އެމްޑީޕީގެ ލީޑަރޝިޕުން އެ ޕާޓީގެ ކައުންސިލަރުންނާ ބައްދަލުކޮށްފި

އިބްރާހީމް ރާމިޒް

dsc_0191

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ލީޑަރޝިޕްގެ ފަރާތުން އެ ޕާޓީގެ ކައުންސިލަރުންނާ ބައްދަލުކޮށްފިއެވެ.
އިއްޔެ މެންދުރުފަހު ސްޓެލްކޯގެ އޮޑިޓޯރިއަމް ގައި ބޭއްވި މި ބައްދަލުވުމުގައި އެމްޑީޕީގެ ލީޑަރޝިޕްގެ ފަރާތުން އެ ޕާޓީގެ ޗެއަރޕާސަން މޫސާ މަނިކާއި، ޕާޓީގެ ރައީސް ޑރ.އިބްރާހީމް ދީދީ އާއި، ނައިބު ރައީސް އަލްހާން ފަހުމީގެ އިތުރުން ޗެއަރޕާސަންގެ ނައިބު އަޙުމަދު މައުސޫމް ވެސް ބައިވެރިވެވަޑައިގެން ކައުންސިލަރުންނާ މުޚާޠަބުކުރައްވައި ވާހަކަފުޅުދެއްކެވިއެވެ.
އެ ގޮތުން އެ ބޭފުޅުން ދެއްކެވި ވާހަކައިގައި، ކައުންސިލްތަކަށް ދިމާވާ ދަތިތައް ހައްލުކުރުމުގައި ވީހާ ވެސް ބޮޑަށް ޕާޓީއާ މަޝްވަރާކޮށްގެން ކުރިޔަށް ދިއުމަށް އިލްތިމާސްކުރެއްވިއެވެ. އަދި ކައުންސިލަރުންނަކީ ރަށްރަށުގެ ތަރައްގީގެ މަސައްކަތްތައް ވިލަރެސްކޮށް ހިންގާ އެންމެ އިސް ފަރާތްތައް ކަމަށްވާތީ އެރަށެއްގެ ރައްޔިތުންގެ އަޤްލަބިއްޔަތު ބޭނުންވާ ގޮތަށް ޑިމޮކްރަސީގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ސަރުކާރުގެ ސިޔާސަތުތަކާ އެއް ގޮތަށް ހުރިހާ ކަމެއް ވެސް ރާވައި ހިންގުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން އިއްޔެގެ ބައްދަލުވުމުގައި ކައުންސިލަރުންގެ ޝުޢޫރުތައް ފާޅުކުރުމަށް އެ ބޭފުޅުންނަށް ވެސް ފުރުޞަތުއެރުވިއެވެ.
އެމްޑީޕީގެ ގިނަ އަދަދެއްގެ ކައުންސިލަރުން މި ވަގުތު މާލެ ވަޑައިގެން އުޅުއްވަނީ ދައުލަތުގެ މާލީ އަދި އިޤްތިޞާދީ އިޞްލާޙުގެ އިފްތިތާޙީ ދަރުބާރު ގައި ބައިވެރިވެވަޑައިގެންނެވުމަށްޓަކައެވެ.
އެމްޑީޕީން ވަނީ ރޭ އެ ޕާޓީގެ ކައުންސިލަރުންނަށް ތަރާވީހެއް ވެސް ބާއްވާފައެވެ. މި ތަރާވީސް ބޭއްވީ ރޭ އެ ޕާޓީގެ މައި ހަރުގޭގައެވެ.