އޮސްޓްރޭލިޔާގެ ބައެއް ވަޒީރުންނާއި އެގައުމުގެ ވާދަވެރި ސިޔާސީ ޕާޓީގެ ޑެޕިއުޓީ ލީޑަރާ ރައީސް ބައްދަލުކުރައްވައިފި

3 ޖޫން 2010

austr

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު އޮސްޓްރޭލިޔާގެ ބޮޑުވަޒީރު ކެވިން ރަޑްގެ ދަޢުވަތަކަށް، އޮސްޓްރޭލިޔާއަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި، އޮސްޓްރޭލިޔާ ސަރުކާރުގެ ބައެއް ވަޒީރުންނާ އޮސްޓްރޭލިއާގެ ވާދަވެރި ސިޔާސީ ޕާޓީކަމުގައިވާ ލިބަރަލް ޕާޓީ އޮފް އޮސްޓްރޭލިޔާގެ ޑެޕިޔުޓީ ލީޑަރ ޖޫލީ ބިޝޮޕާ މިއަދު ބައްދަލުކުރައްވައިފިއެވެ.
މިއަދު ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވި ބޭފުޅުންގެ ތެރޭގައި، އޮސްޓްރޭލިޔާގެ މިނިސްޓަރ ފޮރ ކްލައިމެޓް ޗޭންޖް، އެނަރޖީ އެންޑް ވޯޓަރ ޕެނީ ވޮންގާއި، މިނިސްޓަރ ފޮރ ފޮރިން އެފެއާޒް ސްޓީވަން ސްމިތާއި، މިނިސްޓަރ ފޮރ ހޯމް އެފެއާޒް ބްރެންޑަން އޯ ކޯނަރ ހިމެނިވަޑައިގަންނަވައެވެ.
ވަކިވަކިން ބޭއްވެވި މި ބައްދަލުކުރެއްވުންތަކުގައި، ރާއްޖެއާއި އޮސްޓްރޭލިޔާއާ ދެ ޤައުމުގެ ދެމެދުގައި އުފެދިފައިވާ ގާތް ގުޅުމާބެހޭގޮތުންނާއި، މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކާއި، ރާއްޖޭގެ ފުލުހުންގެ ދާއިރާ ހަރުދަނާކުރުމާއި، ޖަލުތަކުގެ ފެންވަރު ރަނގަޅުކުރުމާ ބެހޭގޮތުން ވަޒީރުންނާއެކު ރައީސުލްޖުމްހޫރިއްޔާ މަޝްވަރާ ކުރެއްވިއެވެ. އަދި މިބައްދަލުކުރެއްވުންތަކުގައި، ރާއްޖެއަށް ވެދެއްވެން އޮތް ހުރިހާ އެހީއެއް ވެދެއްވާނެ ކަމުގެ ޔަޤީންކަން ވަޒީރުން ރައީސުލްޖުމްހޫރިއްޔާއަށް ދެއްވިއެވެ.
އޮސްޓްރޭލިއާގެ ޤާނޫނުހަދާ މަޖިލީހުގެ ގޭގައި ލިބަރަލް ޕާޓީ އޮފް އޮސްޓްރޭލިޔާގެ ޑެޕިޔުޓީ ލީޑަރ ޖޫލީ ބިޝޮޕާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި، ދެޤައުމުގެ ދެމެދުގައިވާ ގުޅުމާ ބެހޭގޮތުންނާއި މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއާއި ޑެޕިޔުޓީ ލީޑަރ ބިޝޮޕް މަޝްވަރާ ކުރެއްވިއެވެ.
austra1
ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކަކީ، މުޅި ދުނިޔެއަށް ވަކިން ޚާއްޞަކޮށް ރާއްޖެފަދަ ބިންތިރި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު ނުރައްކަލެއް ކަމުގައި ވިދާޅުވިއެވެ. އަދި، މިކަން ޙައްލުކުރެއްވުމަށްޓަކައި ޤާނޫނު ހަދާ މަޖިލީސްތަކުގައި ހުރިހާ ފަރާތްތަކުންވެސް މަސައްކަތްކުރައްވައި މިކަމަށް ބޭނުންވާ ޤާނޫނުތައް އަވަސްކުރެއްވުމަކީ ވަރަށް މުހިންމުކަމެއް ކަމުގައި ވިދާޅުވިއެވެ.
ޖޫލީ ބިޝޮޕް ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއަކީ އޮސްޓްރޭލިއާއާ އަބަދުވެސް ވަރަށް ގާތް ގުޅުމެއް ބާއްވަމުންގެންދާ ޤައުމެއްކަން ފާހަގަކުރެއްވިއެވެ