ދޮގުހަދައިގެން މިސަރުކާރުގެ ސިޔާސަތުތައް ހޯޖާކޮށް ރައްޔިތުން ވާވައްދަން އިދިކޮޅު ފަރާތްތަކުން ތިކުރާ މަސައްކަތް ހުއްޓާލާށެވެ.

ހަސަން މާހިރު. ހުޅުދޫ، އައްޑޫ ސިޓީ

mdp-muzaahara

ލިޔެލިޔެ ވަރުބަލި ވެއްޖެއެވެ. މިއީ މީގެކުރިން މިރާއްޖޭގައި ކުރެވުނު ކަމެއްނޫނެވެ. ލިޔާމީހާއަށް އެކަމުގެ މިނިވަންކަން އޮތީ ގެއްލިފައެވެ. ސަރުކާރަށް ފާޑުކިއުމުގެ ފުރުސަތު އޮތީ ގެއްލިފައެވެ. ތަރައްގީގެ ވާހަކަދެއްކުން އެއީ ދަންނަ ކަމެއް ނޫނެވެ. ކުރީގެ ސަރުކާރުން ކުރާ ކޮންމެ ކަމަކަށް ތަރުހީބު ދެއްވުން ފިޔަވައި އަޅުގަނޑުމެން ދިވެހިން ކުރިކަމެއް ނެތެވެ. މިއީ ހަގީގަތެވެ. ރާއްޖެއަށް ސިޔާސީ ގޮތުން އިސްލާހު ގެންނަން މަސައްކަތް ކުރެއްވި އިސްވެރިން މިއަދު އެތިއްބެވީ ވެރިކަމުގައެވެ. އެބޭފުޅުން އެއިރު ކުރެއްވި މަސައްކަތް ޕުޅަކީ ރާއްޖޭގެ ރައްޔިތުންނަށް ސިޔާސީ ގޮތުން މިނިވަންކަން ހޯދާދިނުމެވެ. އެކަންމިއޮތީ ވަރަށް ފުރިހަމަކޮށް ނިންމާފައެވެ. އަދުގެ ސަރުކާރަށް ސުލްހަވެރިކަމާއެކު، ފާޑުކިއާށެވެ. އެއީ އަދުގެ ސަރުކާރުގެ އެދުމެވެ.
ކަންއޮތީ މިހެންކަމުގައި ވީހިނދު، ބޯދާ ޒަމާނުގައި އަރަބުސްތާނުގެ ވާދީތަކުގެ ނިވަލުގައި އުޅުނު ބުރައްމާނީންގެ ކިބައިން އުޑުގެ ޚަބަރު އަންނަކަމަށް ބައެއްމީހުން ދަޢުވާކުރި ބީދައިން، މިރާއްޖޭގައި ތިބި ބޮޑެތި ލުއްޗާ ރާހިބުން ގޭގައި މަޝްވަރާކޮށް، މައުސޫމު ރައްޔިތުންގެ ވިސްނުން ޚަރާބުކޮށް، ” ތަކެތީގެ އަގުބޮޑުވަނީ ރައްޔިތުން ހަނާވަނީ” މިއީ ޝިޢާރެއް ކަމުގައި ހަދާ މިސަރުކާރުގެ ހަރުދަނާ ސިޔާސަތު ނައްތާލުމަށް ކުރެވޭ އެންމެހާ މަސައްކަތުގެ މައްޗަށް މިރާއްޖޭގައި ތިބި ބުއްދީގެ އަހުލުވެރިން ތިބީ ހޭލައެވެ. އާނއެކެވެ! މިފަދަ ޝިޢާރުތަކުގެ ދަށުން މުޅިދުނިޔޭގެ ރައްޔިތުން ވެސް މިއަދު ހަނާވަނީ ތާއެވެ! އެމެރިކާގެ އިގުތިސާދު ވެސް ވަނީ ބޮއްސުން ލާފައެވެ މުޅި ޔޫރަޕްގެ ގިނަގައުމުތަކުގެ އިގުތިސާދު ވެސް ދަނީ ބޮއްސުން ލަމުންނެވެ. މިއީ ރާއްޖޭގެ ވެރިކަމުގެ މައްޗަށް ގެނެވުނު އިސްލާޙުގެ އަސަރެއްތާއެވެ! އާނއެކެވެ! ނުދަންނަ ކަލޭފާނު ވަޢުޟުބުނުމުން ޖާހިލުންނަށް ޖާހިލުކަން އިތުރުވުން ފިޔަވައި އަސަރުނުކުރާ ބީދައިން، ތިޔަ ޝިޢާރުން މިރާއްޖޭގެ މައުސޫމް ރައްޔިތުން އޮޅުވާލުންނޫން އެހެންކަމެއް ނުވާނެއެވެ. އެފަދަ ބަޔަކަށް ކާމިއާބެއްނެތެވެ. ކަންކަމުގެ މައްޗަށް ވިސްނާ ފިކުރު ހިންގާށެވެ. ރާއްޖޭގެ ވެރިކަމުގެ މާޒިއްޔާއަށް ދަމާހިނގާށެވެ! މިރާއްޖޭގެ ބޯދާ ކާބަފައިން އިސްލާމް ވީއިރު، ރާއްޖޭގެ ރަސްކަމުގެ ސިންގާ ސަނާގައި އިންނެވި ތީމުގޭ މަހަކަލި މިންޖާ ފަހުން މުޙައްމަދު ބުނު އަބްދުއްﷲ ގެ ރަސްކަމުން ޖަލާލަތުލް މަލިކް މުޙައްމަދު ފަރީދުގެ ރަސްކަމާއި ހަމަޔަށް ރާއްޖޭގައި ރަސްކަން ކުރެއްވި 83 ރަސްރަސް ކަލުންގެ މައްޗަށް އެބޭބޭފުޅުން ރަސްކަން ރެދަލި ކުރެއްވި ގޮތާއިމެދު ފާޑުކިޔާކަށް ނެތީމެވެ. ނަމަވެސް މަރުޙޫމު އިބުރާހިމް ނާސިރުގެ ވެރިކަމަށް ފަހު 1978 އަހަރު މިރާއްޖޭގައި ބިންގާ އެޅުނު އަލް އުސްތާޛު މަޢުމޫން އަބްދުލް ޤައްޔޫމު ހިންގެވި ދިގު ވެރިކަމުގެ ސިޔާސަތުގެ މައްޗަށް ފާޑުކިއުމަކީ، ރާއްޖޭގެ ސިޔާސީ މުސްތަގު ބަލް ބިނާކުރުމަށް ވަރަށް މުހިއްމު ކަމެއްކަމުގައި ދެކެމެވެ. ސަބަބަކީ، އެވެރިކަމުގެ ސަބަބުން ދިވެހި ދައުލަތުގެ ތަނަވަސްކަމާއި، އަދުލު އިންސާފާއި، ގައުމީ ތަރައްގީ އޮތީ ޚަރާބުވެ ގެއްލިފައެވެ. އެއީ އަޅުގަނޑުގެ ޙަޔާތުގައި ހިނގާފައިވާ ކަންކަމެވެ. އެގޮތުން 30 އަހަރަށް ދެމިގެން ދިޔަ ވެރިކަމުގެ ސިޔާސަތާއި އެވެރިކަމުގެ ޙުކޫމަތުގެ ތެރޭގައި ގައުމުގެ މުއްސަނދިކަން މަދުބައެއްގެ އަތްމަތީގައި ބޭއްވުމާއި ގައުމުގެ ތަރައްގީ ފުޅާކުރުމުގެ ބަދަލުގައި މަރުކަޒީ ސިޔާސަތެއް ގެންގުޅުމާއި، ދައުލަތުގެ މަތިވެރި ވާޖިބު ރައްޔިތުންގެ މައްޗަށް އަދާ ކުރުމުގައި އަދުލު ވެރިކަން ބޭނުން ކުރެއްވިގޮތާއި، އެވެރިކަމުގެ ފުރަމާނީ ބާރުތައް ބޭނުން ކުރެއްވިގޮތާއި، އެކަމުގެ ސަބަބުން ރާއްޖޭގެ ލޮބުވެތި ރައްޔިތުންގެ މައްޗަށް އުނިވެގެން ދިޔަ ޢިޖުތިމާޢީ އިގްތިސާދީ ގެއްލުން ތަކުގެ ދިރިހުރި މިސާލު މިއަދު ރާއްޖޭގެ ކަންކޮޅު ތަކުން އެބަފެނެއެވެ. އަދުގެ ސަރުކާރަށް ވެސް އޮތީ އެކަމުގެ މުސީބާތް ކުރިމަތި ވެފައެވެ. ކުރީގެ ވެރިކަން ބަދަލުވީ އިރު، ދައުލަތުގެ ޚަޒާނާގައި ފައިސާނެތުމުގެ ސަބަބުން، މިސަރުކާރަށް ވެސް ރައްޔިތުންގެ މައްޗަށް އުނިވެފައިވާ ގައުމީ ޚިދުމަތްތައް ބޭނުންވާ އަވަސް ސްޕީޑެއްގައި ފޯރުކޮށް ދިނުމުގައި ވަނީ ދަތިތަކެއް ކުރިމަތި ވެފައެވެ. ސަބަބަކީ ކުރީގެ ސަރުކާރުން ދެމެހެއްޓެނިވި ތަރައްގީގެ މައްޗަށް ގައުމު އާރާސްތު ކޮށްފައި ނެތުމާއި، ޠަބީޢީ ގޮތުން ބަދަލުވަމުން ދިޔަ ދިވެހި މުޖުތަމަޢުގެ މައްޗަށް ހަރުދަނާ ގައުމީ ސިޔާސަތު ތަކެއްރާވާ ގައުމީ ތަރައްގީގައި ލާމަރުކަޒީ ސިޔާސަތުގެ މައްޗަށް ޤާނޫނީ ބާރުތަށް ތަރުތީބު ކޮށްފައި ނެތުމެވެ. އެހެންކަމުން އެކަމުގެ ހިތިނަތީޖާ މިއަދު ރާއްޖޭގެ ކަންކޮޅުތަކުން މި ފެންނަނީއެވެ. ޔަގީނުންވެސް އެއީ ކުރީގެ ސަރުކާރަށް ފޫޅުކަނޑަން ޖެހޭ މައްސަލައެކެވެ. އާނއެކެވެ! އަޅުގަނޑުގެ ކާފަ އަޅުގަނޑުގެ ބައްޕައަށް ވާރުތަކޮށް ދެއްވި ރަނގަޅު ކަންކަމުގެ އަސަރު އަޅުގަނޑަށް ވެސްވަނީ ކޮށްފައެވެ. އެބީދައިން އެއްސަރުކާރުން އަނެއް ސަރުކާރަކަށް ޤައުމީ ކުރިއެރުންތައް ވާރުތަވެ ނަގުލުވާން ޖެހެއެވެ. ނަމަވެސް އަދުގެ ސަރުކާރުން ދަނީ ކެއްތެރިކަމާއެކު، ރައްޔިތުންގެ ޝަކްވާގެ އަޑުއައްސަވާ ވަރުބަލިކަމެއް ނެތި ރައްޔިތުންނަށް ޚިދުމަތް ކުރެވޭތޯ ދައުލަތުގެ ވަސީލަތް ހުރި މިންވަރުން މަސައްކަތް ކުރައްވަމުންނެވެ. ވީހިނދު، ބޯދާ ޒަމާނުގައި އަރަބުސްތާނުގެ ވާދީތަކުގެ ނިވަލުގައި އުޅުނު ބުރައްމާނީންގެ ކިބައިން އުޑުގެ ޚަބަރު އަންނަކަމަށް ބައެއްމީހުން ދަޢުވާކުރި ބީދައިން، ހުސްބުހުތާން ދޮގުހަދާ މިސަރުކާރުގެ ސިޔާސަތު ހޯޖާކޮށް، ރައްޔިތުން ވާވެއްދުން ހުއްޓާލާށެވެ