އާމްދަނީ އިތުރުކުރުމަށް ކުރާ މަސައްކަތާ އެއްވަރަށް ޚަރަދު ކުޑަކުރުމުގެ މަސައްކަތް ކުރުމަކީވެސް ބޭނުންތެރި ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

އިބްރާހީމް ރާމިޒް

hep-seychells-2

އާމްދަނީ އިތުރުކުރުމަށް ކުރާ މަސައްކަތާ އެއްވަރަށްޚަރަދު ކުޑަކުރުމުގެ މަސައްކަތް ކުރުމަކީވެސް ބޭނުންތެރި ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ސީޝެލްސްއަށް ރައީސް ފެށްޓެވި ދަތުރުފުޅުގައި ފުރާވަޑައިގަތުމުގެ ކުރިން، ތަކެތީގެ އަގަށް މިއަންނަ ބަދަލުތަކާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް އިތުރަށް ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދަށް ގެންނަމުންދާ ބަދަލުތަކުގެ އެއްވެސް ކަމެއް ފުރިހަމަނުވެ އޮވެއްޖެނަމަ، އިޤްތިޞާދަށް އަބަދުވެސް ވަރަށް ނުރަނގަޅު އަސަރުތަކެއް ކުރަމުންދާނޭ ކަމަށާއި، އެހެންކަމުން ޓެކްސްގެ ބިލްތައް ނިންމުން ވަރަށް މުހިންމު ކަމަށާއި، ޓެކްސްގެ ބިލްތައް ނިމުމުން، ބަޖެޓްގެ ޑެފިސިޓް ކުޑަވަމުންދިޔުންވެސް އެހާ މުހިންމު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ސަރުކާރުން މިހާރު ހުށަހަޅުއްވާފައިވާ އިޤްތިޞާދީ ޕްރޮގްރާމަކީ، ސަރުކާރުގެ ވަޢުދުތައް ކަމުގައިވާ ތަކެތީގެ އަގުތައް ތިރިކުރެއްވުމާއި، ދިރިއުޅުމުގެ ޚަރަދު ކުޑަކުރެއްވުމަށް ހުށަހެޅިފައިވާ ޕްރޮގްރާމެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
“ރާއްޖޭގެ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވެގެން މިއުޅެނީ، ވަޒީފާގެ ފުރްޞަތުތައް” ކަމަށާއި، “ވަޒީފާނެތި އާމްދަނީ ނުލިބުނީމާ، ތަކެތީގެ އަގުބޮޑުކަން އިޙްސާސް ކުރެވެމުންދަނީ” ކަމަށް ވިދާޅުވެ. “އެހެންވީމާ، އަށްހާސް ފައްސަތޭކަ މީހުންނަށް އަމާޒު ކުރައްވައިގެން، ތަމްރީނު ޕްރޮގްރާމްތަކެއް ފެށުމަށް ސަރުކާރުން ނިންމީ، އެކި ތަމްރީނުތައް ފުރިހަމަކޮށްގެން، ވަޒީފާގެ ފުރްޞަތުތައް ހޯދައިދިނުމަށް” ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.