ލޯކަލް ކައުންސިލް އިންތިޚާބާބެހޭ ބިލް އަލުން ދިރާސާކުރުމަށް ވަގުތީ ކޮމިޓީއަކަށް ފޮނުވައިފި

7 ޖޫން 2010

ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ވޯޓުލުމުގެ ޙައްގު ލިބިގެންވާ ގިނަ އަދަދެއްގެ ބައެއްގެ ހައްޤަށް އުނިކަން އަންނާތީ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ތަޞްދީޤްނުކޮށް އަނބުރާ ފޮނުވާލެއްވި ލޯކަލްކައުންސިލް އިންތިޚާބާބެހޭ ބިލް މަޖިލީހުން އަލުން ދިރާސާކުރުމަށް 11 މެންބަރުންގެ ވަގުތީ ކޮމިޓީއަކަށް ފޮނުވައިފިއެވެ.
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިދައުރުގެ ފުރަތަމަ ޖަލްސާގައި މި ބިލަށް ބަހުސްކުރުމަށް ހުޅުވާލުމުން ވަރަށް ގިނަ މެންބަރުންވަނީ މިބިލާމެދު ބަހުސްކޮށްފައެވެ. އެގޮތުން އެކިޕާޓީތަކުންނާއި އަމިއްލަމެންބަރުން ހިމެނޭގޮތުން ޖުމްލަ 16 މެންބަރުން މިބިލާމެދު ވާހަކަފުޅުދެއްކެވިއެވެ.
މިބިލު ދިރާސާކުރުމަށް އެކުލަވާލެވުނު ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ތުލުސްދޫ ދާއިޜާގެ މެންބަރު ރޮޒައިނާ އާދަމް، ހަނިމާދޫ ދާއިރާގެ މެންބަރު މުޙައްމަދު މުޖްތާޒް، ފުނަދޫ ދާއިރާގެ މެންބަރު އަލީ ސަލީމް، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ޙަސަން ލަޠީފް، ހެންވޭރު ދެކުނު ދާއިޜާގެ މެންބަރު ޙާމިދު އަބްދުލް ޣަފޫރު، ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަމްޒާ، ހުޅުމީދު ދާއިރާގެ މެންބަރު އިލްޔާސް ލަބީބް، ދިއްދޫ ދާއިރާގެ މެންބަރު އަހުމަދު ސަމީރު، މާވަށު ދާއިރާގެ މެންބަރު އަބްދުލް ޢަޒީޒް ޖަމާލު އަބޫބަކުރު، ކުރެންދޫ ދާއިރާގެ މެންބަރު އަހުމަދު މޫސާ އަދި ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދެވެ.