ނޫސްވެރިކަމުގެ މިނިވަންކަން ދެމެހެއްޓުމަށް ޒަމާނީ ނިޒާމެއް ގާއިމް ކުރުމަށް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށް ޑރ.ސަވާދު ވިދާޅުވެއްޖެ

15 ޖޫން 2010

ministersawad

އާ ސަރުކާރު ހަވާލުވިއިރު ނޫސްވެރިކަމުގެ ދާއިރާއަށް ވާރުތަވެފައިހުރި ހުރަސްތައް ނައްތާލައި، ނޫސްވެރިކަމުގެ މިނިވަންކަން ދެމެހެއްޓުމަށް ޒަމާނީ ނިޒާމެއް ގާއިމް ކުރުމަށް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށް މިނިސްޓަރ އޮފް ޓުވަރިޒަމް، އާޓްސް އެންޑް ކަލްޗަރ ޑރ.ޢަހުމަދު އަލީ ސަވާދު ވިދާޅުވެއްޖެއެވެ.
ޑރ. ސަވާދު މިކަން ހާމަކުރެއްވީ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އާ ކޮމަންވެލްތް ގުޅިގެން ނޫސްވެރިކަމުގެ ސިފަތަކާއި ހުނަރުތައް ދަސްކޮށްދިނުމަށް ހޮލިޑޭ އިން ހޮޓަލުގައި އިއްޔެ ފެށި ވޯކްޝޮޕް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ދުނިޔޭންވެސް އެންމެ މިނިވަން ނޫސްވެރިކަމެއް އޮތް ޤައުމަކީ ރާއްޖެ ކަމުގައި ހެއްދެވުން ކަމަށާއި އެކަމަށް ސަރުކާރުން ކުރާ މަސައްކަތް ކުރިއަށްދާކަމަށާއި އެގޮތުން ރައްޔިތުންގެ މަޖިލީހަށް މިހާރު ނޫސްވެރިކަމުގެ މިނިވަންކަމާ ބެހޭ ޤާނޫނެއް ފޮނުވާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ސަރުކާރުންވެސް މިއަހަރުގެ ތެރޭގައި ނޫސްވެރިންނަށް ތަމްރީނު ދިނުމަށް ގިނަ ޕްރޮގްރާމްތަކެއް ހިންގެވުމަށް ރާއްވަވަމުން ގެންދަވާކަމަށް ވިދާޅުވިއެވެ.
މިނިސްޓަރ ސަވާދުގެ ވާހަކަފުޅުގައި ދިވެހި ނޫސްވެރިން ނޫސްވެރިކަން ކުރަމުންދާ ގޮތަށް ފާޑުވިދާޅުވަމުން، ދިވެހި ބައެއް ނޫސްވެރިން ނޫސްވެރިކަން ކުރަނީ ޒިންމާދާރުގޮތުގައި ނޫންކަމަށާއި އެކަމަކީ ވިސްނައި އިޞްލާޙުކުރަންޖެހޭނެކަމެއްކަމަށް ވިދާޅުވިއެވެ. ޚަބަރެއް ނުވަތަ މަޢުލޫމާތެއްފަތުރާއިރު، ހަގީގަތް އޮޅޭ ގޮތަށް ކަންކަން ވަކި އަތަކަށް އަނބުރައިގެން މަޢުލޫމާތު ފެތުރުމުގެ ބަދަލުގައި ހަޤީޤަތާއިއެއްގޮތަށް ޚަބަރުތައް ގެނެސްދިނުމަށް އިލްތިމާސްކުރެއްވިއެވެ. ނޫސްވެރިޔަކަށް ނުވަތަ ނޫސްވެރިކަމަށް ފާޑުކިޔައިފިނަމަ ފާޑުކީ މީހާ ދެއްކި ވާހަކައިގެ ހަޤީޤަތް ބެލުމަށް ބަހުސްކުރުމުގެ ބަދަލުގައި އެމީހަކާއި ޒާތީވެގެން ނުވާނެކަމަށްވެސް ޑރ. ސަވާދު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ނޫސްވެރިކަން ރެގިއުލޭޓު ކުރުމަށް ނުވަތަ ނޫސްވެރިންނާ މެދު ފިޔަވަޅު އެޅުމަށް ބަޔަކު ތިބެންޖެހޭނެ ކަމަށާއި އެބަޔަކީ މިހާރު ޤާނޫނީ ގޮތުން އުފެދިފައިވާ މީޑިޔާ ކައުންސިލްކަމަށް ދެކެވަޑައިގަންނަވާކަމަށާއި، ބްރޯޑްކާސްޓިން ބިލް ވުޖޫދަށް އައިސް މީޑިޔާ ކައުންސިލް ހިނގައިގަތުމުން، ސަރުކާރުން މީޑިއާ ރެގިއުލޭޓު ކުރުން މުޅިން ނިމުމަކަށް ގެންނަވާނޭކަމަށް ޑރ. ސަވާދު ވިދާޅުވިއެވެ.
މި ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ޚާއްޞަ މެސެޖެއް ފޮނުއްވިއެވެ. އެމަނިކުފާނުގެ މެސެޖުގައި ރާއްޖޭގައި ޑިމޮކްރަސީ ދެމެހެއްޓުމަށް މީޑިއާގެ މިނިވަންކަމަކީ އެންމެ މުހިއްމު އެއް އަސާސްކަމަށާއި، ޤައުމަށް އެދެވޭ ތަރައްޤީއެއް ޙާޞިލުކުރެވޭނީ މިނިވަންކަމާއިއެކު ޚިޔާލުފާޅުކުރެވިގެން ކަމަށް ވިދާޅުވެފައިވެއެވެ. އަދި އެމަނިކުފާނުގެ އުއްމީދަކީ ދުނިޔޭގެ ފެންވަރުގައިވެސް ” ރާއްޖެއަކީ އެންމެ މިނިވަން އަދި އެންމެ ޕްރޮފެޝަނަލް ބަޔަކު މަސައްކަތްކުރާ ” މީޑިއާއަކަށް ރާއްޖޭގެ މީޑިއާ ވުންކަމަށްވެސް ރައީސް ނަޝީދުގެ މެސެޖުގައި ވަނީ ވިދާޅުވެފައެވެ.
4 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މިވޯކްޝޮޕްގައި 19 ނޫސްވެރިޔަކު ބައިވެރިވެފައި ވެއެވެ. މި ވޯކްޝޮޕްގައި ކިޔަވައިދެއްވާނީ ސިންގަޕޫރުގެ ތަޖުރިބާކާރު ނޫސްވެރިންނެވެ