ކުރީގެ ރައީސް މައުމޫން ލޫޓުވާފައިވާ ހަތަރު ސަތޭކަ މިލިއަން ޑޮލަރު ހޯދުމަށް ދިވެހި ސަރުކާރުން މަސައްކަތްކުރަމުން އެބަދޭ – ދަ ނިއުޔޯކު ޓައިމްސް

12 ޖޫން 2010

maumoon

ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމާއި، އެމަނިކުފާނުގެ ގާތް ބޭފުޅުން ސަރުކާރު ހިންގެވި ދުވަސްވަރު ސަރުކާރުން ލޫޓުވާފައިވާ 400 މިލިއަން ޑޮލަރު ހޯދުމަށް މިހާރުގެ ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށް އެމެރިކާގެ މަޝްހޫރު ދުވަހު ނޫހެއް ކަމަށްވާ ދަ ނިއުޔޯކް ޓައިމްސް އިން ބުނެފިއެވެ.
އެނޫހުގެ އިއްޔެގެ އަދަދުގައި ލިޔެފައިވާ ރިޕޯޓެއްގައި، ކުރީގެ ރައީސް މައުމޫނަކީ ދައުލަތުގެ ފައިސާއަށް ޚިޔާނާތްތެރިވެފައިވާ ފަރާތްތައް ހޯދުމަށް ކުރަމުންދާ މަސައްކަތުގެ އެއް އަމާޒުކަމަށް ބަޔާންކޮށްފައިވެއެވެ. އަދި ކުރީގެ ރައީސް މައުމޫނަކީ ވެރިކަމުގެ އާރާއި ބާރުގެ ބޭނުންކުރައްވައިގެން މުއްސަނދި ދިރިއުޅުމެއް އުޅުއްވި އަދި އެއްވެސް ކޮންޓްރޯލެއްނެތި ދައުލަތުގެ ފައިސާ، އެމަނިކުފާނަށާއި އެމަނިކުފާނުގެ ގާތްބޭފުޅުންނަށް ޚަރަދުކުރެއްވި ބޭފުޅެއް ކަމަށް ލިޔެފައިވެއެވެ.
” ޖަރުމަނުން 9.5 މިލިޔަން ޑޮލަރުގެ ލަގްޒަރީ ޔޮޓެއް މައުމޫން ބައްލަވައިގަތެވެ. ރިޔާސީ ގަނޑުވަރާއި، ގެކޮޅުތައް މަރާމާތުކުރުމަށް 17 މިލިއަން ޑޮލަރު ޚަރަދުކުރެއްވިއެވެ. ރިޔާސީ ގަނޑުވަރުގައި ސްވިމިންގ ޕޫލަކާއި، ބެޑްމިންޓަން ކޯޓަކާއި ޖިމެއް ހެއްދެވި. 11 ލޯންޗާއި، ރާއްޖޭގައި އޮތް ހަމައެކަނި މާޒިޑީސް ކާރު ހިމެނޭގޮތުން މަދުވެގެން 55 ކާރުކޮޅު އެމަނިކުފާނުގެ ބޭނުންފުޅަށް ބައްލަވައިގަތް” ކަމަށް 2009 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓާ ހަވާލާދެއްވައި ދަނިއުޔޯކް ޓައިމްސްގެ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.
ކުރީގެ ރައީސް މައުމޫނު “މުހިންމު” ބޭފުޅުންގެ ގޮތުގައި ދެކިވަޑައިގަންނަވާ އެމަނިކުފާނުގެ ގާތްބޭފުޅުންނަށް ބޭސްފަރުވާގެ ޚަރަދަށާއި، އަގުބޮޑު ފަޓުލޫނާއި އަތުކުރީ ގަޑި ފަދަ ތަކެތި ގަތުމަށް ދައުލަތުގެ މާލިއްޔާއިން ގިނަ އަދަދެއްގެ ފައިސާ ޚަރަދުކުރައްވާފައިވާ ކަމަށާއި، އެމަނިކުފާނުގެ އަނބިކަނބަލުން 2007 ވަނަ އަހަރު 70،000 ޑޮލަރު ޚަރަދުކުރައްވައިގެން ދުބާއީއަށް ދަތުރުފުޅެއް ކުރެއްވި ކަމަށާއި، ސިންގަޕޫރުގެ މަޝްހޫރު ގްރޭންޑް ހަޔަޓް ހޮޓަލުގައި އެމަނިކުފާނުގެ ތިމާގެ ބޭފުޅަކު ހަފްތާއެއް ވަންދެން ހުންނެވުމަށް ދައުލަތުގެ ފައިސާއިން 20،000 ޑޮލަރު ޚަރަދުކުރައްވާފައިވާ ކަމަށްވެސް ދަނިއުޔޯކް ޓައިމްސްގެ ރިޕޯޓުގައި ވެއެވެ. މީގެ އިތުރުން އެމަނިކުފާނުގެ ކާފަދަރިކަލަކަށް އިނގިރޭސި ވިލާތުން އެއަރފްރައިޓްކޮށް ނެޕީ ގެންނަވާފައިވާ ކަމަށް ވެސް މި ރިޕޯޓުގައި ބުނެފައިވެއެވެ.
” ވެލްފެއަރ އިން ޚަރަދުކުރައްވާފައިވަނީ އެމަނިކުފާނުގެ ޢާއިލާގެ ބޭފުޅުންނަށާއި، ގާތް ރަހުމަތްތެރިންނަށާއި، ސަރުކާރުގެ އިސް އޮފިޝަލުންނަށާއި، އެބޭފުޅުންގެ ގާތް ރަޙްމަތްތެރިންނަށާއި، މަޖިލިސް މެންބަރުންނަށެވެ.” އޮޑިޓަރ ޖެނެރަލްގެ ރިޕޯޓާ ހަވާލާދީ ދަނިއުޔޯކް ޓައިމްސްގައި ލިޔެފައިވެއެވެ.
މިރިޕޯޓަށް މައުމޫންގެ ބަހެއް ލިބޭތޯ ކުރި މަސައްކަތް ކާމިޔާބުވެފައިނުވާ ކަމަށާއި، އެމަނިކުފާނުގެ ޚިޔާނާތުގެ މައްސަލަ މިހާރުގެ ސަރުކާރުން ތަޙްޤީގްކުރަމުންދާ ކަމަށް ވެސް ދަނިއުޔޯކް ޓައިމްސްގެ ރިޕޯޓުގައި ވެއެވެ.