ.
ލޯކަލް ކައުންސިލުގެ އިންތިޚާބަށް އެމްޑީޕީގެ ޓިކެޓު ހޯދުމަށް ކުރިމަތިލާ ކެންޑިޑޭޓުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުޠުތައް ކަމުގައި އެޕާޓީން ކަނޑައަޅާފައިވާ ޝަރުޠުތަކުގެ ތެރޭގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާ ނުވަތަ އެހެންވެސް އަނިޔާއެއް ދިނުމުގެ މައްސަލައެއް ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުމާއި، މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގެ މައްސަލައެއް ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުމާއި، ވައްކަމާއި ކޮރަޕްޝަންގެ މައްސަލައެއް ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުމާއި، ޤާނޫނީ ޝަރުޠުތައް ފުރިހަމަވުން ހިމެނެއެވެ.
މީގެ އިތުރުން ވޭތުވެދިޔަ 2009 ވަނަ އަހަރު އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް އެމްޑީޕީގެ ފަރާތުން ކުރިމަތިލާނެ ކެންޑިޑޭޓުން ނެގުމަށް ބޭއްވި ޕްރައިމަރީސްގައި ބައިވެރިވެ، ޕާޓީގެ ކެންޑިޑޭޓެއްގެ ގޮތުގައި ނުހޮވިއްޖެނަމަ، ޕާޓީގެ ކެންޑިޑޭޓުގެ ގޮތުގައި ހޮވޭ ކެންޑިޑޭޓަށް ތާއީދު ކޮށްދިނުމަށް އިޤްރާރުވެ ސޮއިކޮށްފައިވާ އިޤްރާރާއި ޚިލާފްވެފައިވާ ފަރާތްތަކަށް ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަނުކުރެވޭ ގޮތަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ވަނީ ނިންމާފައެވެ.
އެމްޑީޕީގެ ޓިކެޓްގައި ލޯކަލް ކައުންސިލް އިންތިޚާބަށް ކުރިމަތިލާ ފަރާތްތަކުން އެފަރާތަކުން ކުރިމަތިލާ ކައުންސިލް ދާއިރާއެއްގެ ވޯޓުލާ މީހުންގެ 10 (ދިހައެއް) އިންސައްތަ މީހުންގެ ސޮއި ހުށަހަޅަން ޖެހެއެވެ.