ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމްކުރުމަށް މި ސަރުކާރުން ކުރަމުންގެންދާ އަގުހުރި މަސައްކަތްތައް ފާހަގަކޮށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ން ދިވެހި ސަރުކާރަށާއި، ދިވެހި ޚާރިޖިއްޔާ އަށާއި، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދަށް ޝުކުރު ދަންނަވަމެވެ.
މި ސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހު، ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ އެންމެ މުހިއްމު އެއް މަސައްކަތަކީ ފަލަސްތީންގެ ރައްޔިތުންނަށް މިނިވަން މުސްތަޤިއްލު ދައުލަތެއް ގާއިމްކުރުމުގައި، އެ ރައްޔިތުންނަށް މަދަދުވެރިވުންކަން އެމްޑީޕީން ނުހަނު އުފަލާއެކު ފާހަގަކުރަމެވެ.
މި ސަރުކާރު ވެރިކަމަށް އައުމަށް ފަހު ރާއްޖެއަށް ލިބިފައިވާ ބައިނަލް އަޤްވާމީ އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ކައުންސިލްގެ މެންބަރުކަމުގެ ބޭނުންކޮށް ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމްކުރުމުގެ މުހިންމުކަން ބައިނަލްއަޤްވާމީ ދުނިޔޭގެ ސަމާލުކަމަށް ގެނައުމަށް ކޮށްފައިވާ މަސައްކަތުގެ ސަބަބުން ފަލަސްތީނުގައި މިނިވަން މުސްތަޤިއްލު ދައުލަތެއް ގާއިމްކުރުމުގެ މައްސަލަ މިއަދު ފަށާ އދ.ގެ 66 ވަނަ އާންމު ބައްދަލުވުމުގައި ވޯޓަކަށް އެހުމަށް ތާވަލުކުރެވިފައިވާކަން ފާހަގަކޮށް މި ކާމިޔާބީގެ އުފަލުގައި ދިވެހި ސަރުކާރަށާއި، މި ޕާޓީގެ އެންމެ އިސް ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދަށް އިޚްލާސްތެރިކަމާއެކު ޝުކުރާއި މަރުހަބާ ދަންނަވަމެވެ.
“ޑިމޮކްރަސީއާއި އިންސާނީ ހައްގުތައް ހޯދުމުގެ ހަރަކާތްތަކުގެ ރާޅެއް އުތުރު އެފްރިކާއާއި މެދުއިރުމަތީގައި ފެތުރެމުންދާ މިދަނޑިވަޅު، އެކަމަށް އިންތިހާއަށް ބޭނުންވެފައިވާ ބަޔަކު އެކަމުން މަހުރޫމް ކުރެވިފައިވާކަން ބައިނަލްއަގުވާމީ މުޖުތަމައަށް ހަނދާންކޮށްދޭ ކަމަށް މި ސަރުކާރުގެ ޚާރިޖިއްޔާއިން ވަނީ އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގައި ހާމަކޮށްފައެވެ. އަދި ފަލަސްތީން ރައްޔިތުންނަކީ ކޮންމެ ދުވަހަކު އެމީހުންގެ ހައްގުތައް ނަގާލެވޭ ބައެއްނަމަވެސް އެހައްގުތައް ހޯދުމަށް އަޑުއުފުލާނެ ދައުލަތެއްނެތް ބައެއްކަމަށާއި،” ފަލަސްތީން މީހުންނަކީ ސުލްހަވެރިކަމާއި އަބުރުވެރިކަމާއެކު ދިރިއުޅެން ބޭނުންވާ ބައެއް ނަމަވެސް ފާއިތުވި 60 އަހަރު ދުވަހުވެސް އެމީހުންނަށްވަނީ އަސާސީ އިންސާނީ ހައްގެއްކަމަށްވާ އަމިއްލަވަންތަކަން ކަނޑައެޅުމުގެ ހައްގު ނުދީފައި” ކަމަށް ބުނެ އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ކައުންސިލްގައި މި ސަރުކާރުން ފަލަސްތީން ރައްޔިތުންގެ ޙައްގުގައި ވަކާލާތުކޮށްފައިވާކަން އެމްޑީޕީން ފަޚުރުވެރިކަމާއެކު ފާހަގަކުރަމެވެ.
އަދި ފަލަސްތީނަށް މިނިވަން ދައުލަތެއްގެ ދަރަޖަ ދިނުމަށް ދިވެހި ސަރުކާރުން ނިންމާފައިވާ ނިންމުމަށް އެމްޑީޕީން ފުރިހަމައަށް ތާޢީދުކުރާ ވާހަކަ ވެސް މި ފުރުސަތުގައި ދަންނަވަމެވެ.
ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެޓޭރިއަޓް