ދިއްލީ 2010 ކޮމަންވެލްތް ގޭމްސްގެ ކުއީންސް ބެޓަން ރިލޭގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންފި

15 ޖޫން 2010

hep-cwgames

މިއަހަރު އިންޑިޔާގެ ނިއުދިއްލީގައި ބޭއްވުމަށް ހަމަޖެހިފައިވާ 19 ވަނަ ކޮމަންވެލްތް ގޭމްސްގެ ކުއީންސް ބެޓަން ރިލޭ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު ހެނދުނު އިފްތިތާޙް ކޮށްދެއްވައި އެ ރިލޭގައި އެމަނިކުފާނު ބައިވެރިވެވަޑައިގެންފިއެވެ. މި ރިލޭގައި އެމަނިކުފާނުގެ ނައިބު، ޑޮކްޓަރ މުޙަންމަދު ވަޙީދާއި، ބައެއް ވަޒީރުންނާއި ސަރުކާރުގެ އިސްބޭފުޅުންނާއި، ކުޅިވަރުގެ ދާއިރާތަކުގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރިލޭ އިފްތިތާޙް ކޮށްދެއްވުމުގޮތުން ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން ކޮމަންވެލްތް ގޭމްސްއަކީ ވަކިބާވަތެއްގެ ތާރީޚެއް ޙިއްޞާ ކޮށްފައިވާ ޤައުމުތައް ޝާމިލްވާ އަދި އެއް ޤައުމު އަނެއް ޤައުމާ ދެމެދުގައި އޮންނަ ތިމާގެކަން އެހެން މުބާރާތްތަކަށްވުރެ ބޮޑުވެގެންދާ މުބާރާތެއް ކަމުގައި ވިދާޅުވިއެވެ.

މިއަހަރުގެ ކޮމަންވެލް ގޭމްސް ދިއްލީގައި ބޭއްވޭއިރު ދުނިޔޭގެ ބޮޑު ސިޓީއެއްގެ ގޮތުގައި ދިއްލީ ތަޢާރުފުވަމުން އަންނަކަން ފާހަގަކުރައްވަމުން، މި އަހަރުގެ ގޭމްސް ދިއްލީގައި މި ބޭއްވޭ ވަގުތަކީ ރާއްޖޭގެ އެތްލީޓުންނާއި ރާއްޖޭގެ ރައްޔިތުންގެ ނަޒަރު އެކަމަށް ހުއްޓިގެންދާނެ ވަގުތު ކޮޅަކަށްވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ކުޅިވަރުގައި ޢާންމު ގޮތެއްގައި މޮޅުވުމަށް ވުރެ މުހިންމީ މޮޅުވުމަށްވުރެ ބައިވެރިވުން ކަމުގައި ވިޔަސް އަޅުގަނޑުމެން ކުރާ ކޮންމެ ކަމެއްވެސް ރަނގަޅަށް ކޮށް، އެއިން ރަނގަޅު ނަތީޖާއެއް ހޯދުމަށް މަސައްކަތް ކުރުމަކީ އަމާޒެއް ކަމަށް ވާންޖެހޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

2010 ވަނަ އަހަރުގެ ކޮމަންވެލްތް ގޭމްސްގެ ކްއީންސް ބެޓަން ރިލޭ ފަށާފައިވަނީ 29 އޮކްޓޯބަރ 2009ގައި އިނގިރޭސިވިލާތުގެ ބަކިންގހަމް ޕެލަސްއިންނެވެ. އެއަށްފަހު، ކްއީންސް ބެޓަންގެ ތާރީޚީ ދަތުރުގައި، ކޮމަންވެލްތްގެ 70 ޤައުމަށް މި ބެޓަން ގެންގޮސް 240 ދުވަހުގެ ތެރޭގައި 170,000 ކިލޯމީޓަރ ކަޑައްތު ކުރާނެއެވެ. ކްއީންސް ބެޓަންގެ ރިލޭ ނިމިގެންދާނީ، މިއަހަރުގެ އޮކްޓޯބަރ މަހުގެ 3 ވަނަ ދުވަހު، ދިއްލީގެ ޖަވާހަރްލާލް ނެހްރޫ ސްޓޭޑިއަމްގައި 19 ވަނަ ކޮމަންވެލްތް ގޭމްސް ހުޅުވުމުގެ ރަސްމިއްޔާތުގައި، މި ބެޓަންއާއެކު ހިމެނިފައިވާ އިނގިރޭސި ރާނީގެ މެސެޖް އިއްވުމުންނެވެ.

ބެޓަންގެ ދަތުރުން ކޮމަންވެލްތް ޤައުމުތަކުގެ މެދުގައިވާ އެކުވެރިކަމާއި، އެއްބައިވަންތަކަމާއި، ޤައުމުތަކުގެ މެދުގައި ޙިއްޞާ ކުރާ އުޞޫލުތަކާއި ހަމަތައް ރަމްޒުކޮށްދެއެވެ. އަދި އިނގިރޭސި ރާނީ ކްއީން އެލިޒަބަތު ދެވަނަ އެތުލީޓުންނަށް ދެއްވާ މެސެޖް އެތުލީޓުންނަށް ގެންގޮސްދެއެވެ.