ނޫސް ބަޔާން: އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އިމްތިޔާޒް ފަހުމީ ނެރުއްވާ ނޫސް ބަޔާން

ކްރިމިނަލް ކޯޓުގެ އިސް ޤާޟީ ޢަބްދުﷲ މުޙައްމަދު އެ ކޯޓުގެ ޙުރުމަތް ކެނޑި މައްސަލަ ކުށްވެރިކުރުން

majlis-inthi-3

ކްރިމިނަލް ކޯޓުގެ އިސް ޤާޟީ ޢަބްދުﷲ މުޙައްމަދު އަމިއްލަފުޅަށް އެ ކޯޓުގެ ޙުރުމަތާއި ހައިބަތު ގެއްލޭގޮތަށް 13 އޮކްޓޫބަރ 2011 ވަނަދުވަހުރޭ ނަސަންދުރާ ޕެލެސް ހޮޓެލްގައި އޮތް ހަފުލާއެއްގައި ވާހަކަ ދައްކަވައި އެ ކޯޓުގެ ހުރުމަތް ކަނޑާފައިވާތީ ޝަރުޢީދާއިރާގައި މަސައްކަތްކުރާ ވަކީލެއްގެ ޙައިސިއްޔަތުންނާއި އަދި ގިނަ އަދަދެއްގެ ރައްޔިތުން ތަމްސީލުކުރާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ޙައިސިއްޔަތުން އަޅުގަނޑު އޭނާގެ އެއަމަލު އެންމެ ހަރުކަށި އިބާރާތުން ކުއްވެރިކުރަމެވެ.

ގިނަ އަދަދެއްގެ ރައްޔިތުނާއި ރާއްޖެއާއި އަދި ދުނިޔޭގެ ބައެއް ޤާނޫނީ މާހިރުން ކްރިމިނަލް ކޯޓާމެދު ފާޑުކިޔުމުން އެކަމަކީ އެކޯޓުގެ ހުރުމަތާއި ހައިބަތު ކަނޑުވާލާ ވާހަކަތަކެއްކަމަށް އަބަދުވެސް ސިފަކުރައްވަމުންގެންދަވާފައި، ކޮންމެވެސް ކަމަކުން ރެކެންކުރެއްވި މަސައްކަތްޕުޅެއްގެ ތެރޭގައި އެންމެފަހުން އެވާހަކަތަކަށް އެއްބަސްވެވަޑައިގެން ކްރިމިނަލް ކޯޓުގެ އިސް ޤާޟީ ޢަބްދުﷲ މުޙައްމަދު އެ ކޯޓުގެ ޙުރުމަތާއި ހައިބަތު ގެއްލޭގޮތަށް ވާހަކަދައްކަވާފައިވާތީ ހައިރާންކަމާއެކު އެކަން ފާހަގަކުރަމެވެ. ކްރިމިނަލް ކޯޓާ ބެހޭގޮތުން އިސް ޤާޟީ ޢަބްދުﷲ މުޙައްމަދު ދެއްކެވި ވާހަކާގައި ވިދާޅުވެފައިވަނީ އޭނާ ކްރިމިނަލް ކޯޓާ ހަވާލުވެވަޑައިގަތްއިރު “ކޯޓުގެ މާހައުލު ސިޔާސީ މަސްރަހަކަށް ބަދަލުވެފައި” އޮތްކަމާއި އަދި އެއީ “ކޭމްޕޭން ޖަގަހައެއް” ފަދަ ތަނެއްކަމަށެވެ. އަދި މީގެ އިތުރުން އޭނާ ވިދާޅުވެފައިވަނީ އެތައް މައްސަލައެއްގެ ޤަޟިއްޔާ ރިޕޯރޓްތައް ނުނިންމާ ހުރިކަމަށާއި ނަގާފައިވާ ބަޔާންތައް ވީހިސާބެއްވެސް ނޭގޭކަމަށެވެ. މިއީ އަދި މިހާތަނަށް ކޯޓެއްގެ ޤާޟީއަކު އާންމު ޖަލްސާއެއްގައި ޝަރުޢީ ކޯޓެއް ސިޔާސީ ޖަގަހައަކާއި އެއްސިފަކޮށް އަދި އެ ކޯޓުން އިންސާފު ގާއިމުކޮށްދީފައި ނުވާކަމަށް ސިފަކޮށް، އޭގެ ނަތީޖާއެއްގެގޮތުން އެކޯޓުގެ ނިންމުންތަކާއި ޙުކުމްތަކަކީ ބާތިލު ނިންމުންތަކަކާއި ޙުކުމްތަކެއްކަމަށް އާންމު ރައްޔިތުން ދެކެންފަށައިފާނެ ގޮތަކަށް ވާހަކަ ދެއްކެވި ފުރަތަމަ ފަހަރުކަމަށްވީހިނދު، އެކަން ހިތާމައާއެކު ފާހަގަކުރަމެވެ. ޢަބްދުﷲ މުޙައްމަދު އެފަދައިން ވާހަކަދެއްކެވީ އޭނާގެ އަމިއްލަ އައިބުތައް ފޮރުވައި، އޭނާއަށްވުރެ ކުރިން އެކޯޓް ހިންގެވި ފަރާތްތަކުގެ މައްޗަށް ފޫޅު ކަނޑާލެއްވުމުގެ ގޮތުންކަމަށް ވީނަމަވެސް، އޭރުންވެސް އެކަނޑާލެވެނީ ޝަރުޢީ ކޯޓެއްގެ ހުރުމަތާއި ހައިބަތުކަން އޭނާއަށް އެނގިވަޑައިނުގަތުމީ ހިތާމަކުރާކަމެކެވެ. އަދި ކްރިމިނަލް ކޯޓަކީ ކުރިން ސިޔާސީ ޖަގަހައެއްކަމަށް އޭނާ ސިފަކުރެއްވިއިރު ޤާޟީންގެ ސުލޫކާއި އަޚްލާޤާ ޚިލާފަށް ސީދާ އިސް ޤާޟީ ޢަބްދުﷲ މުޙައްމަދު ސިޔާސީ ކޮމެންޓްސް ނުވަތަ ބަޔާންތައް މީޑިއާތަކަށް ދެއްވާފައިވާ މައްސަލަތައް ޖުޑިޝަލް ސާރވިސް ކޮމިޝަނަށް މިހާރުވެސް ހުށަހެޅި ބެލެމުންދާކަމީ އިސް ޤާޟީ ޢަބްދުﷲ މުޙައްމަދު އަމިއްލަފުޅަށް ކްރިމިނަލް ކޯޓުގެ މަލަމަތި ހަލާކުކޮށްލުމަށް މަސައްކަތްކުރައްވާކަން ޤަބޫލުކުރެވޭކަމެކެވެ. މީގެ އިތުރުން ޢަބްދުﷲ މުޙައްމަދުގެ ޝަރިޢަތް ކުރުމުގެ އަޚްލާޤުގެ މައްސަލަތައް ކުރީގެ ސަރުކާރުގައި އޭރުގެ ބަންޑާރަ ނައިބު އޭރުގެ ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅުއްވަންޖެހުނުކަމީ ވެސް ކްރިމިނަލް ކޯޓުގައި ޖެހިފައިވާ ބޮޑު ލައްގަނޑަކަށްވާތީ ހިތާމަކުރަމެވެ. ހަމައެފަދައިން ކުރިން އަމަލުކުރަމުން ގެންދިއަ ޤާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ، ކުށުގެ ތުހުމަތުން ބަރީއަވުމަށްޓަކައި ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ޝަރީޢަތުގައި ބޭނުންހިފުމުގެ ޙައްޤު ޚަސްމުންގެ ކިބައިން ނިގުޅައިގަނެ ޝަރީޢަތްތައް ހިންގައި ބޮޑެތި ޙުކުމްތައް ޚަސްމުންގެ މައްޗަށް އިއްވެވުމަށްފަހު، އެއީވެސް ނުވާކަމެއްގެގޮތުގައި ބައްލަވައި ޝަރީޢަތްކުރުމުގައި ދެމިހުންނަވާކަމީ ކްރިމިނަލް ކޯޓުގައި ޖެހިފައިވާ އަނެއް ލައްގަނޑުކަމަށްދެކެމެވެ.

ކޯޓެއްގެ އިސް ޤާޟީއަކު ކޯޓުގެ ހުރުމަތްކަނޑާލެއްވުމަކީ އާންމު ރައްޔިތަކު ހިންގާ އެފަދަ އަމަލަކަށްވުރެ އެތައް ގުނައެއް ސީރިއަސްކަން ބޮޑު މައްސަލައެއްކަމަށްވީހިނދު، އަދި ކޯޓުތަކުގެ ތަޞައްވަރު ހަލާކުކުރައްވައި، ފަނޑިޔާރުންނާއި ކޯޓުތަކަށް އޮންނަންޖެހޭ އިތުބާރާއި ހުރުމަތް ކަނޑުވާލެއްވުމަށް ކުރައްވަމުންގެންދަވާ މަސައްކަތް ހުއްޓުމަކަށް ގެންނަވައި ޤާނޫނު އަސާސީއާއި ޤާނޫނުތަކަށް ބޯލަނބައި ކިޔަމަންގަތުމަށް ނަފުސުހާނުވައި ކޯޓުތަގެ މިނިވަންކަން ރައްކާތެރިކުރެއްވުމަށާއި ކޯޓުތަކުގެ ހައިބަތާއި ގަދަރު ހިމާޔަތްކުރެއްވުމަށް ކްރިމިނަލް ކޯޓުގެ އިސް ޤާޟީ ޢަބްދުﷲ މުޙައްމަދަށް އިލްތިމާސްކުރަމެވެ. އަދި ހަމަ މިއާއެކު، ޢަދުލު އިންސާފު ޤާއިމުކުރެއްވުމުގެ އެންމެ އިސް ފަރާތެއްގެ ހައިސިއްޔަތުން ސްޕްރީމް ކޯޓުންނާއި، ޖުޑިޝަލް ސާރވިސް ކޮމިޝަނުންނާއި، ޕްރޮސިކިޔުޓަރ ޖެނެރަލް، ކްރިމިނަލް ކޯޓުގެ އިސް ޤާޟީ ޢަބްދުﷲ މުޙައްމަދުގެ މި މައްސަލަ މިހިނދުން މިހިނދަށް ބައްލަވައިދެއްވުމަށް ވެސް ގޮވާލަމެވެ.

ބަޔާން ނެރުއްވީ: އިމްތިޔާޒް ފަހުމީ
(ޤާނޫނީ ވަކީލު/ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރ)