ސާކް ސަމިޓްގެ ސުންގަޑިއަށް އެ ސަމިޓާ ގުޅޭ ހުރިހާ މަސައްކަތްތަކެއް ފުރިހަމަވެގެން އަޅުގަނޑުމެން އެންމެންވެސް ފަޚްރުވެރިވާނެފަދަ އައްޑޫސިޓީއެއް މުޅި ދުނިޔެއަށް ފެނިގެންދާނެ – ރައީސް

8500 މީހުން ހުނަރާއެކުގައި ވަޒީފާގެ ފުރްޞަތަށް ނެރުމުގެ ޕްރޮގްރާމާއި، ދެ ވަނަ ފުރުޞަތުގެ ޕްރޮގްރާމާއި، ވެށިފަހި މާލެ ޕްރޮގްރާމްގެ މަސައްކަތްތައްވެސް ބާރަށް ކުރިޔަށް އެބަދޭ

އިތުރު ދެ ރަށެއްގެ ބަނދަރު ހެދުމާއި، މަޑަވެއްޔާއި ހޯނޑެއްދޫ، ކޯޒްވޭއަކުން ގުޅާލުމުގެ މަސައްކަތުގެ ކޮންޓްރެކްޓްގައި ސޮއިކުރެވިފައިވާކަން ވެސް ރައީސް ފާހަގަކުރެއްވި

އިބްރާހީމް ރާމިޒް

hep-radio-address

ސާކް ސަމިޓްގެ ސުންގަޑިއަށް އެ ސަމިޓާ ގުޅޭ ހުރިހާ މަސައްކަތްތަކެއް ފުރިހަމަވެގެން، އެންމެންވެސް ފަޚްރުވެރިވާނެފަދަ އައްޑޫސިޓީއެއް، މުޅި ދުނިޔެއަށް ފެނިގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު އިއްޔެ ދެއްވި ހަފްތާގެ ރޭޑިޔޯ ޚިޠާބުގައި، ސަރުކާރުން ހިންގަވަމުން ގެންދަވާ ތަރައްޤީގެ އެކިއެކި މަސައްކަތްތަކުގެ މައްޗަށާއި، ސަރުކާރުގެ މެނިފެސްޓޯގައި ކަނޑައަޅާފައިވާ ކަންތައްތައް ހިނގަމުންދާ ގޮތުގެ މައްޗަށް ބައްލަވާލައްވައި ވާހަކަފުޅު ދައްކަވަމުން އިތުރަށް ވިދާޅުވީ ސާކް ސަމިޓަށްޓަކައި ފުވައްމުލަކުގައި ހިނގަމުންދާ މަސައްކަތްތައްވެސް ކުރިއަށްވުރެ މާ ބާރަށް ހިނގަމުން އެބަދާ ކަމަށާއި، އިރާދަކުރެއްވިއްޔާ، އެމަސައްކަތްތައްވެސް ސަމިޓްގެ ސުންގަޑިއަށް ނިންމަވާލެއްވޭނެ ކަމުގައެވެ.
ސަރުކާރުން ހިންގަވަމުން ގެންދަވާ މައިގަނޑު ޕްރޮގްރާމްތަކުގެ މަސައްކަތްތައް، މިދިޔަ ހަފްތާގެ ތެރޭގައިވެސް ވަރަށް ހަލުވިކަމާއެކު ކުރިއަށް ގޮސްފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އެގޮތުން، 8500 މީހުން ހުނަރާއެކުގައި ވަޒީފާގެ ފުރްޞަތަށް ނެރުމަށް އަމާޒު ކުރައްވައިގެން ހިންގަވާ ޕްރޮގްރާމްގެ ތެރެއިން 750 ފަރާތަކަށް ތަމްރީނު ދިނުމުގެ ޕްރޮގްރާމްތައް، މިއަންނަ ހަފްތާގެ ތެރޭގައި ފަށައިގަނެވޭނެކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.
ވެށިފަހި މާލެ ޕްރޮގްރާމްގެ މަސައްކަތްތައްވެސް، މިދިޔަ ހަފްތާގެ ތެރޭގައި ބާރަށް ކުރިއަށް ގެންދެވިފައިވާ ކަމަށާއި، އެ ޕްރޮގްރާމްގެ ތެރެއިން 100 ފަރާތަކާ އެކުގައި ބިން ޙަވާލުކުރުމުގެ އެގްރީމަންޓްގައި ސޮއިކުރެވޭ ހިސާބަށް މަސައްކަތްތައް ފުރިހަމަ ކުރެވިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އިރާދަކުރެއްވިއްޔާ، ކުރިއަށް މިއޮތް ހަފްތާގެ ތެރޭގައި، މިމަސައްކަތް މިހާރަށްވުރެ ބާރަށް ކުރިއަށް ގެންދެވޭނެ ކަމުގައިވެސް ވިދާޅުވިއެވެ.
ދެވަނަ ފުރްޞަތުގެ ޕްރޮގްރާމަށް ބައްލަވާލައްވަމުން، މިއަންނަ ހަފްތާގެ ތެރޭގައި، އިތުރު ފަރާތްތަކަށް ފުރްޞަތު ހުޅުވާލެވި، ތަމްރީނު ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ކަންކަން ހަމަޖެހިގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މި ޕްރޮގްރާމްތަކުގެ އިތުރުން، ޢުމްރާނީ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކުގެ ކަންކަންވެސް، މިދިޔަ ހަފްތާގައި ކުރިއަށް ގެންދެވިފައިވާ ކަމާއި، ދެރަށެއްގެ ބަނދަރު ހެދުމާއި، މަޑަވެއްޔާއި ހޯނޑެއްދޫ، ކޯޒްވޭއަކުން ގުޅާލުމުގެ މަސައްކަތުގެ ކޮންޓްރެކްޓްގައި ސޮއިކުރެވިފައިވާކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. އަދި އިރާދަކުރެއްވިއްޔާ، ލަސްތަކެއްނުވެ އެކަންކަމުގެ ޢަމަލީ މަސައްކަތްތައްވެސް ކުރިއަށްދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ސަރުކާރުގެ އެންމެހާ މަސައްކަތްތައް، މެނިފެސްޓޯގައި ކަނޑައެޅިފައިވާ މުއްދަތުތަކުގެ ތެރޭގައި ހިނގަމުންދާކަމީ، ލިބިވަޑައިގަންނަވާ ވަރަށްބޮޑު އުފާފުޅެއް ކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.