ރިވައިވަލް ސްޕޯޓްސް ކްލަބުގެ ހިންގާ ކޮމިޓީގެ ރައީސަކަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ އަމީން އާންމު ހޮވިވަޑައިގެންފި

އިބްރާހީމް ރާމިޒް

img_0223

ކުޅިވަރާއި އިޖުތިމާޢީ ޙަރަކާތްތައް ކުރިއެރުވުމަށް މީގެ އަހަރުތަކެއް ކުރިން ފެށިގެން ހެންވޭރު ޒުވާނުން އުފައްދާފައިވާ ކްލަބެއް ކަމަށްވާ ރިވައިވަލް ސްޕޯޓްސް ކްލަބުގެ ހިންގާ ކޮމިޓީގެ ރައީސަކަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ އަމީން އާންމު އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު ޢަބްދުލްޤަފޫރު ހޮވިވަޑައިގެންފިއެވެ.

މަތީ ފެންވަރުގައި ފުޓުބޯޅަ ވެސް ކުޅެފައިވާ ރިވައިވަލްސް ސްޕޯޓްސް ކުލަބުގެ އަހަރީ އާންމު ޖަލްސާގައި އެ ކުލަބުގެ ހިންގާ ކޮމިޓީ ރޭ، އަމީރު އަޙުމަދު ސްކޫލުގައި އަލުން މި އިފްތިތާޙް މިކުރީ އެމްޑީޕީ ހެންވޭރު ދެކުނު ދާއިރާގެ ވަރަށް ބޮޑު އެހީތެރިކަމަކާއި އެކު ކަމަށް އެ ކުލަބުގެ އޮފިޝަލަކު ވިދާޅުވިއެވެ.

މި ކުލަބުގެ ރައީސަކަށް ހާމިދު ހޮވިވަޑައިގެންފައިވާ އިރު، ނައިބު ރައީސަކަށް ހޮވިވަޑައިގެންފައިވަނީ އެމްޑީޕީ ހެންވޭރު ދެކުނު ދާއިރާގެ ރައީސް (ސިރިއަސް) ޙުސައިން ޝަހީމް އެވެ. ޚަޒާންދާރަކަށް ހޮވުނީ ޢަބްދުﷲ ޝަމީމް އެވެ. ސެކްރެޓަރީއަކަށް މުޙައްމަދު ރިފާއު ހޮވުނު އިރު، އިންތިޒާމް ސެކްރެޓަރީ އަކަށް ހޮވިފައިވަނީ މުޙައްމަދު އަނަސް އިބްރާހީމް އެވެ.

ރޭގެ ޖަލްސާގެ ޝަރަފްވެރި މެޙްމާނަކީ މިނިސްޓަރ އޮފް ސްޓޭޓް ފޯރ ހޯމް އެފެއަރޒް (މޮނާޒާ) މުޙައްމަދު ނަޢީމް އެވެ. އޭނާގެ އިތުރުން ސަރުކާރުން ހިންގަވާ ހުނަރު ޕްރޮގްރާމްގެ ފަރާތުން މުޙައްމަދު ހާޝިމް އާއި، މޯލްޑިވްސް ވޮލަންޓިއަރ ކޯގެ ފަރާތުން މުހައްމަދު ރަޒާން މި ޙަފްލާގައި ބައިވެރިވެވަޑައިގެން، ހެންވޭރު ދެކުނުގެ ޒުވާނުންނަށް ހުނަރު ޕްރޮގްރާމާއި ރާއްޖޭގައި ހުރި ވަޒީފާގެ ފުރުޞަތުތަކާ ބެހޭ މަޢުލޫމާތު ދެއްވިއެވެ.