މެންބަރުން އަމިއްލައަށް ކަންކަމުން ރެކެންވެގެން ޤާނޫނުތަކެއް ހެދުމުގެ މަސައްކަތް ފެށުމަކީ ރަގަޅުކަމެއް ނޫން – ޝިފާޒް

10 ޖޫން 2010

shifaz-450-x-301

މުޖުތަމަޢުގައި ދިމާވާ ދަތިތަކާއި އުނދަގޫތަކާއި ނުރައްކާތެރިކަމުން ދިވެހިރައްޔިތުން ސަލާމަތް ކުރުމަށްޓަކައި އެތައް ޤާނޫނެއް ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާއިރު އެބިލުތަކުގެ މަސައްކަތް ނުނިންމާ މެންބަރުން އަމިއްލައަށް ކަންކަމުން ރެކެންވެގެން ޤާނޫނުތަކެއް ހެދުމުގެ މަސައްކަތް ފެށުމަކީ ރަގަޅުކަމެއް ނޫން ކަމުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ވިޕް އަދި ބާރަށު ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޒް ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ މިދައުރުގެ ދެވަނަ ޖަލްސާއަށް ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ހުށަހެޅުއްވި މަޖިލިސް މެންބަރުންގެ އިމްތިޔާޒްތަކާބެހޭ ބިލާބެހޭގޮތުން ވާހަކަދައްކަވަމުން ޝިފާޒް ވިދާޅުވީ މިފަދަ ބިލެއް އޮންނަންޖެހޭ ކަމަށް ޤަބޫލުކުރެއްވި ނަމަވެސް މިބިލަކީ “އެހާ ގަޔާވާ ބިލެއް ނޫން” ކަމުގައެވެ. ސަބަބެއް ކަމަށް ޝިފާޒް ވިދާޅުވީ ” މި މަޖިލީހުގައި އަޅުގަނޑުމެން އަމިއްލަ އަށް ތިބެގެން އަޅުގަނޑުމެންނާ ސީދާ ގުޅޭ ކަންތައްތައް އަޅުގަނޑުމެން ނިންމުމަކީ އަޅުގަނޑުމެންނަން ފަސޭހަކަމެއް ނޫން. ގައިމުވެސް އަޅުގަނޑަކަށް ފަސޭހަކަމެއް ނޫން. އަޅުގަނޑުމެން ނަގާނެ މުސާރަ އެއް އަޅުގަނޑުމެންގެ އަމިއްލައަތުން ނިންމާ އަޅުގަނޑުމެން އުޅެންވީ ގޮތެއް އަޅުގަނޑުމެންގެ ކަންތައްތައް މުޖުތަމަޢުގެ ތެރޭގައި ބަހައްޓަންވީ ގޮތެއް މިންގަނޑުތަކެއް އަޅުގަނޑުމެން އަމިއްލަ އަށް ނިންމުން އެއީ އަޅުގަނޑަށް ފަސޭހަކަމެއް ނޫން. އެހެންނަމަވެސް މިފަދަ ޤާނޫނެއް އޮންނަން އެބަޖެހޭ.” ކަމަށެވެ.
މި ބިލުގެ ތަޢާރަފާއި ނަން އޮންނަ އިރުގައި މިއީ ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ޙައްޤުތަކާއި ބާރުތަކާއި އަދާކުރަންޖެހޭ ޒިންމާތަކާއި މަސްއޫލިއްޔަތު ބަޔާންކުރުމުގެ ޤާނޫނެއް ނަމަވެސް ޖުމްލަ ގޮތެއްގައި މި ބިލުގައި އޮތީ ހައްޔަރުކުރުމާއި ވާހަކަދެއްކުމުގެ މިނިވަންކަމުގެ ވާހަކަ ކަމަށާއި، ޒިންމާތަކާއި މަސްއޫލިއްޔަތުގެ ވާހަކަ މިބިލުގައި ބަޔާންކޮށްފައި ވަނީ ވަރަށް ކުޑަކޮށް ކަމަށް ޝިފާޒް ވިދާޅުވިއެވެ.
” ޢިއްޒަތްތެރި ބައެއް މެންބަރުން ފާހަގަކުރެއްވި ގޮތަށް އަޅުގަނޑުމެންނަކީ ޤާނޫނުތަކަށް ވުރެ މަތީގައި ތިބެވެންޖެހޭނެ ބައެއް ނޫން. މިއަދު މި ބިލުގައި ވާހަކަ މި ތަނުގައި ދައްކާއިރުގައި މުޖުތަމަޢުގެ ހާލަތު އޮތްވަރު އަޅުގަނޑުމެން ބަލަން އެބަޖެހޭ. މުޖުތަމަޢުގައި ދިވެހި ރައްޔިތުން މި ކުޑަ މާލޭގައި ވެސް ހަރަކާތްތެރި ވަމުންދާ ދިއުމުގައި އެ ދިމާވާ ދަތިތަކާއި އެ ހުރި އުނދަގޫތަކާއި ނުރައްކާތެރިކަމާ މިކަންކަމުން ސަލާމަތް ކުރުމަށްޓަކައި އެތައް ޤާނޫނެއް މިތަނަށް ވަނީ މިހާރު ވެސް ފޮނުވިފައި. އެއިން އެއްވެސް އެއްޗެއްގެ މަސައްކަތް ނުނިންމާ އަޅުގަނޑުމެން އަމިއްލައަށް އަޅުގަނޑުމެންނަށް މީހަކު ކަމެއް ކޮށްފާނެތީ އެކަމަކުން ރެކެންވެގެން ޤާނޫނުތަކެއް ހެދުމުގެ މަސައްކަތް އަނެއްކާ މި ފެށީ.” ޝިފާޒް ވިދާޅުވިއެވެ.
ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ ޤާނޫނުއަސާސީން ދިވެހިރައްޔިތުންނަށް ވަރަށް ތަފްޞީލުކޮށް ދީފައި އޮތް ޙައްޤެއް ނަމަވެސް، މަޖިލީހަށް އަންނަ މަގުމަތީގައި އަޅުގަނޑަކަށް ނެތް މާ ބޮޑު ޔަޤީންކަމެއް. މި ދިވެހި ޤައުމުގައި މިއަދު ސިޔާސީ މަސްރަޙު މިއޮތް ގޮތުން މި ވާދަވެރިކަމުގެ ތެރޭގައި ވޯޓެއްގެ ދަހިވެތިކަމުގައި މެންބަރަކު ވެސް ” މަގުމަތިން މެންބަރަކާ ދިމާކޮށްފާނެ އެއީ މިއަދު މީނައަށް ވަދެވިއްޖެއްޔާ މީނަގެ ވޯޓު ގެއްލުވާލެވޭނެ ގޮތެއް އެބަޖެހޭ ހަދަން. މިފަދަ މާޙައުލެއް މިތަނުގައި މި އޮތީ. އެފަދަ ކަމެއް ހިނގާ ދަނޑިވަޅުގައި ވެސް މެންބަރަކަށް ވީތީ ނެތް ހައްޔަރު ކުރެވޭ ކަށެއް، ބަންދު ކުރެވޭ ކަށެއް ތަޙުޤީޤަށް ނަމަވެސް. އެހެންވީމާ، އަޅުގަނޑަކަށް މިފަދަ ކަންތައްތަކަކަށް މީގައި ތަރުހީބެއް ނުދެވޭނެ.”
މިފަދަ ޤާނޫނަކީ ބަލައިގަންނަން އުނދަގޫ ޤާނޫނަކަށް ވިޔަސް މިއީ އޮންނަންޖެހޭނެ ޤާނޫނަކަށް ވާތީ މިބިލު ބަލައިގަންނަން ހިތްވަރު ދެއްވާނޭ ކަމަށާއި، އަދި އެކަމަށް ތާއީދު ވެސް ކުރައްވާނޭ ކަމުގައި ޝިފާޒް ވިދާޅުވިއެވެ. އަދި މި ބިލުން “އަޅުގަނޑަށް ފެނިގެންދަނީ ހިފާ ހައްޔަރު ކޮށްފާނެތީ އުޅޭ އުޅުމާއި، އަޅުގަނޑުމެންނަށް މި ތަނުގައި ވާހަކަ ދައްކަންވާ ވަރަށް ވާހަކަ ނުދެއްކޭ ބަޔަކު އުޅޭތީވެ އެ ކަންތައްތަކުން ބަރީޢަވުމަށްޓަކައި ނޫނީ އެ މަގުފަހިކުރުމަށްޓަކައި ހަދާ ޤާނޫނެއް ކަމަށް އަޅުގަނޑަކަށް ފެންނާތީ” އެވާހަކަ ފާހަގަކުރައްވަމުން ޝިފާޒް ވިދާޅުވީ މިބިލު ކޮމިޓީއަކަށް ބަލައިގެންފިނަމަ “ވަރަށް ބައިވަރު ޚިޔާލުތަކާއި ކަންތައްތައް އެޕްލައި” ކުރައްވާނޭ ކަމުގައެވެ.