ރައީސްގެ ޚާއްސަ ވަފްދެއް ތިނަދޫއަށް ފޮނުއްވައިފި

ގދ. ތިނަދޫގެ ތަރައްޤީއަށް ސަރުކާރުން ހިންގަވަމުން ގެންދަވާ މަޝްރޫޢުތަކާއި އަދި ސަރުކާރުން އެރަށުގައި ފަށްޓަވަން ހަމަޖެހިފައިވާ މަޝްރޫޢުތަކާބެހޭގޮތުން ރައްޔިތުންނަށް މަޢްލޫމާތު ދެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ޚާއްޞަ ވަފުދެއް އެރަށަށް އިއްޔެ ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އުފެއްދެވުމަށް ހަމަޖައްސަވާފައިވާ ތިނަދޫ ޑިވެލޮޕްމަންޓް ކޯޕަރޭޝަނާބެހޭގޮތުންނާއި، ތިނަދޫ ރައްޔިތުން ބިންވެރިކުރެއްވުމަށް ހިންގަވާ ޕްރޮގްރާމާބެހޭގޮތުންނާއި، ތިނަދޫގެ ބިން ހެޔޮގޮތުގައި ބޭނުން ކުރެވޭނެ ގޮތްތަކާބެހޭގޮތުންވެސް ވަފުދުގެ ބޭފުޅުން ރައްޔިތުންނާ މަޝްވަރާ ކުރައްވާނެއެވެ. އަދި ތިނަދޫގެ ނަން ބަދަލުކުރުމަށް ތިނަދޫ ކައުންސިލުން ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ހުށަހަޅުއްވާފައިވާތީ، އެކަމާގުޅޭގޮތުން ސަރުކާރުގައި ހުރި ތާރީޚީ މަޢްލޫމާތުތައް މި ވަފުދުގެ ބޭފުޅުން، ރައްޔިތުންނާ ޙިއްޞާ ކުރައްވައި މިކަމާގުޅޭގޮތުން މަޝްވަރާ ބަދަލުކުރައްވާނެއެވެ.

މި ވަފުދުގައި ހިމެނިވަޑައިގަންނަވަނީ، މިނިސްޓަރ އޮފް ހޯމްއެފެއާޒް ޙަސަން ޢަފީފާއި، މިނިސްޓަރ އޮފް ހައުސިންގ އެންޑް އެންވަޔަރަންމަންޓް މުޙަންމަދު އަސްލަމާއި، މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަޙްމަދު އިނާޒާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރެސް ސެކްރެޓަރީ މުޙަންމަދު ޒުހައިރާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އެގްޒެކެޓިވް ސަރވިސަސް ސެކްރެޓަރީ މުޙަންމަދު ޒިޔާދާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރ އަޙްމަދު ނަޞީރާއި، ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދާއިރާގެ މެންބަރު މުޙަންމަދު ޤަސަމްއާއި، ރައްޔިތުންގެ މަޖިލީހުގެ މަޑަވެލީ ދާއިރާގެ މެންބަރު މުޙަންމަދު ނާޒިމާއި، ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙާމިދު ޢަބްދުލްޣަފޫރާއި، ހިއުމަން ރައިޓްސް އެމްބެސެޑަރ މުޙަންމަދު ލަޠީފާއި، ޕަބްލިކް އެންޓަރޕްރައިސަސް މޮނިޓަރިންގ އެންޑް އިވެލުއޭޝަން ބޯޑުގެ މެންބަރު ޢަދުނާން ޙަލީމެވެ.

މި ވަފުދުގެ ބޭފުޅުން، މިކަންކަމާގުޅޭގޮތުން މިރޭގެ ވަގުތެއްގައި ރައްޔިތުންނަށް މަޢްލޫމާތު ދެއްވައި، މަޝްވަރާ ކުރައްވާ ގޮތަށްވަނީ ހަމަޖެހިފައެވެ.