ޚާރިޖީ ވުޒާރާއިން ވަގަށް ނެގި ލިޔެކިޔުންތަކުގެ މައްސަލައިގައި އަލީ ވަހީދު ފުލުސް އޮފީހަށް ހާޒިރުކޮށްފި

2 ޖޫން 2010

ali-waheed

ގުއަންޓަނާމޯބޭ ޖަލުގެ ގައިދުގައިވާ މުސްލިމް އަޚުންގެ ތެރެއިން ބަޔަކު ރާއްޖެއަށް ގެނައުމާބެހޭ ލިޔެކިޔުންތަކެއް ފޮރިން މިނިސްޓްރީން ވަގަށް ނަގާފައިވާތީ އެމައްސަލަ ބައްލަވައިދެއްވުން އެދި އެމިނިސްޓްރީން ފުލުހުންގެ އިދާރާއަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، އެލިޔެކިޔުންތައް ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތާބެހޭ ކޮމިޓީއަށް ހުށަހެޅުއްވި ޑީއާރުޕީގެ ނައިބު ލީޑަރު އަދި ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު ފުލުސް އޮފީހަށް ހާޒިރުކޮށްފިއެވެ.
ނަމަވެސް އަލީ ވަހީދު މީޑިއާ އަށް ހާމަކުރައްވާފައިވާ ގޮތުގައި އޭނާ ފުލުސް އޮފީހަށް ހާޒިރުކުރީ ފޮރިންގ މިނިސްޓްރީން މިމައްސަލަ ބައްލަވައިދެއްވުންއެދި ހުށަހެޅުއްވި މައްސަލައަށްވުރެ މާފަހުން، ހަމަ މިލިޔެކިޔުންތައް ވަގަށްނެގި މައްސަލައިގައި އިހުމާލުވާ ފަރާތްތައް ބެލުމަށް އެދިވަޑައިގެން އޭނާ ފުލުސް އޮފީހަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން ކަމުގައެވެ.
މިދިޔަ އާދީއްތަ ދުވަހު 3.30 ގައި އަލީ ވަހީދު ފުލުސް އޮފީހަށް ހާޒިރުކުރުމުން އޭނާ ވައްކަމެއް ނުކުރައްވާ ކަމަށާއި، އެ މައްސަލައިގައި އިހުމާލުވާ ފަރާތްތައް ހޯދުމަށް އޭނާ މައްސަލަ ހުށަހެޅުއްވީ އެއީ ކަންބޮޑުވާ ކަމެއް ކަމަށްވާތީ ކަމަށާއި، އެހެން ނަމަވެސް ފޮރިންގ މިނިސްޓްރީން ހުށަހަޅުއްވާފައިވާ މައްސަލައިގައި އިތުރު މަޢުލޫމާތުދޭން ގަސްދުނުކުރައްވާ ކަމަށް ވިދާޅުވިކަމަށް އަލީ ވަހީދު ވަނީ މީޑިއާ އަށް ހާމަކުރައްވާފައެވެ.
ގައުމީ ސަލާމަތާބެހޭ ކޮމިޓީއަށް ޢަލީ ވަހީދު ހުށަހެޅުއްވި ލިޔުންތަކުގެ ތެރޭގައި ގުއަންޓަނާމޯބޭގެ މައްސަލައާ ގުޅޭގޮތުން ފޮރިންގ މިނިސްޓްރީ އާއި ބަންޑާރަނައިބުގެ އޮފީހާ ދެމެދު ބަދަލުކޮށްފައިވާ ސިޓީއަކާއި، އެމެރިކާ ސަރުކާރުން ދިވެހި ސަރުކާރަށް ފޮނުވާފައިވާ ޑިޕްލޮމެޓިކް ނޯޓެއް ހިމެނެއެވެ. ފޮރިންގ މިނިސްޓްރީން ބުނަނީ މިލިޔުންތައް ކޮންމެވެސް ވަރަކަށް ބަދަލުކޮށްފައިވާ ކަމަށެވެ.
އަލީ ވަހީދު އިއްޔެ ފުލުސް އޮފީހަށް ވަޑައިގެންނެވީ އޭނާގެ ޤާނޫނީ ވަކީލާ ޢައިޝަތު އާޒިމާ ޝުކޫރާ އެކުގައެވެ. ޢާޒިމާ ޝުކޫރަކީ އިލެކްޝަންސް ކޮމިޝަނަށް ޤާނޫނީ ލަފާދިނުމަށް އެކޮމިޝަނުން އައްޔަންކޮށްފައިވާ ޓީމުގެ ވެސް މެންބަރެކެވެ. އާޒިމާވެސް ވަނީޢަލީ ވަހީދު ފުލުސްއޮފީހަށް ހާޒިރުކުރީ އޭނާ ހުށަހަޅުއްވާފައިވާ މައްސަލައާއި ބެހޭގޮތުން އެވުޒާރާއިން އިތުރަށް މައުލޫމާތު ސާފުކުރަން ބޭނުންވާތީކަމަށާއި، އަދި ޢަލީ ވަހީދަށް އެކަމާބެހޭގޮތުން ލިބިފަހުރި މައުލޫމާތެއްވިއްޔާ ފުލުސްއޮފީހަށް ދެއްވާފައިވާނެ ކަމަށް ވިދާޅުވެފައެވެ.
އެހެންނަމަވެސް ފުލުހުން މިވާހަކަތައް ދޮހުކުރަމުން ބުނެފައިވަނީ އެދުވަހު މީޑިއާއަށް އަލީވަހީދުގެ ފަރާތުން ދިން އިންޓަރވިއުގައި ދެއްކެވި ވާހަކަތަކަކީ ކަނޑައެޅިގެން ދޮގުކަމަށާއި އެދުވަހު ފުލުސް އޮފީހަށް އަލީވަހީދު ހާޒިރުކުރި މައްސަލަ އަލީވަހީދަށްވެސް އަދި އޭނާގެ ވަކީލާއަށްވެސް އެނގިވަޑައިގަންނަވާނެކަމަށާއި މިމައްސަލާގައި ޢަލީ ވަހީދުއާއި ސުވާލުކުރުމުން އެއްވެސް މައުލޫމާތެއް ހާމަކުރުމަށް ޢަލީ ވަހީދު ބޭނުންފުޅު ނުވާކަމަށް ވިދާޅުވެފައިވާކަމަށެވެ.