ލީބިޔާގައި ޒަމާނީ މިނިވަން މުސްލިމް ޑިމޮކްރަސީއެއް ޤާއިމްކުރުމަށް ރާއްޖެއިން އެއްބާރުލުން ދެއްވާނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

libya-rebel-flag-300x168

ލީބިޔާގައި ޑިމޮކްރަސީ ޤާއިމްކުރުމަށް އެ ގައުމުގެ އިދިކޮޅު ހަނގުރާމަވެރިން ކުރަމުންދާ މަސައްކަތަށް ދިވެހިރާއްޖެއިން ފުރިހަމައަށް ތާޢީދުކުރާ ކަމަށާއި، އަދި އެގައުމުގައި ޒަމާނީ މިނިވަން މުސްލިމް ޑިމޮކްރަސީއެއް ޤާއިމްކުރުމަށް ރާއްޖޭގެ އެއްބާރުލުންލިބޭނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ލީބިޔާގައި މިނިވަން ޑިމޮކްރަސީއެއް ޤާއިމްކުރުމަށްޓަކައި، އެޤައުމުގެ އިދިކޮޅު ހަނގުރާމަވެރިންގެ ވަގުތީ ސަރުކާރުގެ ގޮތުގައި މަސައްކަތްކުރަމުންދާ ލީބިޔަން ނޭޝަނަލް ޓްރާންސިޝަނަލް ކައުންސިލް (އެން.ޓީ.ސީ)އިން ކުރަމުން ގެންދާ މަސައްކަތްތަކަށް ދިވެހިރާއްޖޭގެ ފުރިހަމަ ތާއީދު ލިބޭނެކަމަށް ވިދާޅުވެ އިއްޔެ ރައީސުލްޖުމްހޫރިއްޔާ ވަނީ އެން.ޓީ.ސީގެ ޗެއަރމަން މުސްޠަފާ ޢަބްދުލްޖަލީލަށް ސިޓީފުޅެއް ފޮނުއްވާފައެވެ.
މި ސިޓީފުޅުގައި، ލީބިޔާގެ ޒަމާންވީ ލީޑަރު ކާނަލް މުޢައްމަރުލް ޤައްޒާފީގެ ވެރިކަން ނިމުމަކަށް ގެނައުމަށް އެން.ޓީ.ސީ.އިން ސާބިތުކަމާއެކު ކުރަމުން ގެންދާ މަސައްކަތްތަކަށް ތަޢުރީފް ކުރައްވައި، އެޤައުމުގައި ކާމިޔާބު، ޒަމާނީ މުސްލިމް ޑިމޮކްރެސީއެއް ޤާއިމްކުރުމަށް ދިވެހިރާއްޖޭގެ އެއްބާރުލުން ލިބޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ. އަދި، ކުރިއަށް އޮތް ތަނުގައި އެޤައުމަކީ މިނިވަން ޑިމޮކްރަސީއެއް އޮތް، އިންސާނީ ޙައްޤުތައް ހިމާޔަތްކުރެވިފައިވާ ޤައުމަކަށް ވާނެކަމަށް އުންމީދު ކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅުގައި ވިދާޅުވެފައިވެއެވެ.
ލީބިޔާގެ ރައްޔިތުން ތަމްސީލްކުރާނެ ހަމައެކަނި ޤާނޫނީ ފަރާތަކީ، އެން.ޓީ.ސީކަމަށް ފުރަތަމަ އެއްބަސްވި ތިން ޤައުމުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނެއެވެ.