ނޫސް ބަޔާން: އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު ޢަލީ ވަޙީދު ނެރުއްވާ ނޫސް ބަޔާން

mdp-mp-ali-waheed

ރާއްޖޭގެ ބައެއް މީޑިއާތަކުގައި އަޅުގަނޑުގެ ޝަޚްޞިއްޔަތަށް ރައްދުވާ ގޮތަށް ފަތުރަމުންދާ ބައެއް ޚަބަރުތަކަށް ހަވާލާދީ ދަންނަވަމެވެ.
ހުޅުމާލެއިން، ދިވެހިކޮންމެ ރައްޔިތަކަށް ވެސް ވާދަކުރުމުގެ ފުރުޞަތު ހުޅުވިފައިވާ ބީލަމެއްގައި ބައިވެރިވެ އަޅުގަނޑު ކާމިޔާބުކޮށް، މިހާރު ޑައުންޕޭމަންޓްގެ ގޮތުގައި އެއް މިލިއަން ރުފިޔާ ދައްކާފައިވާނީ 4.6 މިލިއަން ރުފިއާގެ އަގުހުރި ގޯއްޗަކަށެވެ. ދިގު މުއްދަތެއްގެ އިންވެސްޓްމަންޓެއްގެ ގޮތުން މަހުން މަހަށް ބާކީ ފައިސާ ދައްކާ ޚަލާސް ކުރާ ގޮތަށް އެ ގޯތި އަޅުގަނޑުގެ އަމިއްލަ މުދަލަކަށް ވާނީ ވެސް މީގެ 5 އަހަރު ފަހުން ބަރާބަރަށް ފައިސާ ދައްކާ ޚަލާސްކުރެވުމުންނެވެ.
އެހެންނަމަވެސް، ވިޔަފާރީގެ މުޢާމަލާތެއްގެ ގޮތުން، ކޮށްފައިވާ ބިޑްތަކެއްގެ ވާހަކަ ފުރޮޅާލައި، ފަލަ ސުރުޚީގައި “ޢަލީ ވަޙީދުގެ ދެކަނބަލުން 9.4 މިލިއަން ރުފިޔާއަށް ހުޅުމާލެއިން ދެ ގޯތި ބައްލަވައިގެންފި”، މި ފަދަ އިބާރާތްތަކުން ބައެއް ނޫސްވެރިން ލިޔެފައިވަނީ އެ ނޫސްވެރިން ޒާތީ ގޮތުން އަޅުގަނޑު ބަދުނާމްކޮށް، އަޅުގަނޑުކުރާ ކޮންމެ ހޭދައަކީ ރިޝްވަތުކަމުގައި ރައްޔިތުން ކުރިމަތީގައި ދެއްކުމުގެ ނިޔަތުގައި ކަމުގައި އަޅުގަނޑު ދެކެމެވެ. އެ ފަދަ ނޫސްވެރިންނާއި އެ ފަދަ ނޫސްތަކުގެ އޯނަރުންނަށް ފައިސާ އަދި ބިންބިމާއި، ޢިމާރާތްތައް ހޯދިފައިވާ ގޮތް ކަމަށްވާތީ ޚަބަރު ލިޔެވޭ އުސްލޫބު ކަމަށް ވެސް ވެދާނެއެވެ.
ދަންނަވަމެވެ. ޢަލީ ވަހީދަކީ ޕްރޮކްސީ ބޭނުންކޮށްގެން ފިލާހުރެ މުޢާމަލާތްކުރާ މީހެއް ނޫނެވެ. ކުރާ ކަމެއް ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ކުރާނެ މީހެކެވެ. ކުރިޔަށް އޮތް ތަނުގައި ވެސް، ބިންވެރިކޮށް، ރިއަލްސްޓޭޓް ވިޔަފާރި އަޅުގަނޑު ކުރަމުންގެންދާނެ ވާހަކަ އެފަދަ ޒާތީ ނޫސްވެރިކަމުގެ ގަލަން ހިންގާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އެ ގޮތުން ވަރަށް ކައިރި މުސްތަޤްބަލެއްގައި އިރާދަކުރެއްވިއްޔާ، މާލެއިންވެސް ރިއަލްސްޓޭޓް ބިމެއްގެ ވިޔަފާރި ކުރެވޭތޯ އަޅުގަނޑު މަސައްކަތްކުރަމުންދާތީވެ، މި ވާހަކަވެސް އަޅުގަނޑުގެ ފިޔަވަޅުތަކަށް ސަމާލުވާ ފަރާތްތަކުގެ މަޢުލޫމާތުގެ މުއްސަނދިކަމަށްޓަކައި ދަންނަވާލީމެވެ.
ވިޔަފާރިކުރުމަކީ ކޮންމެ މީހެއްގެ ވެސް ޙައްޤެކެވެ. ލޯނު ނެގުމާއި، އެކުވެރި ވިޔަފާރި ބައިވެރިންނާއި ގުޅި ވިޔަފާރި ކުރުމާއި، ޢާއިލީ ތަނަވަސްކަމުގެ އުފާ ލިބިގަތުމަކީ ހަމަ ކޮންމެ މީހެއްގެ ވެސް ޒާތީ ޙައްޤެކެވެ. ޢަލީ ވަޙީދުއަށް ތާޢީދުކުރާ މީހުންނާއި، ޢަލީ ވަޙީދު، މި ބްރޭންޑަށް އިންވެސްޓްކުރަން ތިބި މީހުން ވެސް މިއަދަކު މި ރާއްޖެ އަކު މަދެއް ނޫނެވެ.
އަދި ދަންނަވަމެވެ. ފައިސާ އަކީ މީހެއްގެ އަޅެއް ނޫނެވެ. މި އަދު އަޅުގަނޑު އަތުގައި އޮންނަ ރުފިޔާ ފޮތި، މާދަމާ ކަންމަތީ ފިހާރައިގެ ވަތްގަނޑަށް ވަދެ، ހަމަ އެ ރުފިޔާ ލިޔުން ލިޔާ ނޫސްވެރިޔާ ޖީބުގައި ވެސް އޮންނާނެއެވެ. އަޅުގަނޑު ވެރިކަންކުރާ އެމްޑީޕީ އަށް ބަދަލުވުމުން އަޅުގަނޑުގެ ސިޔާސީ ޙަޔާތް ނޫސްވެރިންނަށް ނިންމާ ނުލެވިއްޖިއްޔާ ނޫސްވެރިންވެސް ފެއިލްވީ ކަމަށް ލިޔުނު ނޫސްވެރިންނާއި އެ ފަދަ މީޑިއާތަކަށް އަޅުގަނޑު ދަންނަވަމެވެ.
މިއަދު ވެސް ވަރަށް ކެރިގެން ދަންނަވާލާނީ، މިއަންނަ އަހަރު ޓެކްސް އިން 4 ބިލިޔަން ރުފިޔާގެ ފައިދާ ދިވެހިރައްޔިތުންނަށް ލިބޭނޭ ވާހަކަ އާއި، ދިވެހިރާއްޖެ އިޤްތިޞާދީ ގޮތުން މިދެކެ ބަދަލު ގެނައުމަށްޓަކައި، ތޮއްޑޫ ދާއިރާގެ މެންބަރު ސިޔާސީ ގޮތުން ނިންމި ނިންމުމަކީ ދިވެހި ރައްޔިތުން އެނިންމުމަށްޓަކައި ތާ އަބަދު ފަޚުރުވެރިވާނޭ ނިންމުމެކެވެ. ޤަދީމީ ދޯހަޅި ސިޔާސަތަކުން، ޒަމާނީ ފަންވަރުގަދަ އިޤްތިޞާދަކަށް މި ޤައުމު ބަދަލުކުރުމަށް އެމްޑީޕީ އަދި ރައީސް ނަޝީދު ކުރައްވަމުން ގެންދަވާ މަސައްކަތުގައި އަޅުގަނޑު ބައިވެރިވީ ހަމަ ހުސް އަތާއެވެ. އެއީ ދިވެހި ރައްޔިތުންނަށްޓަކައެވެ. މި ޤައުމުގެ މާދަމާއަށްޓަކައެވެ.
މާދަމާ މި ޤައުމު އަޅުގަނޑަށް ސިފަވަނީ ވަރަށް ސީދާ ސާދާ ކޮށެވެ. ސަރުކާރުގެ ދަރަނިން ބޭންކުތައް ވީއްލި، ރައްޔިތުންނާ އެކު ބޭންކުތައް ވިޔަފާރިކުރާތަން އަޅުގަނޑަށް އެބަފެނެއެވެ. ފްލެޓް ދޮންބެގެ ފްލެޓްތައް އަޅުގަނޑަށް އެބަފެނެއެވެ. ފެކްޝަންތަކާއެކު، ނަގޫފިތި ހަފުސްވަމުންދާ މާޒީއަކަށްވުރެ، ޓެކްސްގެ ޒަމާނީ ނިޒާމަކާއެކު ދިވެހި ރައްޔިތުންގެ އުފާވާ ޒަމާން އަޅުގަނޑަށް އެބަފެނެއެވެ. މާތް ﷲ އިރާދަކުރެއްވިއްޔާ ދިވެހިރައްޔިތުންގެ މުސްތަޤްބަލު ދާނީ އަދަށްވުރެ ފަހި މާދަމާއެއް ދެކެމުންނެވެ. ޢަލީ ވަހީދު ދާނީ ބޫންބޫން ލާފައި މެކުހަށެވެ.

18 އޮގަސްޓް 2011

ބަޔާން ނެރުއްވީ: އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު، ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަޙީދު