ކުރީގެ ސަރުކާރުގެ މާޒީގެ ސަފްޙާތައް ހިރަފުސް ފޮޅާ ބަލާއިރު އަމަލާ ބަހާ ދިމާނުވެ ހުންނާތީ މިސަރުކާރާ މެދު ވެސް ބައެއް މީހުން ނާއުންމީދުވޭ – ޝިފާޤް މުފީދު

20 ޖޫން 2010

tulhaadhoo-dhaturu-25-06-2010-402-450-x-338

ވޭތުވެދިޔަ ސަރުކާރުގެ މާޒީގެ ސަފްޙާތައް ނަގާ، ހިރަފުސް ފޮޅާ ބަޅާއިރު އަމަލާ ބަހާ ދިމާނުވެ ހުރުމުގެ ސަބަބުން މިސަރުކާރާމެދު ވެސް ބައެއް މީހުން މާޔޫސްވެ ނާއުންމީދުވާ ކަމުގައި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަދި ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޝިފާޤް މުފީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީން މިދިޔަ ހުކުރު ދުވަހުގެރޭ އުތުރު ޕްރޮވިންސްގެ ބ. ތުޅާދޫގައި ބޭއްވި ފޯރިގަދަ އާންމު ޖަލްސާގައި ވާހަކަދައްކަވަމުން ޝިފާޤް ވިދާޅުވީ މިސަރުކާރަކީ ކުރީގެ ސަރުކާރާ ޚިލާފަށް އަމަލާ ބަހާ ދިމާވާނެ ސަރުކާރެއް ކަމަށާއި، މާޒީގައި ހިތި ތަޖުރިބާ ދީފައި ތިބި ބައެއްގެ ފަރާތުން މުސްތަޤްބަލުގައި ރަގަޅުކަމަކަށް އުއްމީދު ނުކުރާކަމަށެވެ. އަދި މާޒީއަކީ އަލުން އަނބުރާ އިއާދަވާ އެއްޗެއް ނޫން ކަމަށާއި، މާޒީއާ މެދު ނުވިސްނައި މުސްތަޤްބަލާ މެދު ވިސްނުމަށް ޝިފާޤް ގޮވާލެއްވިއެވެ.
ޝިފާޤް އިތުރަށް ވިދާޅުވީ އެމްޑީޕީގެ ފަރާތުން ތުޅާދޫގެ ރައްޔިތުން އެދޭ ކަންތައްތަކެއް އެބަހުރިކަން އެނގިވަޑައިގަންނަވާ ކަމަށާއި، އޭގެ ތެރޭގައި ރަށް ގިރުމުގެ މައްސަލައާއި، ލަފާފުރުމާއި ބިން ހިއްކުމުގެ މަސައްކަތް އަވަސްކުރުން އެއީ ތުޅާދޫގެ ރައްޔިތުން މިހާރުން މިހާރަށް އެންމެ ބޭނުންވާ ކަންތައްތަކުގެ ގޮތުގައި ފާހަގަކުރެވިފައިވާ ކަންތައް ކަމުގައި ޝިފާޤް ވިދާޅުވިއެވެ. އަދި ތުޅާދޫގެ ބިންހިއްކާ ނިމޭއިރު ތުޅާދޫގެ ޒުވާނުން އެދޭ ސްޓޭޑިއަމް، އިރާދަކުރެއްވިއްޔާ އެޒުވާނުންނަށް ލިބިގެންދާނޭ ކަމަށް ޝިފާޤް ވިދާޅުވިއެވެ.
މި ޖަލްސާގައި ވާހަކަދެއްކެވި ހުރިހާ ބޭފުޅުން ވެސް ވަނީ އެޑިއުކޭޝަން މިނިސްޓަރ ޑރ. މުސްޠަފާ ލުތުފީގެ ތައުލީމީ ސިޔާސަތަށް ވަރަށް ބޮޑަށް ތަޢުރީފްކޮށް ވާހަކަ ދައްކަވާފައެވެ. އެގޮތުން މުސްޠަފާ ލުތުފީ ތަޢުލީމި ދާއިރާ ހަރުދަނާ ކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތަށް ޝިފާޤް ވެސް ވަރަށް ބޮޑަށް ތާޢީދުކޮށް ވާހަކަދެއްކެވިއެވެ.