ޖީޑީޕީގެ ނިސްބަތުން ބަޖެޓް ޑެފިސިޓް ކުޑަކުރެވިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

ސަރުކާރުގެ އުންމީދަކީ މިއަހަރު ނިމެންވާއިރަށް ބަޖެޓްގެ ޑެފިސިޓް އެއީ ދެ އަކުރުން ބަޔާންކުރަންޖެހޭ ޢަދަދެއްގެ ބަދަލުގައި އެއް އަކުރުގެ ޢަދަދަކަށް، ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް ގެންނެވުން ކަމަށް ވެސް ރައީސް ވިދާޅުވި

hep-hoarafushi-1

ޖީޑީޕީގެ ނިސްބަތުން ބަޖެޓް ޑެފިސިޓްގެ ގޮތުގައި މީގެކުރީގައި މިއަހަރަށް ފާހަގަކުރީ 11 ޕަސެންޓް ކަމަށާއި އެ ނިސްބަތް އެއަށްވުރެ ތިން ހަތަރު ދަރަޖައަށް ކުޑަކުރެވިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ދެއްވި ރޭޑިއޯ ހިތާބުގައި ރައިސް ނަޝީދު ވިދާޅުވީ މިއަހަރު ޖީޑީޕީގެ ނުވަތަ ޤައުމީ އުފެއްދުންތެރިކަމުގެ ގޮތުން ބަޖެޓްގެ ޑެފިސިޓް އަންދާޒާ ކުރެވިފައިވާ ކަމަށާއި، ބަޖެޓާމެދު ވަޒީރުންނާއި ސަރުކާރުގެ އޮފީސްތަކުގެ ވެރިންގެ ބައްދަލުވުންތަކެއް ބާއްވައި މަޝްވަރާ ކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ސަރުކާރުގެ ހަރަދުތައް އެކަށީގެންވާ ދަރަޖައަކަށް ވަރަށް ގިނަ ދިމަދިމާއިން ކުޑަކުރެވިފައިވާކަން އެ އަންދާޒާ އިން އެނގޭކަމާއި ވައުދުތައް ފުއްދަވައި ދެއްވުމަށާއި ރައްޔިތުން އިސްކަންދޭ ޚިދްމަތްތައް ރައްޔިތުންނަށް ފޯރުވައިދީ، އެކަންކަން ހިންގުމަށްޓަކައި ބަޖެޓް ބައްޓަން ކުރެއްވުމުގެ މަސައްކަތް ސަރުކާރުގެ މައިގަނޑު 32 ޕްރޮގްރާމެއްގެ ތެރެއިން ފެށިފައިވާކަން ވެސް ރައީސް ވިދާޅުވި އެވެ.

“އަންނަ އަހަރަށް ލަފާކުރާ ބަޖެޓާ މެދު ވަޒީރުންނާއި ސަރުކާރުގެ އޮފީސްތަކުގެ ވެރިންގެ ބައްދަލުވުންތަކުގައި މިހާރު ވަނީ މިއަހަރު ޖީޑީޕީގެ ނުވަތަ ޤައުމީ އުފެއްދުންތެރި ކަމުގެ ގޮތުން ބަޖެޓްގެ ޑެފިސިޓް އަންދާޒާ ކުރައްވާފައި. އެ އަންދާޒާ އިން އެނގޭ ގޮތުގައި، ސަރުކާރުގެ ޚަރަދުތައް މިވަނީ އެކަށީގެންވާ ދަރަޖައަކަށް ވަރަށްގިނަ ދިމަދިމާލުން ކުޑަކުރެވިފައި. ޖީޑީޕީގެ ނިސްބަތުން ބަޖެޓް ޑެފިސިޓްގެ ގޮތުގައި މީގެކުރީގައި އަޅުގަނޑުމެން މިއަހަރަށް ފާހަގަކުރީ 11 ޕަސެންޓް. އެއަށްވުރެ ތިން ހަތަރު ދަރަޖައަށް ކުޑަކުރެވިފައިވާކަން މިހާރު ވަނީ ފާހަގަކުރެވިފައި،”

އަންނަ އަހަރުގެ ބަޖެޓުގެ ބޮޑު ނިސްބަތެއް ސިއްހަތާއި ތައުލީމީ ދާއިރާގެ ތަރައްގީ ކުރުމަށް ސަރުކާރުން ޚަރަދު ކުރެއްވުމަށް މިހާރުވެސް ކަނޑައަޅުއްވާފައިވާ ރައީސް ވިދާޅުވި އެވެ. އަދި ދައުލަތަށް އެކިގޮތްގޮތުން އިތުރުވެ ބޮޑުވެގެންދާ ތަނަވަސްކަން ރައްޔިތުންނަށް އިޢާދަކުރުމާއި، ދައުލަތުގެ ދަރަނި ކުޑަކުރުމާއި، ރައްޔިތުންނަށް އިޖްތިމާޢީ ހިމާޔަތާއި ހިދުމަތްތައް ފޯރުވައިދިނުން، ވަރަށް މަތީ ދަރަޖައެއްގައި ބަޖެޓްގައި ހިމަނާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ސަރުކާރުގެ އުންމީދަކީ، މިއަހަރު ނިމެންވާއިރަށް ބަޖެޓްގެ ޑެފިސިޓް އެއީ ދެ އަކުރުން ބަޔާންކުރަންޖެހޭ ޢަދަދެއްގެ ބަދަލުގައި، އެއް އަކުރުގެ ޢަދަދަކަށް، ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް ގެންނެވުން ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރޭޑިޔޯ ޚިޠާބުގައި، ނިމުނު ހަފްތާގައި މުދަލާއި ހިދްމަތުން ޖީއެސްޓީ ނެގުމުގެ އިންތިޒާމްތައް، އޮމާންކަމާ އެކު ހިނގާން ފަށާފައިވާކަން ފާހަގަކުރައްވަމުން، މި ޓެކްސްއިން އިތުރުކޮށްދޭނީ، ދައުލަތުގެ ތަނަވަސްކަން ކަމަށާއި، މި ތަނަވަސްކަން އިޢާދަވެގެންދާނީ އަނބުރާ ރައްޔިތުންނަށް ކަމުގައި ވިދާޅުވި އެވެ.

އާމްދަނީ ނިސްބަތުން މަދުން ލިބޭ ދިވެހިންނަށް ދައުލަތުން ފޯރުކޮށްދޭ ޙިމާޔަތާއި، އެހީތެރިކަމާއި، ސިއްހީ ފަރުވާއާއި، ރައްކާތެރިކަމާއި، ހިދްމަތްތަކާއި، ރައްޔިތުންނަށް ކޮންމެހެން ބޭނުންތެރި ތަރައްގީގެ އެކި މަސައްކަތްތަކަށް ހޭދަކުރެވޭނީވެސް، ދައުލަތުގެ މިދެންނެވި ތަނަވަސްކަމުން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.