އުތުރު ޕްރޮވިންސްގެ ރައީސް މާފަރު އެމްޑީޕީ މެމްބަރުންނާ ބައްދަލުކޮށްފި

އިބްރާހީމް ރާމިޒް

އެމްޑީޕީގެ އިސްލީޑަރު އަދި ރައީސުލް ޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު އެންމެ ފަހުން މާފަރަށް ކުރެއްވި ޒިޔާރަތުގައި މާފަރު އެމްޑީޕީ މެމްބަރުންގެ އެދުމުގެ މަތިން، އެރަށުގައި އެމްޑީޕީ ގެ ހިންގުމުގައި ހުރި މައްސަލަތައްބެލުމަށް އެމްޑީޕީ އުތުރު ޕްރޮވިންސް ގެ ރައީސް ޢަލީ ނިޔާޒް މާފަރަށް ޒިޔާރަތްކޮށް މެމްބަރުންނާ ބައްދަލުކޮށްފިއެވެ. މި ބައްދަލުވުން އޮތީ 02 ސެޕްޓެމްބަރ ވީ ހުކުރުދުވަހު ހަވީރު 4 ޖެހިއިރު މާފަރު އެމްޑީޕީ ގޮފީގެ އިދާރާ ގައެވެ.
މި ބައްދަލުވުގައި މާފަރުގައި އެޕާޓީގެ ޙަރަކާތައް ހިންގުމަށް ދިމާވަމުންދާ ދަތިތަކާ އަދި ރައްޔިތުންގެ ހެވާ ލާބައަށްޓަކައި މިހާރުން މިހާރަށް ޙައްލުކުރަންޖެހޭ ކަންކަން މެމްބަރުން ފާހަގަކޮށް އެކަންކަން ޕްރޮވިންސްގެ ރައީސަށް ހުށައެޅިއެވެ. މިގޮތުން މާފަރުގައި ހެދުމަށް ނިންމާފައިވާ އެއާޕޯރޓް މަސައްކަތް ކުރުމަށް ދީފައިވާ ސަރަޙައްދަށް އެއާޕޯރޓްގެ މަސައްކަތްފެށެންދެން ރައްޔިތުންނަށް އެސަރަހައްދަށް ވަދެ އެތަނުން ދަރާއި، ފަން އަދި ކާށި ފަދަ ތަކެތި ނެރެވޭނެ އުސޫލެއް ވީ އެންމެ އަވަހަށް ހަމަޖެއްސުން ހިމެނެއެވެ. އަދި މާފަރުގެ ތަރައްޤީއަށް މި ސަރުކާރުން ހިންގުމަށް ރާވާފައިވާ މަޝްރޫޢުތައް ލަސްނުވެ ކުރިއަށް ގެންދިއުމަށް ސަރުކާރަށް ބާރުއެޅުމަށް މެމްބަރުން އެދިފައިވެއެވެ. މި ބައްދަލުވުމުގައި މާފަރު ކައުންސިލަށް އެމް.ޑީ.ޕީ މެމްބަރުންގެ ގޮތުގައި އިންތިޚާބްވެފައިވާ މެމްބަރުން ގުޅިގެން މަސައްކަތްކުރުމާއި، އަދި މަސައްކަތް ކުރިއަށްގެންދާއިރު މެމްބަރުންގެ ޚިޔާލާއި މަޝްވަރާ މިހާރަށްވުރެ ބޮޑަށް ހޯދުމަށް މެމްބަރުން އެދިފައިވެއެވެ. މި ބައްދަލުވުމުގައި އެމް.ޑީ.ޕީ އަށް ނިސްބަތްވާ މާފަރު ކައުންސިލް މެމްބަރުން ބައިވެރިވެ، މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދީފައިވެއެވެ. މި ބައްދަލުވުން ނިންމާލީ މެމްބަރުން ހުށައެޅިކަންތައް ޙައްލުކުރާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ޕްރޮވިންސްގެ މެމްބަރުންނަށް ދިނުމަށް ފަހުއެވެ.

މި ބައްދަލުވުމުގައި އުތުރު ޕްރޮވިންސްގެ ރައީސް ޢަލީ ނިޔާޒްގެ އިތުރުން، އެމްޑީޕީ ކެނދިކުޅުދޫ ދާއިރާގެ ރައީސް މުޙައްމަދު ފަހީމް އާއި، ނޮދަން ޔުމިލިޓީސްގެ ޗެއާރމަން އަދި އެމްޑީޕީ މެމްބަރ އާދަމް ނަސީމް ބައިވެރިވިއެވެ.