ރައްޔިތުންނަށް ނުދީ ހުރި އަސާސީ ޙައްގުތައް ރޫސްލާފައި މުޅި ރާއްޖެއަށް..

ފަހަލަ

ރައްޔިތުންގެ އަސާސީ ޙައްގަކީ ވެރިންގެ ބޭނުންތައް ފުއްދުމަށްފަހު ބާކީވާ އެއްޗަކުން ދޭއެއްޗެއް ކަމަށް ގަބޫލުކުރިޒަމާން މާޒީވެ ހިގައްޖެއެވެ. ރާއްޖޭގެ ރައްޔިތުންގެ އަސާސީ ހައްގުތަކަކީ ފަސްއަހަރުން ފަސްއަހަރުން ދައްކާވާހަކައަކަށް ވިޒަމާންވެސް މިވަނީ ނިމިގޮސްފައެވެ. މިއަދު ރާއްޖޭގައި ހިނގަމުން މިދަނީ ބާރުތައް ވަކިވެފައިވާ މިނިވަން އަމާން ވެރިކަމެކެވެ. ރައްޔިތުންގެ ބޭނުންތައް ރައްޔިތުން އަމިއްލައަށް ޙާޞިލްކުރާ ވެރިކަމުގެ ނިޒާމެކެވެ. ވަކިކުލަޔަކަށް ވަކިނަސްލަކަށް ބެލުމެއްނެތި އެންމެން ހަމަހަމަ ވާ ވެރިކަމުގެ ނިޒާމެކެވެ. ރައީސުލްޖުމްހޫރިއްޔާ އަކީ ރައްޔިތުންގެ ޚާދިމެއްކަމަށް ގަބޫލުކުރާ ވެރިކަމުގެ ނިޒާމެކެވެ. ރައީސް ނަޝީދު ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް އަލާއުއްދީނު ވޮއްގަނޑު އުނގުޅާލުމުން ކުޑަކުޑަ ދުވަސް ކޮޅެއްގެ ތެރޭގައި ނިރުފަޅާ ފޯދެންފަށާފައިވާ އޯގާވެރި ވެރިކަމުގެ ނިޒާމެކެވެ.
ރާއްޖޭގެ ރައްޔިތުން ބިރުފަހަނަ އަޅާ ނުކުމެ ބަދަލު ކުރި އަނިޔާވެރި ވެރިކަން ހިންގި 30 އަހަރަކީ މިދުނިޔެ އެންމެ ކުރިއަރާދިޔަ 30 އަހަރުކަމަށް ވީނަމަވެސް އެންމެ 6 ރަށުގައިވެސް ނަރުދަމާ ނޭޅުނުކަމީ އެވެރިކަމާ ރައްޔިތުން ހިތާނުވި އެއްސަބަބެވެ. އަނެއްކޮޅުން ބޯފެނާ ކަރަންޓްގެ ޚިދުމަތުން ގިނަރައްޔިތުން މަޙުރޫމް ވެފައިތިބި އިރު އެފަދަ މަންޒަރުތައް ނުފެނުނު ސަރުކާރެއް އޮތުމަކީވެސް ރައްޔިތުން ރުހޭކަމަކަށް ނުވިއެވެ.
އޭރުގެ ވެރިމީހާވެސް ވިދާޅުވަމުން ގެންދެވީ އެއީ ރައްޔިތުންގެ ސަރުކާރެއް ކަމުގައެވެ. ނަމަވެސް އެސަރުކާރުން ރައްޔިތުން ގަބޫލުނުކުރާ އެއްވެސް ގޮތަކަށް ރައްޔިތުންނަށް ޚިދުމަތެއް ފޯރުކޮށެއް ނުދެއެވެ.އަދިއެކަމާމެދު ރައްޔިތުން ހިތް ހަމަޖެހުނަސް ނުޖެހުނަސް އެސަރުކާރުން ބޭނުންވި ގޮތަކަށް ކަންކުރަމުން ދިޔައެވެ.ރައްޔިތުންގެ ވެރިކަމޭ ބުނި ނަމަވެސް ސަރުކާރުން ކުރާ އެއްވެސް ކަމަކާ މެދު ޚިޔާލުފާޅުކުރުމަކީ ރައްޔިތު މީހާއަށް މުޅިންމަނާ ކަމެކެވެ. ވެރިކަމުގެ ބާރާ ޝަރީޢަތް ކުރުމުގެ ބާރާ ގާނޫނު ހެދުމުގެ ބާރު ވެރިމީހާގެ މުށުތެރޭގައި އޮތުމަކީ އޭރުވެސް ރައްޔިތުން ގަބޫލު ކުރި ކަމެއްނޫނެވެ. އޭރުގެ ވެރިމީހާ ބޭނުންވާ ގޮތަށް ގާނޫނުތައް ހެދުމާ ވެރިމީހާގެ ރުހުން ލިބިފައިނުވާ ފަރާތްތައް ޖަލުތަކަށް ލުމަށް ޙުކުމްކުރުމާ ވެރިކަމުގެ ކަންކަމަށް ފާޑުކިޔާ ކޮންމެމީހަކު ނަފުސާނީގޮތުން ބަލިކޮށް ޖިސްމާނީ ނުކުޅެދުންތެރިންނަށް ހަދާފައިވާ ކަން ފާހަގަ ކުރަމެވެ.
ތިރީސް އަހަރަކީ މިފަދަ މީސްކޮޅުމަދު އެންމެ މަހުޖަނަކަށް ބެލެހެއްޓޭ ވަރުގެ ކުޑަކުޑަ އާބާދީއެއް ހިމެނޭ މިރާއްޖެ އޮމާން އަމާން ތަނަވަސް ފާގަތި މިނިވަން ތަރައްގީ ގައުމަކަކަށް ހެދުމަށް ކުޑަ މުއްދަތެއްނޫނެވެ. ނަމަވެސް ރާއްޖޭގެ ރީތިރަށްތައް ފަޅުވެ މާލެ ކޮންކްރީޓް ޖަންގައްޔަކަށްވެ ތޮއްޖެހި ނޭވާ ނުލެވޭ ހިސާބަށް ދިޔައިރު ވެސް މިރާއްޖޭގެ ވެރިމީހާ ތިންއިރަށް ތިންހެދުން ބަދަލުކޮށް އިޒްރޭލުން ފަރިއްކޮޅު ގެނެސް ފަރިއްކުޅުއަވާ ދުނިޔޭގެ ނެތް ފެންވަރުގެ ގަނޑުވަރެއް އަޅައިގެން ރަނުގެތަށި ތަކުގައި ފަރީއްކުޅުއްވާ ރަން ފާޚާނާ ތަށީގައި އިށީދެ ވަޑައިގަންނަވާ ބޭފުޅަކަށް ރައްޔިތުންގެ ޙާލު ވިސްނިގެން އެފަދަ ކަމެއް ކޮށްފާނެހެއްޔެވެ. ނުވަތަ ގައުމާމެދު ވިސްނަން ފަސޭހަވާނެތޯއެވެ. އެހެންކަމުން އެ ވެރިމީހާ ގަސްތު ކުރީ ރައްޔުތުންނަށް ކޮންމެގޮތެއް ވިއަސް ވެރިކަމުގައި ޢުމުރަށް ހުރެވާތޯއެވެ.
ވެރިކަމަކީ ފާޑެއްގެ ސިކެއްވާކަމެކެވެ. އެވެރިމީހާ މިރާއްޖޭގެ ވެރިކަން ބޭނުން ނުވާނެނަމަ ގައްޒާފީ ވެރިކަން ދޫކޮށްފީހެވެ. ނަމަވެސް ދުނިޔެ ދެން އެއަނިޔާވެރި ސަގާފަތުގެ ތެރެއަށް ގަންބައެއް ނުލެވޭނެއެވެ. ބައްޕަ ވެރިކަމުގެ ދަހިވެތި ކަމުގައި ދަރިފުޅު މަރާފައި އެވަނީ ކޮންމެވެސް ކަމެއް ތަޙަންމަލް ނުވެގެން ކަން ޔަގީންތާއެވެ. އެއީވެސް މިރާއްޖޭގައި ހިނގާފައިހުރި ކަންތައްތަކެވެ.
ކޮންމެއަކަސް މިރާއްޖޭގެ ޙާލަތު ބަލަމުން އައި އާދައިގެ ޢާއިލާއަކުން އުފަންވި ދިވެހިރައްޔިތަކު މިގައުމުގެ ޙާލަތު ބަދަލު ކުރުމަށް ނުކުތީ އެއްވެސް މީހަކަށް ބިރުގަތުމެއްނެތި އަމިއްލަ ފުރާނަ އަށް ވުރެ ރައްޔިތުން ގެ ވިންދާ އިޙުސާސްތަކަށް އިޙުތިރާމްދީގެންނެވެ.
އަހެންކަމުން މިއަދު ރައްޔިތުންނަށް ފެނިގެން މިދަނީ މިއަދުގެ ރައީސް ރައްޔިތުންނަށްޓަކާ ކުރެއްވި އަގުހުރި އިޚުލާސްތެރި މަސައްކަތުގެ ނަތީޖާއެވެ. ރައްޔިތުން އެންމެ ބޭނުންވަނީ ކޮންކަމެއްތޯ އަބަދުވެސް މިސަރުކާރުން ބަލާނެއެވެ. ރައްޔިތުން ނުރުހޭކަމެއް މިސަރުކާރަކުން ނުކުރާނެއެވެ. މިހެންދަންނަވާ އިރު ވިސްނަންވާނީ ރައްޔިތުންގެ އަޣްލަބިއްޔަތަށެވެ. ދުއިސައްތަ ތިންސަތޭކަ މީހުން ނުކުމެ އެވެނިގޮތެއް ބަދަލު ކުރާށޭ ބުންޏަސް އެކަމެއް އެވެރިން ބޭނުންވާ ގޮތަކަށް ބަދަލު ނުވާނެކަން ދަންނަންވާނެއެވެ.
މިސަރުކާރަށް ރައްޔިތުން ދިން ފަސްއަހަރު ދުވަހުގެ މުއްދަތުގައި ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވަޢުދުތައްފުދި އިތުރުވެގެން ދާނެއެވެ. ރައްޔިތަކަށް އެންމެ ފުރަތަމަ ދޭންޖެހޭ އަސާސީ ޙައްގު ތަކަކީ ތަޢުލީމާ ޞިއްޙީ ފަރުވާއާއި، ބޯހިޔާވަހިކަމާ ބޯފެނާ ކަރަންޓެވެ. މީގެތެރެއިން ޞިއްހީ ޚިދުމަތް އަންނައަހަރުން ފެށިގެން ރާއްޖޭގެ އެންމެހާ ރައްޔުތިތުންނަށް ހިލޭ ލިބިގެންދާއިރު މިއީ މިރާއްޖޭގެ ކޮންމެ ރައްޔިތަކަށް ސަރުކާރުން ދޭ އެއްލައްކަ ރުފިޔާގެދަށުން ލިބޭ ޚިދުމަތެއްކަން ގަބޫލުކުރަން އެބަޖެހެއެވެ. ކުރިންވެސް ރައްޔިތުން މިރާއްޖޭގައި ބޭސްފަރުވާކޮށް އުޅުނެވެ. އޭރު ބޭސްފަރުވާ ހޯދަން ބޮލުގައި ރިއްސި ރިއްސުން އެނގޭނީވެސް ހަމަތިޔަބޭފުޅުންނަށް ތާއެވެ.
މިރާއްޖޭ މިނިވަންކަމުގެ ތެރެއިން އަޅުވެތިކަމުގެ ތެރެއަށް ވެއްޓެން ބޭނުންވާ ބަޔަކު ތިބިނަމަވެސް ގިނަދިވެހި ރައްޔިތުން އެގޮތް ބޭނުމެއް ނޫނެވެ. ދެން މިރާއްޖެ އަޅުވެތިކުރެވިދާނެ ކަމަށް ވިސްނާ މީހުންނަށް އަޅުގަނޑު ދަންނަވަން އޮތީ ތިކަމަށް އެބަސްވާނީ ހަމަ ކުރިންވެސް އަޅުގަނޑުމެން ދުށް ކުރީގެ މުސްކުޅި އަނިޔާވެރި ޑިކްޓޭޓަރުން އެކަންޏެވެ. މިއަދު ގައުމު އޮތީ ކޮންމެވެސް މިންވަރަކަށް ހޭލައެވެ. ރައްޔިތުން ދެނެއް އަޅުވެތިކަމުގެ ރާއްޖެއަކަށް އެނބުރި އެއް ނުދާނެއެވެ. ރާއްޖެ ތަރައްގީ ވެއްޖެނަމަ ވެރިކަން ގެއްލިދާނެ ކަމަށް ގަބޫލު ކޮށްގެން ވެރިކަން ހިންގި އަނިޔާވެރި ޒަޢާމަތަކަށް ރައްޔިތުން ބޭނުންނުވާނެކަން ހަމަހޭގައި ތިބި ކޮންމެ ބަޔަކަށް ވެސް ގަބޫލު ކުރެވޭނެއެވެ. އިދިކޮޅު ހަދަންވާ އެއްވެސް ކަމަކަށް ދެކޮޅުހެދުމެއްނެތި ވެރިކަންވައްޓާލަން ނުކުތުމުގެ ބޭނުމަކީ އެންމެ ބޭނުމެއްކަން އެބައެނގޭތާއެވެ.
ރާއްޖެ މިދަނީ އަދި ދުވަހަކުވެސް މިގައުމު ނުދެކޭފަދަ ތަރައްގީ ޙާޞިލްކުރަމުންނެވެ. މީހުންދައްކާ ވާހަކައަށް ނުބަލާ އަމިއްލަލޮލުން ބަލާށެވެ. ބަލާލިކޮންމެ ދިމާލަކުންވެސް މިދެންނެވި ވާހަކައިގެ ޙަގީގަތް ހާމަވެގެން ދާނެއެވެ. މިސަރުކާރަށް ރައްޔިތުން ދިން ފަސްއަހަރު ނިމެންދެން ކެތްކުރައްވާށެވެ. މިއަދު ރައްޔިތުމީހާ ބޭނުންވާ ކޮންމެ ދާއިރާއަކުން އޭނާ ކުރިއަށް ދިއުމުގެ ފުރުޞަތު މިސަރުކާރުން ވަނީ ހުޅުވާލާފައެވެ. ވިޔަފާރީގެ މިނިވަންކަން ލިބިދީފައެވެ. އެއްވެއުޅުމާ ޚިޔާލުފާޅުކުރުމުގެ މިނިވަން ކަން ވެސް ހޯދާދީފައެވެ. މިސަރުކާރުން ގޯސްގޮތަކަށް ކަމެއްކުރާނަމަ ނުކުމެ އެކަމެއް ރަނގަޅު ކުރުމަކީ ވެސް ރައްޔިތުންނަށް ކުރަންވާނޭ ކަމެއްކަމަށް މިސަރުކާރު ވަނީ އިގްރާރުވެފައެވެ.