މެންބަރުންގެ ޚިޔާލު: މިހާރަށްވުރެ ވެސް ޒިންމާދާރު ކޮށްދެއްވާށެވެ!

ފުނަމާ

ކޮލަމާފުށީ އެމްޑީޕީ އޮފީސް .. ރަށްރަށުގައި ހުރި އެމްޑީޕީ އޮފީސްތައް ހިންގަނީ އެ ރަށްރަށުގެ އެމްޑީޕީ މެންބަރުންގެ ދީލަތި އެހީއާއެކު ..ފޮޓޯ: މިހާޒް/ކޮލަމާފުށި ..
ކޮލަމާފުށީ އެމްޑީޕީ އޮފީސް .. ރަށްރަށުގައި ހުރި އެމްޑީޕީ އޮފީސްތައް ހިންގަނީ އެ ރަށްރަށުގެ އެމްޑީޕީ މެންބަރުންގެ ދީލަތި އެހީއާއެކު.. ފޮޓޯ: މިހާޒް/ކޮލަމާފުށި ..

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުތައް ބޭއްވި ދުވަސްވަރު އިންތިޚާބީ ވައުދުތަކުގެ ތެރެއިން މެންބަރުންނަށް ނުހަނުގިނަ އުންމީދުތަކެއް ލިބިގެން ގޮސްފައިވެއެވެ. އެގޮތުން ޕާޓީގެ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަކީ ޚާއްސަކޮށް ޕާޓީގެ ކަންކަން ހިންގެވުމަށް ސައްވީސް ގަޑިއިރު ހުސްކޮށް ތިބޭންޖެހޭނެ ބައެއް ކަމުގައި އިވެމުންދިޔަ އަޑުތަކަކީ އެކަމާ މުޅީން އެއްބަސް ނުވާ މެންބަރުންނަށްވެސް ގަބޫލުކުރެވުނު ކަމެކެވެ. ތެދެކެވެ. މިއަދު މިގައުމުގައި ވެރިކަން ކުރަމުން ގެންދަނީ އެމްޑީޕީއިން ކަމަށް ވެފައި އަދި ، އެންމެ މެންބަރުންގިނަ ޕާޓީއަކީވެސް އެމްޑީޕީއެވެ. އެހެންކަމުން މިވަރުގެ ބޮޑުޕާޓީއެއް ހިންގޭނީ ލައްކަގިނަ ވަގުތު ޕާޓީގެ ކަންކަމަށް ހުސްވެގެންތިބޭ ގާބިލް ފަރާތްތަކެއް ޕާޓީގެ ލީޑަރޝިޕުގައި ތިއްބަވައިގެންކަމީ ގަބޫލުކުރާންޖެހޭ ހަގީގަތެކެވެ.
ޕާޓީގެ މައި އިދާރާ ހުރީ މާލޭގައި ކަމަށްވުމާއެކު ޕާޓީގެ އެންމެއިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް މާލޭގައި ތިއްބަވައިގެން ، އެބޭފުޅުންގެ އެހެން ޒިންމާތައް އަދާ ކުރެއްވުމަށްފަހުވެސް ޕާޓީގެ އޮފީހުގައި ނިންމަވާންޖެހޭ ނިންމުންތައް ނިންމެވުމަށް ވަގުތު ހޯއްދެވޭނެއެވެ. މިހެން މިދެންނެވީ ކޮންމެ މީހަކީވެސް އެމީހެއްގެ އަނބިދަރީންނާއި އާއިލާ ބެލެހެއްޓުމަށް އާމްދަނީ ހޯދަން މަސައްކަތް ކުރާންޖެހޭނެ މީހެއް ކަމުގައި ވެފައި ޕާޓީއަކީ އެޕާޓީގައި އޭނާ އަދާކުރާ މަގާމެއްގެ ގޮތުން އެކަށީގެންވާ އުޖޫރައެއް ފޯރުކޮށް ދެވޭނެ ފަރާތެއް ކަމުގައި ނުވާކަމެވެ. ހެޔޮއެދޭ ފަރާތްތަކާއި ސަރުކާރުން ޕާޓީއަށްލިބޭ ފައިސާއަކީ އިސްމަގާމުތަކަށް މުސާރަދިނުމަށްވުރެ ޕާޓީ ކުރިއެރުވުމުގެ ގޮތުންނާއި ޕާޓީގެ ހަރަކާތްތައް ހިންގުމަށް އާންމުކޮށް ކުރާންޖެހޭ ޚަރަދުތައް ކުރާންލިބޭ ފައިސާކަމުގައި ވާތީއެވެ. މިއަދު މިޕާޓީ ކުރިއަރައި ، ފެތުރިފައިވާ މިންވަރަށް ބަލާލާއިރު ޕާޓީއަށް ބޭނުންވާ މިންވަރާ ގާތައްވެސް ފައިސާނުލިބޭކަން ގަބޫލުކުރާން ޖެހެއެވެ. ރާއްޖެތެރޭގެ ކޮންމެ ރަށެއްގައި ޕާޓީގެ އޮފީހެއް ހުރެގެން މަސައްކަތް ކުރާއިރު އެތަންތަނުގައި ކުރާންޖެހޭ އެންމެ އަސާސީ ކަންކަންވެސް ފޯރުކޮށްދިނުން ޕާޓީއަށް މިއޮންނަނީ ދަތިވެފައެވެ. އޮފީސްތަކުގައި ނަގާންޖެހޭ ދިދަވެސް ނުލިބި ބައެއް އޮފީސްތަކުގެ ދިދަދަނޑި ފަޅަށް ހުންނަކަމީ ހަގީގަތެކެވެ. އޮފީސްތަކުގައި ކޮމްޕިއުޓަރެއް ޕްރިންޓަރެއް ނެތެވެ. ޕާޓީއަށް ވަންނާން ބޭނުންވާ ފޯމެއް ޑައުންލޯޑު ކޮށްލެވޭނެ މިންވަރުވެސް ނެތެވެ. އިދިކޮޅު ފަރާތްތަކުން އެބުނާހެން ސަރުކާރުގެ ފައިސާފުނި ޕާޓީގެ އެކްޓިވިސްޓުންނަށް ބަހާނަމަ މިކަންކަން މިފެންވަރުގައި ހުރެގެން ނުވާނެތާއެވެ.
މިހާތަނަށްވެސް އަތޮޅުތަކުގައި ޕާޓީގެ ކަންކަން ހިންގައި ޚަރަދުތައް ކުރަމުން ޕާޓީ ކުރިއަރުވަމުން ގެންދަނީ ޕާޓީީދެކެ ލޯބިން ޕާޓީގެ މެންބަރުންގެ ޖީބުން އަމިއްލައަށް ޚަރަދުކޮށްގެންނެވެ. ނޫންނަމަ ދުރުގައިތިބޭ ޕާޓީގެ ބައެއް އެހީތެރީންގެ އެހީތެރި ކަމާއެކުގައެވެ. ފަހަރެއްގައި ވެސް ޕާޓީގެ މައިއޮފީހުން އެއްވެސް އެހީތެރިކަމެއް ނުލިބެއޭ ދަންނަވާކަށް ނެތީމެވެ. ކަންމިހެން އޮތްއިރު އެންމެފަހުން ބޭއްވުނު އިންތިޚާބުގެ ތެރެއިން މިފަދަ ކަންކަން އިތުރަށް ކުރިއަރައި އެހީތެރިކަން ލިބިގެންދާނެ ކަމުގެ އަޑުތަކެއް އިވިގެން ގޮސްފައިވީނަމަވެސް މިއަދާ ހަމަޔަށްވެސް އެކަންކަމަށް މާބޮޑު ބަދަލެއް އައިސްފައި ނުވާކަން ހިތަމަޔާއެކު ފާހަގަ ކުރާންޖެހެއެވެ.
ކޮންމެ އިދާރީ ދާއިރާއަކަށް ރައީސަކާއި ނާއިބު ރައީސަކު އިންތިޚާބު ކުރުމުގެ އިތުރުން ޕްރޮވިންސް ތަކަށްވެސް މިހާރުމިވަނީ ރައީސުންނާއި ނާއިބު ރައީސުން އިންތިޚާބު ކުރެވިފައެވެ. ނަމަވެސް މީގެތެރެއިން ގިނަފަރާތްތަކަކީ ދާއިރާއިން ބޭރުގައި މަސައްކަތް ކުރަށްވާ ފަރާތްތައް ކަމުގައި ވުމާއެކު އެފަރާތްތަކުގެ އެންމެފުރިހަމަ އެހީތެރިކަން ދާއިރާތަކަށް ލިބެމުންނުދާކަން ފާހަގަކުރާން ޖެހެއެވެ. އަދި މީގެ ތެރެއިން ސަރުކާރުގެ އިސްމަގާމުތަކުގައި ތިއްބެވި ފަރާތްތަކުގެ އެހީތެރިކަން އެއްގޮތަކަށްވެސް ނުލިބޭ ކަމުގައި ދެންނެވުމަކީ އެފަދަ ހުރިހައި ފަރާތްތަކަށް ރައްދުކުރާ ބަދުނާމެއް ކަމުގައި ނުބެއްލެވުން އެދެމެވެ. ނަމަވެސް ސަރުކާރުގެ ސްޓޭޓު މިނިސްޓަރުން ފެށިގެން މަތީމަގާމު ތަކުގައި ތިއްބަވާ ފަރާތްތަކަކީ އެފަރާތްތަކުގެ ރަސްމީ މަސައްކަތުގައި ގިނަވަގުތުތަކެއް ހޭދަކުރައްވާންޖެހޭ ފަރާތްތައް ކަމުގައި ވާއިރު އެމަސައްކަތް ތަކުގެ ބޭރުން ދާއިރާގެ ކަންކަމަށް ވަގުތު ދެއްވުމަކީ އެފަދަ ފަރާތްތަކަށް އެންމެ ފަސޭހަ ކަމެއް ކަމުގައި ފެންނާން ނެތްކަމުގައި ދަންނަވާން ޖެހެއެވެ. މުހިންމު ކަންކަމުގައި ގުޅާލަންޖެހޭއިރު މީޓިންގ ތަކުގައި ތިއްބެވުމާއި މިނޫންވެސް ބިޒީ ވަގުތުތަކުގެ ގިނަކަމުން އެބޭފުޅުންނާއި ނުގުޅިގެން މެންބަރުންނާއިގެން ހަރަކާތްތެރި ވަމުން ގެންދާ އަތޮޅުތަކުގެ ފަރާތްތަކަށް ވަރަށްބޮޑު މާޔޫސްކަމެއް ލިބެމުން ދެއެވެ. އަދި ، މިކަން މިގޮތުގައި އޮންނަ އޮތުމަށް ހައްލެއް ނާންނަނަމަ މިކަމުގެ ސަބަބުން ޕާޓީއަށް ކޮންމެވެސް ވަރެއްގެ އަސަރުތަކެއް ކުރާނެކަމާމެދަކު ދެބަހެއް ނުވެވޭނެއެވެ. އެހެންކަމުން ދާއިރާގެ ރައީސުންގެ ޒިންމާ މިހާރަށްވުރެ ވެސް ބޮޑަށް އަދާކުރުމަށް ބާރުއެޅުއްވުމަށް ޕާޓީގެ ރައީސްއަށާއި ޗެއަރޕާސަންއަށް އިލްތިމާސްކޮށް ދަންނަވަމެވެ.