ނޫސް ބަޔާން: ހދ.ކުރިނބީ ހިއްވަރު ގޮފިން ނެރޭ ނޫސް ބަޔާން

mdp-logo-original

ކުރިނބީ ރައްޔިތުންގެ އިންޖީނުގެ ޔުޓިިލިޓީސް ކުންފުންޏާއި ޙަވާލުކުރުމަށް ކުރިނބީ ކައުންސިލްގެ ފަރާތުން ކުރަމުންއައި މަސައްކަތްތަކަށް ކުރިނބީ އެމް.ޑީ.ޕީ ގެ ހިތްވަރުގޮފީގެ ފަރާތުން މިހާތަނަށްވެސް ކައުންސިލަށް ދޭންޖެހޭ އެއްބާރުލުން ވާނީ ދީފައެވެ. ކައުންސިލްގެ ފަރާތުން ޔުޓިލިޓީސް ކުންފުންޏާއި މުއާމަލާތު ކުުރުމަށްފަހު ރައްޔިތުންނަށް އެކި ފަހަރުމަތިން ޙަވާލުވާނެ ތާރީޚްތަކެއް ވަނީ ހިއްސާކޮށްފައެވެ. ނަމަވެސް މިއިން އެއްވެސް ތާރީޚެއްގައި ޔުޓިލިޓީސް ކުންފުނީގެ ފަރާތުން މިރަށު އިންޖީނުގެއާއި ޙަވާލުވެފައި ނުވާހިނދު ކައުންސިލްގެ ފަރާތުން 04 އޮގަސްޓް 2011 ގައި ރައްޔިތުންނާއި ބައްދަލުކޮށް ކައުންސިލްގެ ރައީސް ޔުޓިލިޓީސް ކުންފުނީގެ ފަރާތުން މިރަށު އިންޖީނުގެއާއި ޙަވާލުވުން ލަސްވަމުންދާދިއުން އެމް.ޑީ.ޕީ ބަދުނާމްކޮށް އެމް.ޑީ.ޕީ ގެ ތިން މީހެއްގެ ބޮލުގައި އަޅުވާފައިވާތީ މިކަން ހިތްވަރުގޮފީގެ ފަރާތުން އެންމެ ހަރުކަށި އިބާރާތުން ކުއްވެރިކުރަމެވެ. އަަދި މިގޮފީގެ ފަރާތުން ދެކޭގޮތުގައި ކައުންސިލްގެ ފަރާތުން 04 އޮގަސްޓް 2011 ގައި ރައްޔިތުންނާއި ބައްދަލުކޮަށް ދެއްކި ވާހަކަތަކުގައި ހަޤީޤަތާއި ޙިލާފް ދޮގު ވާހަކަތަކެއް ދައްކަވާފައިވާތީ އެކަންވެސް މިގޮފީގެ ފަރާތުން އެންމެ ހަރުކަށި އިބާރާތުން ކުއްވެރިކުރަމެވެ.
މިގޮފީގެ ފަރާތުން ދެކޭގޮތުގައި ޔުޓިލިޓީސް ކުންފުނިން މިރަށު އިންޖީނުގެއާއި ޙަވާލުވުން ލަސްވަމުންދާ ދިއުމުގެ ޒިންމާ އުފުލަންޖެހޭ ފަރާތަކީ ކުރިނބީގައި އުޅޭ ޑީ.އާރު.ޕީ ގެ މެމްބަރުންނާއި އެޕާޓީއަށް ތާއީދުކުރާ މީހުންނެވެ. އެހެނީ ޔުޓިލިޓީސް ކުންފުނިން 2009 ވަނަ އަހަރުގެ ޖުލައިމަހު ކުރިނބީ ރައްޔިތުންގެ އިންޖީނުގެއާއި ވަނީ ޙަވާލުވެފައެވެ. ޤާނޫނު އަސާސީގައިވާ ގޮތުގެމަތިން ކަރަންޓްގެ ހިދުމަތަކީ އަސާސީ ހިދުމަތަކަށްވާތީ އެކުންފުނީގެ ފަރާތުން މިރަށު ރައްޔިތުންނަށް ކަރަންޓްގެ ހިދުމަތްދިނުމަށްޓަކައި ވަަނީ ގިނަގުނަ މަސައްކަތްތަކެއް ކޮށްފައެވެ. ނަމަވެސް އެކުންފުނީގެ ހިދުމަތް ބޭނުން ނޫންކަމަށްބުނެ ޔުޓިލިޓީސް ކުންފުނީގެ މަސައްކަތަށް ހުރަސްއެޅުމުގެ ގޮތުން ރަށުއޮފީސް ދޮށަށް ޑީ.އާރު.ޕީ ގެ މެމްބަރުންނާއި އެޕާޓީއަށް ތާއީދުކުރާ މީހުން އެއްވެ މުޒާހަރާކޮށް ޔުޓިލިޓީސް ކުންފުނީގެ ފަރާތުން މިރަށާއި ޙަވާލުވެހުރި ބޭފުޅާއާއި ހުތުރުބަހުން މުއާމަލާތުކޮށް މަރާލާނެކަމުގެ އިންޒާރުދީ އެބޭފުޅާ ވަނީ ވަރަށް އިހާނެތި ގޮތަކަށް ރަށުން ބޭރުކޮށްފައެވެ.
އެހެންކަމުން މިއަދު އެމް.ޑީ.ޕީ ބަދުނާމްކޮށް އެމް.ޑީ.ޕީ ގެ މެމްބަރުންގެ ބޮލުގައި އެ އިލްޒާމް އެޅުވުމުގެ އެއްވެސް ފުރުޞަތެއް ކުރިނބީ ކައުންސިލްގެ ރައީސް އަށް ލިބިގެނެއްނުވެއެވެ.

06 އޮގަސްޓް 2011

ޢަބުދުﷲ އަބޫބަކުރު
(ހިތްވަރުގޮފީގެ ނާއިބުރައީސް)