ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ އަމިއްލައަށް ގައިގައި ރޯކުރުމުގެ ސަބަބުން މަރުވިކަމަށް ބެލެވޭ މީހާގެ މަރުގެ މައްސަލަ އިތުރަށް ތަޙްޤީޤް ކުރުމަށް ރައީސް އެދިވަޑައިގެންފި

6 ޖުން 2010

ގދ. ގައްދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި އެރަށު ފުލޫނިޔާގޭ އިބްރާހީމް އަފްޒަލް، ގަޔަށް އަމިއްލައަށް ޕެޓްރޯލް އަޅައިގެން ރޯކޮށްލިކަމަށް ބެލެވޭތީއާއި، އަދި މި ހާދިސާގައި އޭނާ ނިޔާވެފައިވާތީ، މި މައްސަލަ ތަޙްޤީޤު ކޮށްދެއްވުމަށް ޕޮލިސް އިންޓެގްރިޓީ ކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު އަންގަވައިފިއެވެ. އިބްރާހީމް އަފްޒަލް ގައްދޫ ޕޮލިސް ސްޓޭޝަނަށް ގެންދެވީ އޭނާއާބެހޭގޮތުން ހުށަހެޅުނު މައްސަލައެއް ބެއްލެވުމަށްޓަކައި އިއްޔެ މެންދުރުފަހުއެވެ.
މި މައްސަލަ ތަޙްޤީޤު ކޮށްދެއްވުމަށް އެކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާ މި އެންގެވީ، މި މައްސަލައިގައި އިތުރަށް ބައްލަވަންޖެހޭ ކަންތައްތަކެއް ހުރިކަމަށް ފެނިވަޑައިގަންނަވާތީއާއި، މިކަމުގައި އެއްވެސް ފަރާތެއްގެ އިހުމާލެއް އޮތްތޯ ބެއްލެވުމަށްޓަކައެވެ.