ނޫސް ބަޔާން

12 ޖޫން 2010

މިނިސްޓަރ އޮފް އެޑިއުކޭޝަންއާ ދެކޮޅަށް ނަގަން މަސައްކަތްކުރާ އިތުބާރު ނެގުމުގެ ވޯޓު ކުށްވެރިކުރުން

mvmdp1

މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. މުސްޠަފާ ލުތުފީގެ އިތުބާރުނެތްކަމުގެ ވޯޓެއް ނެގުމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ކުރަމުންދާ މަސައްކަތް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ން ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ.
މިޕާޓީން ޤަބޫލުކުރާ ގޮތުގައި، އެޑިއުކޭޝަން މިނިސްޓަރު ޑރ. މުސްތަފާ ލުޠުފީއަކީ އެމަނިކުފާނުގެ މަޤާމުގެ މަސްއޫލިއްޔަތު ވަރަށް ފުރިހަމައަށް އަދާކުރައްވަމުން ގެންދަވާ، އަދި ޤައުމަށާއި ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ޚިދުމަތްކުރައްވަމުން ގެންދަވާ، އާންމު ރައްޔިތުންގެ އަތްފޯރާފަށުގައި ހުންނަވާ ސާދާ ބޭފުޅެކެވެ.
އެގޮތުން އެމަނިކުފާނުގެ މޭސްތިރިކަމުގެ ދަށުން އިންތިޒާމްކުރެވިގެން، މިހާރުވެސް މާލެއާއި އަތޮޅުތަކުގެ ސްކޫލްތަކުގައި ކްލާސްރޫމް އިތުރުކުރުމުގެ މަސައްކަތާއި، އަދި ޓީޗަރުންނަކީ މިހާރަށްވުރެވެސް ފަންނީ، ޤާބިލް ބަޔަކަށް ހެއްދެވުމަށްޓަކައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި ޓީޗަރުންނަށް އިތުރު ތަމްރީން ދިނުމުގެ މަސައްކަތާއި، ދަރިވަރުންގެ ތަޢްލީމްކުރިއެރުވުމާއި، ނަމާދުކުރުމާއި ދީނީކަންކަމަށް އަހުލުވެރިކުރުވުމާއި، ކުޅިވަރުގެ ކަންކަން ފަހިކޮށްދިނުމާއި، އިތުރު ޙަރަކާތްތަކުގައި ބައިވެރިވެ އުޅުމުގެ މަގު ފަހިކޮށްދިނުން ފަދަ ކަންކަން ވަރަށް ފުރިހަމަ އިންތިޒާމެއްގެ ދަށުން ހިނގަމުންދާކަން މިޕާޓީން އުފަލާއެކު ފާހަގަކުރަމެވެ.
ވަޒީރުންގެ މަޖިލީހުގެ ބޭފުޅަކު އެމްޑީޕީއާ ގުޅިވަޑައިގަންނަވާ ކޮންމެ ފަހަރަކު، ޤައުމީ މަސްލަޙަތަށްވުރެ ސިޔާސީ ފިކުރު އިސްކުރައްވައި، އެބޭފުޅަކު ވަޒީރުންގެ މަޖިލީހުން ބޭރުކުރުމަށް މަސައްކަތްކުރުމަކީ، ވަގުތީ ފައިދާއެއް ޙާޞިލްކުރުމަށް، އިދިކޮޅުފަރާތްތަކުން އާންމު ރައްޔިތުންގެ ފައިސާ ބޭކާރުގޮތުގައި ޚަރަދުކުރުމަށް ކުރާ މަސައްކަތެއް ކަމުގައި މިޕާޓީން ދެކެމެވެ. އަދި މިފުރުޞަތުގައި ޑރ.މުސްޠަފާ ލުޠުފީއާދެކޮޅަށް ބައެއް މެންބަރުން ނަގަން މަސައްކަތްކުރަމުން ގެންދާ އިތުބާރުނެތްކަމުގެ ވޯޓުގައި، އެންމެ ބޮޑު އިދިކޮޅު ޕާޓީ ކަމަށްވާ ޑީއާރުޕީގެ ސީދާ ބައިވެރިވުމެއް މިހާތަނަށް، ނެތްކަން މިޕާޓީން ފާހަގަކުރަމެވެ.
ކުށެއްނެތް ދިވެހިރައްޔިތަކު ޙިމާޔަތްކުރުމަށް، ވަކި ޕާޓީއެއްގެ، ވަކި މަޤާމެއްގައި ހުރި މީހަކަށް ބެލުމެއްނެތި، އެމްޑީޕީއަށް ކުރެވެން އޮތްހާ މަސައްކަތެއް ކުރާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ދިވެހިލޮބުވެތި ރައްޔިތުންނަށްނަށް އަރުވަމެވެ. އަދި މިކަމުގައި ޑރ.މުސްޠަފާ ލުޠުފީ އިސްތިސްނާވެގެން ނުވާ ވާހަކަވެސް ދަންނަވަމެވެ.

ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެޓޭރިއަޓް