ރައީސް މަޓީއަށް މަރުހަބާ ވިދާޅު ޝުކުރުއަދާކުރައްވައިފި

އިބްރާހީމް ރާމިޒް

maldives-president

ދައުލަތުގެ މާލީ އަދި އިޤްތިޞާދީ އިޞްލާޙީ ޕްރޮގްރާމަށް މަޓީން ފުރިހަމައަށް ތާއީދު ކުރައްވާފައިވާތީ، އެކަމަށްޓަކައި މަޓީއަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މަރްޙަބާ ވިދާޅުވެ، ޝުކުރު އަދާކުރައްވައިފިއެވެ.
މަޓީގެ ފަރާތުން ސަރުކާރާއެކު ކުރެއްވި މަޝްވަރާތަކުގައި، އިޤްތިޞާދީ އިޞްލާޙީ ޕްރޮގްރާމަށް، އެ ޖަމްޢިއްޔާގެ ފުރިހަމަ އެއްބާރުލެއްވުން ދެއްވާނެ ކަމަށް ވިދާޅުވިކަން އެއީ، ސަރުކާރުން ރާއްޖޭގެ އިޤްތިޞާދު އިޞްލާޙު ކުރެއްވުމަށާއި، ދައުލަތުގެ އާމްދަނީ އިތުރުކުރެއްވުމަށް އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކަށް އެބޭފުޅުންގެ ތާއީދު އޮތްކަން ހާމަވެގެންދާ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ދެކެވަޑައިގަންނަވާ ކަމަށް ރައީސް އޮފީހުން އިއްޔެ ނެރުއްވި ބަޔާނެއްގައި ވެއެވެ.

މީގެ އިތުރުން ރާއްޖޭގެ ޓުއަރިޒަމް ތަރައްޤީ ކުރެއްވުމުގައާއި، ޓުއަރިޒަމްގެ ދާއިރާއިން ރާއްޖޭގެ ވިޔަފާރިއަށް ވެސް ލިބޭ ކުރިއެރުންތަކުގައި މަޓީގެ ޙިއްޞާ ވަރަށްބޮޑުކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވާ ކަމަށާއި، އަދި ރާއްޖޭގެ އިޤްތިޞާދު ރަނގަޅު ކުރައްވައި، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ތަރައްޤީއަށް މަޓީން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލެއްވުން ލިބިވަޑައިގަންނަވާނެ ކަމުގެ ޔަޤީންކަން، މިފުރްޞަތުގައިވެސް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ކަމަށް އެ ބަޔާނުގައި ވެއެވެ..