ޖަލުތަކުގައި ތިބީ މި ސަރުކާރުން ހަލާކުކުރި ޒުވާނުންނެއް ނޫން

=ފަހަލަ ސަޢީދު=

މިރާއްޖޭގެ ޖަލުތަކުގައި މިސަރުކާރުން އުފެއްދި އެންމެ ކުށްވެރިޔަކު ވެސް ނޫޅޭނެއެވެ. މިސަރުކާރުން މިއަދު ކުރަންޖެހިފައި މިވަނީ ވޭތުވެ ދިޔަ މާޒީގައި ބޮލާއަޅާފައި ހުރި ކަންތައްތައް ރަގަޅު ކުރުމުގެ މަސައްކަތެވެ. އެގޮތުން މި ރާއްޖެއިން ފަނާވަމުންދާ ޒުވާން ޖީލު، އިންސާނުންގެ ތެރެއިން ބޭރުކޮށް ޖަލުތަކުގައި އަބަދުގެންގުޅުމަކީ އިންސާނިއްޔަތާ މުޅީން ޚިލާފް ކަމަކަށް މެނުވީ ނުވާނެއެވެ. މި ރާއްޖޭގެ ޖަލުތަކުގައި ތިބީ ދިވެހި ބަފަޔަކާ، ދިވެހިމަޔަކު އުފަންކުރި ދިވެހި ދަރީންނެވެ. ރާއްޖޭގެ ޖަލަކީ އިންސާނުން ހަލާކުކުރުވާ ތަނެކެވެ. އެތަންތާނގައި އެއްވެސް ތަމްރީނެއް ނުވަތަ އެއްވެސް ތަރުބިއްޔަތެއް ނުދީ، ޒުވާނުން ގެންގުޅެމުންއަންނަތާ ތިރީސް އެތައް އަހަރެއް ވެފައިވާ އިރު، އަމިއްލަ އަށް ރަނގަޅު ވެގެން މުޖުތަމަޢުގައި އުޅުމުގެ ފުރުޞަތުލިބޭ ޒުވާނާ ދެވަނަފަހަރަށް ހަލާކުގެމަގަށް ފޮނުވަނީވެސް ސަރުކާރުންނެވެ. އެންމެ ބޮޑު ސަބަބަކަށްވެފައި ވަނީ ޖަލުންނުކުމެ، ވަޒީފާއަކާ ދިމާޔަށް ދިޔުމުން، އެންމެން، ނޫނެކޭ ބުނެ އެޒުވާނާ ބާކީކޮށްލުމެވެ. އެއީ ސަރުކާރުގެ އަނިޔާވެރި ގަވާޢިދުތަކުން އެޒުވާނާއަށް ފުރުޞަތެއް ދީފައިނުވާތީއެވެ. ވަޒީފާއަކަށް އަހުލުވެރި ކުރުމެއްނެތި، އިންސާނުންގެ ތެރޭގައި އުޅެވޭ ފަދަ ތަރުބިއްޔަތެއް ނުދީ ޖަލުތަކުން ނެރެމުންދާ ޒުވާނުންނަށް ވަޒީފާލިބެނީ ޕޮލިސް ރިޕޯޓަށް ބެލުމަށްފަހު ކުށުގެ ރެކޯޑު ނުހުންނަ ފަރާތްތަކަށެވެ. ފަސް އަހަރުން މިއަތުގެ ރެކޯޑެއް އޮވެއްޖެނަމަ އެޒުވާނާ ދިރިއުޅުމުގެ ޒަރޫރީކަންތައްތައް ޙާޞިލްކުރެވޭނެ އެއްވެސް ހުއްދަގޮތެއް ނެތެވެ. އެހެންކަމުން އަނެއްކާވެސް މިދެންނެވި ހުއްދަނޫން ގޮތުގާއުޅެންޖެހި ޖަލުންމިންޖުވެވޭނެގޮތެއް ނެތެވެ.މިހެންވުމުން ޖަލުތަކުގައި އެކަށޭނަ މިނިވަންކަމެއް ނުލިބި، ސޯޅަ،ސަތާރަ، އަހަރުވެ، އެ ހިތްދަތިކަމުގެ ތެރޭގައި، އުންމީދެއް ނުލިބި ތިބެންޖެހެއެވެ. ކަންމިހެން ހުރުމުގެ ސަބަބުން، ޖަލަށް ވަންނަ ޒުވާނުން،އެތާނގައި އިތުރަށް ހަލާކުވެ، މުޖްތަމަޢަށް ހުރިބިރަކަށްވެދެއެވެ. މިކަމަކީ، ނޭނގިވެފައި ހުރިކަންކަމެއް ނޫނެވެ.މިއީ އެނގި،ފެނި ދެނިވެތިބެ ބަޔަކުހިންގާފައިވާ އިންސާނިއްޔަތާ ޚިލާފް ވަރަށް ބޮޑު ޖަރީމާއެއް ކަމުގައި ދަންނަވަމެވެ.
ކަންމިހެންހުރުމާއެކު މިސަރުކާރުން ކުރާން އެއުޅޭ ކަމަކީ، ނިމިދިޔަ ސަރުކާރުން ފަނާކުރި ޒުވާން ދަރިން ތަރުބިއްޔަތުކޮށް ވަޒީފާގެ ތަމްރީނުދީގެން ވަޒީފާގެތެރެއިން މުޖުތަމަޢަށް ގެނެސްދިނުމެވެ. މިއަދުގެ ސަރުކާރުން ދެވަނަފުޞަތެއް އެދެއްވަނީ ބޭރުގެ ބަޔަކަށް ނޫނެވެ. ދިވެހިންގެ ދަރީންނަށެވެ. ކަންމިހެންހުރުމާއެކު، ސަރުކާރުންކުރާ މިމަސައްކަތުގައި އެންމެންބައިވެރިވެ އަތުގުޅާލުމަކީ ހަރުދަނާ އަޚްލާގުގެ މަތިވެރި ރީތިސިފައެކެވެ.ޖަލުން ނެރެވޭ ދިވެހި ޒުވާނުން ހަރުދަނާބަޔަކަށްވެ، މުޖުތަމަޢު ގަބޫލުކުރާ ފެންވަރުގެ ބަޔަކަށް ވުމަކީ، ގިނަބަޔަކު ނުވަތަ ގިނަ ޢާއިލާތަކުން އުފާކުރާނެ ކަމެކެވެ. ސަރުކާރުން މިހާރު އެބައްލަވަނީ ޖަލުގައިތިބި އެންމެހާ ކުއްވެރިންނަށް ވެސް ދެވަނަ ފުރުޞަތެއްދެވޭތޯއެވެ. އެގޮތުން ނުވަސަތޭކައެއްހާ ކުއްވެރިންނަށް ދެވަނަފުރުޞަތުދެވޭނެއެވެ.
ސިޔާސީ އިދިކޮޅު ފަރާތްތަކުން މިކަމާމެދު ކަންބޮޑުވުންފާޅުކުރި ނަމަވެސް ސަރުކާރުން ބުނަނީ މިއީ ރައްޔިތުން ކަންބޮޑުވާންޖެހޭ ވަރުގެ ކަމެއް ނޫންކަމަށާއި، ސަރުކާރުން މިމަސައްކަތް މިފެއްޓެވީ ކުރިމަތިވެދާނެ އެންމެހާ ގޮންޖެހުންތައް ދެކެދެނެތިބެ ކަމުގައެވެ. ކޮންމެފަހަރަކުވެސް ޖަލުން ކުށްވެރިން ނެރުމާއެކު މާލެތެރެ ހަލަބޮލިވެ، ވައްކަންގިނަވެ، މާރާމާރީތައް އިތުރުވާކަން ފާހަގަކުރެވެއެވެ. ނަމަވެސް ހަގީގަތަކީ އެ އެއްނޫނެވެ. މިފަދަ ދަނޑިވަޅުތަކުގެ ބޭނުންހިފައި، ވައްކަމާ ފޭރުން އިތުރުވެފައި ވަނީ ކުރިންވެސް މުޖްތަމަޢުގައި ތިބޭ ބަޔަކު ކުށްކުރާތީއެވެ. މިފަދަ ކަންކަމުގައި އިދިކޮޅު ސިޔާސީ ފަރާތްތަކުގެ ބައިވެރިވުން ވެސް ހިމެނިގެންދެއެވެ. މިއީ ދެރަކަމެކެވެ. ސަރުކާރު ވައްޓާލުމުގެ ބޭނުމުގައި މިއީ ކޮއްގެންވާނެ ކަންތަކެއްނޫނެވެ. ސަރުކާރުނުވެސް ވެއްޓޭނެއެވެ. އެއީ ބަޔަކު ހީކުރާފަދަ ބަލިކަށިސަރުކާރެއް ވެސް ނޫނެވެ.ސަރުކާރެއް އޮތީވިއްޔާ، އެސަރުކާރުން ރައްޔިތުންގެ ލާބަޔާ މަންފާ އަށްޓަކާ ކުރެވެންހުރި ހުރިހާ ކަމެއް ވެސް ކުރާނެއެވެ. ކެއްތެރިކަމާއެކު ފަސް އަހަރު ނިމެންދެން ތިއްބަވާށެވެ. ތިރީސް އަހަރުވަންދެން ވެސް ތިބީމުތާއެވެ…