ހަމަ ގައިމުވެސް ކެމްޕެއިނަކާ ޖެހިއްޖިއްޔާ މާރިޔާ ހުންނާނެ، ފެންނާނެ، 2013 ގަ ވެސް ފެންނާނެ – މާރިޔާ ދީދީ

ޅ.ފެލިވަރުން އިބްރާހީމް ރާމިޒް

dsc_1908

އެމްޑީޕީގެ ޗެއަރޕާސަން ކަމުގެ މަގާމުން ވަކިވެވަޑައިގެން ހުންނެވި ކަމުގައި ވިޔަސް އެމްޑީޕީގައި އިސްކޮށް ޙަރަކާތްތެރިވެވަޑައިގަންނަވާނޭ ކަމަށް މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އަލްއުސްތާޛާ މާރިޔާ އަޙުމަދު ދީދީ ވިދާޅުވެއްޖެއެވެ.
ރޭ ޅ.ފެލިވަރު އެކުވެނީގައި ފެށި “އުތުރު ޕްރޮވިންސް މިނީ ކޮންގްރެސް” އިފްތިތާޙް ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މާރިޔާ ވިދާޅުވީ އެކަމަނާ އަބަދުވެސް އެމްޑީޕީއަށް ޚިދުމަތްކުރުމުގައި ދެމިހުންނަވާނޭ ކަމަށާއި، ކެމްޕެއިންތަކުގައި ވެސް ފެންނާނޭ ކަމަށެވެ.
” ހަމަ ގައިމުވެސް ކެމްޕެއިނަކާ ޖެހިއްޖިއްޔާ މާރިޔާ ހުންނާނެ، ފެންނާނެ، 2013 ގަ ވެސް ފެންނާނެ.” އެމްޑީޕީގެ ޗެއަރޕާސަންކަމުން މިހާރު ވަކިވެވަޑައިގަންނަވާފައިވީ ނަމަވެސް އެޕާޓީ ޕްރޮމޯޓުކުރުމަށް ބުރަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ މާރިޔާ ވިދާޅުވިއެވެ.
ރޭގެ ޖަލްސާ ގައި މާރިޔާ ދީދީ ވަނީ ކުރީގެ ރައީސް މައުމޫނަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން “ވެރިކަމުގައި 30 އަހަރު ހުރި މީހަކު ކުރިން ހުރި ޕާޓީގައި ބޭނުން ގޮތެއް ނެހެދޭތީ ތަރިކަ ޕާޓީއެއް ހަދައިގެން ފޯމުތަކެއް ހިފައިގެން ދާތީ ހަމަ ހަގީގަތުގައި ވެސް ސިހުން ލިބުނު” ކަމަށް މާރިޔާ ވިދާޅުވިއެވެ. އަދި، ކުރީގެ ރައީސް މައުމޫން މިހާރު އުފައްދަވަން މަސައްކަތްކުރައްވާ އެމްޑީޕީގެ ބަހުން ނަމަ “ޕްރައިވެޓް ޕްރޮޕަޓީ އޮފް މައުމޫން”، ޕީޕީއެމް އިން އެކުލަވާލަމުންދާ އަސާސީ ގަވައިދު އެކަމަނާ ބައްލަވާފައިވާ ކަމަށާއި، އެ ގަވައިދުގައި “މަޝްވަރާ މަޖިލީހެއް އޮވެމެ، އެ މަޖިލިސް ހޮވޭނެ ގޮތެއް، އެ ގަވައިދުގެ އެއްވެސް ތާކުން” ފެނިވަޑައިނުގެންނެވި ކަމަށް މާރިޔާ ވިދާޅުވިއެވެ.
އެމްޑީޕީގެ އެންމެ އިސް ލީޑަރު ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވެސް ބައިވެރިވެވަޑައިގެންނެވި ރޭގެ ޖަލްސާ ގައި އެމްޑީޕީ އުތުރު ޕްރޮވިންސްގެ ރައީސް ޢަލީ ނިޔާޒް އާއި، އެމްޑީޕީގެ އަމީން އާންމުކަން ވެސް ކުރައްވާފައިވާ، އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ މިހާރުގެ އަމީން އާންމު ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙާމިދު ޢަބްދުލްޤަފޫރު ވެސް ވާހަކަފުޅުދެއްކެވިއެވެ.
ހާމިދުގެ ވާހަކައިގައި އައްޑޫގައި ވެސް އެމްޑީޕީ އުފެދިގެން އައި ދުވަސްކޮޅު، މިފަދަ މިނީ ކޮންގްރެސް އެއް ބޭއްވިކަން ފާހަގަކުރައްވަމުން، އެމްޑީޕީގެ އެންމެ ބާރު ގަދަ އެއް ގުނަވަނަކީ ގޮފިތައް ކަމަށް ވިދާޅުވިއެވެ. އެ ގޮތުން ކުރިން އެމްޑީޕީގެ ގޮފިތަކަކީ “ކުޑަވަރެއްގެ ޖަމިއްޔާތަކެއް” ކަމަށް ވިދާޅުވިއެވެ. އަދި އެމްޑީޕީގައި ދާއިރާތަކުގެ ހިންގާ ކޮމިޓީތަކާއި، ޕްރޮވިންސް ސެކްރެޓޭރިއަޓްތައް އުފެދިގެން އައި ގޮތުގެ އިތުރުން އެޕާޓީގެ ކުރިއެރުންތަކަށް ހާމިދު ބައްލަވާލެއްވިއެވެ.