މައުމޫނުގެ އަތްދަށުން ޑީއާރުޕީ ސަލާމަތްވީތީ އުފާކުރުމަށް ޑީއާރުޕީގެ މެންބަރުންނަށް އެމްޑީޕީގެ ޗެއަރޕާސަން ގޮވާލައްވައިފި

– މައުމޫނުގެ ހަގީގީ ސައިޒް މި ފަހަރު ފެންނާނޭ ކަމަށާއި، މައުމޫނު ހައްދަވާ ޕާޓީ ބޮޑަށް ވައްތަރީ ސިޔާސީ ޕާޓީ އަކަށް ވުރެ ގޭންގަކާ ކަމަށް ވެސް މޫސަ ވިދާޅުވި

އިބްރާހީމް ރާމިޒް

Reeko Moosa at London

ކުރީގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމްގެ އަތްދަށުން އިދިކޮޅު އެންމެ ބޮޑު ޕާޓީ، ޑީއާރުޕީ ސަލާމަތްވި ކަމަށްޓަކާ އުފާކުރުމަށް އެމްޑީޕީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކު ޑީއާރުޕީގެ އިސްވެރިންނަށާއި، އެ ޕާޓީގެ މެންބަރުންނަށް މި ރޭ ގޮވާލައްވައިފިއެވެ.
ސިންގަޕޫރުގައި ހުންނަވައިގެން މިރޭ އެމްޑީޕީގެ ވެބްސައިޓަށް މަޢުލޫމާތުދެއްވަމުން މޫސަ ވިދާޅުވީ ” މައުމޫނު ކަމެއް ކޮށްގެން މޭ ކަރާނޭ ބަޔަކު މިރާއްޖޭގައި މިހާރު ނޫޅޭ. މައުމޫނު ދެކެ ބިރު ގަންނަ ބަޔަކު ވެސް މިހާރަކު ނޫޅޭ. މައުމޫނު އެ ހަދަން އުޅޭ ޕާޓީއަށް ވަންނަ މީހުންގެ ޢަދަދުން އޭނަގެ ހަޤީޤީ ސައިޒް އެނގި ދިވެހިރައްޔިތުންގެ ކުރިމަތީގައި އޭނަ ވަރަށް ރަގަޅަށް މި ފަހަރު ބަރަހަނާވާނޭ،” ކަމަށެވެ.
މޫސަ އިތުރަށް ވިދާޅުވީ ޕީއޭގެ ނަމާ ގުޅުވައިގެން ޕްރޮގްރެސިވް ޕާޓީގެ ނަމުގައި މައުމޫނު ހަދަން އެއުޅޭ ޕާޓީ ބޮޑަށް ވައްތަރީ ގޭންގަކާ ކަމަށާއި، މައުމޫނު ކަހަލަ ދިވެހި އެތައް ރައްޔިތެއްގެ މަރުގެ ކައްފާރާ ބޮލުގައި އެޅިފައިވާ ކަމަށް ތުހުމަތު ކުރެވި އަދި ދިވެހި ދައުލަތު މުދަލާއި ފައިސާއަށް އެތައް ސަތޭކަ މިލިޔަން ޑޮލަރަކުން ޚިޔާނާތްތެރިވެފައިވާ ކަމުގެ ތުހުމަތު ބޮލުގައި އެޅި ސިޔާސީ މައިދާނުން މުޅިން “ފޭލްވެފައިވާ މީހަކާ” ބައިވެރިވެގެން ސިޔާސީ ހަރަކާތެއް ހިންގާނޭ ބަޔަކު މިރާއްޖޭގައި ނޫޅޭނޭ ކަމަށެވެ.
“މައުމޫނަކީ ދިވެހި އެތައް ރައްޔިތެއްގެ މަރުގެ ތުހުމަތާއި، 800 މިލިޔަން ޑޮލަރުގެ ވަގު ވިޔަފާރިއާއި، އެނޫންވެސް ދައުލަތުގެ މުދަލާއި، ފައިސާއަށް ޚިޔާނާތްތެރިވެފައިވާ ކަމުގެ ތުހުމަތު ބޮލުގައި އެޅިފައިވާ ސިޔާސީ ގޮތުން ބޮޑުބައްޔަކުން ބަލިވެ ފޭލްވެފައިވާ މީހެއް. ދެން ކާކުތޯ އޭނަގެ ފަހަތުން ސިޔާސީ ޙަރަކާތެއް ހިންގަން ނިކުންނާނީ. ހަމަ ޔަޤީނުން ވެސް އޭނަގެ ވެރިކަމުގައި ނާޖާއިޒް ފައިދާ ހޯދައިދީފައިވާ މަދު ބަޔަކު މެނުވީ ސިޔާސީ ގޮތުން އެފަދަ ޅަ އެއްޗެއް ނާޅާނެ. އަމުދުން ސިޔާސީ ދާއިރާ އިން ކުރިޔަށްދާން ބޭނުންވާ މީހަކު މައުމޫނުގެ ފަހަތުން ދާން ހިތަށް ވެސް ނާރުވާނެ” މޫސަ ވިދާޅުވިއެވެ.
މޫސަ އިތުރަށް ވިދާޅުވީ މައުމޫނަކީ ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމަށް އަބަދުވެސް ގޮންޖަހާ، އެ ނިޒާމު ނައްތާލަން މަސައްކަތްކުރާ މީހެއް ކަމަށާއި، މައުމޫނު ވަކި ސިޔާސީ ޕާޓީއެއް ހެދުމަށް އެންމެ ބޮޑު ޕްރެޝަރެއް ދިނީ، މޫސަ ވިދާޅުވާ ގޮތުން ނަމަ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ “ހުށިޔާރު، ވިސްނުންތެރި” ރައީސް އިބްރާހީމް މުޙައްމަދު ޞޯލިޙް (އިބޫ) ކަމަށެވެ.
” މައުމޫން ޑީއާރުޕީގެ އިސް މަގާމެއްގަ ހުރެފަ އެ ޕާޓީން ވަކިވެގެން، ސިޔާސީ ޕާޓީއަކަށް ވުރެ ގޭންގަކާ ވައްތަރު ޓީމެއް އެ ހަދަނީ . މައުމޫން ޑީއާރުޕީ ދޫކުރީ އިބޫގެ ޕްރެޝަރުގެ ސަބަބުން ކަމަށް ލަފާކުރެވެނީ. އެއީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ސިޔާސީ ޕާޓީތަކުގެ ބިލަށް ހުށަހަޅާނެ އިސްލާޙެއްގެ ގޮތުގަ ކޮންމެ ޕާޓީއެއްގެ ވެސް ރިޔާސީ ކެންޑިޑޭޓް ޕްރައިމަރީއަކުން ހޮވާ ގޮތަށް ކަނޑައެޅުމުން މައުމޫނު ބިރު ގަތީ ޑީއާރުޕީގަ ހުންނަން. އެއީ ޑީއާރުޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކޮށްގެން މައުމޫނާއި އޭނާގެ ތާޢީދު އޮތް މީހަކު ވެސް ބަލިވާނެ ކަން ޔަގީންވާތީ. މައުމޫނު ބޭނުންގޮތަކަށް ސަރުކާރު ހިންގި ގޮތަށް ގޮނޑިކޮއްކޮ ޓީމެއް މިހާރު އެ އެއްކުރަނީ.” މޫސަ ވިދާޅުވިއެވެ.
” ދިވެހި ރާއްޖޭގައި ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމެއް ދޮންވެ ފައްކާވަމުން މިދާ ދަނޑިވަޅުގައި ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީއަކަށް ވެސް އަޅުގަނޑު ގޮވާލަން މި ނިޒާމްގެ ކުރިމަރާލުމަށް މަސައްކަތްކުރާ ފަރާތްތަކާ ދެކޮޅަށް ތެދުވުމަށް. އަޅުގަނޑު ހަމަ ވަރަށް ޔަޤީން ކަމާ އެކު މިބުނަނީ އެމްޑީޕީގެ މެންބަރުންގެ އަދަދު 47،000 އަށް ވުރެ މަތިވެފައިވާ އިރު، އަދި ޑީއާރުޕީގެ މެންބަރުންގެ އަދަދު 37،000 ގައި އުޅޭ އިރު، މައުމޫނު އެ ހަދާ ގޭންގަށް ވަންނާނޭ ބަޔަކު ނުވެ، މައުމޫނުގެ އަސްލު ސައިޒް މި ފަހަރު ދިވެހިރައްޔިތުންނަށް ވަރަށް ރަގަޅަށް ދައްކާލާނަން.” މޫސަ ވިދާޅުވިއެވެ.
ކުރީގެ ރައީސް މައުމޫނު ވަނީ ޑީއާރުޕީ ދޫކުރައްވައި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ނަމުގައި ޕާޓީއެއް އުފެއްދުމަށް މިއަދު އިލެކްޝަނަށް ހުށަހަޅާފައެވެ. އާއިލީ ވެރިކަމަކަށް މަސައްކަތްކުރުމަށް އުފައްދާ ޕާޓީއެއް ކަމަށް ގިނަބަޔަކު ތުހުމަތުކުރާ މި ޕާޓީއަށް އެންމެ ފުރަތަމަ ސޮއިކުރައްވާފައިވަނީ ޕީއޭގެ ލީޑަރު އަދި މައުމޫނުގެ އެއްބަފާ ކޮއްކޯފުޅު، ޢަބްދުﷲ ޔާމީންއެވެ.