ރައީސުލްޖުމްހޫރިއްޔާ މާލޭ ސިޓީ ކައުންސިލްގެ އިދާރާ ހުޅުއްވައިދެއްވައިފި

male-city-hall

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، މާލޭސިޓީ ކައުންސިލްގެ އިދާރާ އިއްޔެ ހުޅުއްވައިދެއްވައިފިއެވެ. މާލޭ ސިޓީ ކައުންސިލްގެ އިދާރާ ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތު އޮތީ، އިއްޔެ މެންދުރުފަހު ގަލޮޅު ބިއްލޫރިޖެހިގޭ ޢިމާރާތުގައެވެ. ޤައުމީ ކުތުބުޚާނާ ކުރިން ހިނގަމުންދިޔައީ މި ޢިމާރާތުގައެވެ.

މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ދިވެހި ސަރުކާރުގެ ތިންބައިކުޅަ އެއްބަޔަށްވުރެ ގިނަ މަސައްކަތްތައް ހިނގަނީ، މާލޭގައިކަން ފާހަގަކުރައްވަމުން، ރާއްޖޭގެ އާބާދީގެ ބޮޑު ޕަސެންޓޭޖެއް މާލޭގައި ދިރިއުޅެމުންދާ ކަމަށް ވިދާޅުވިއެވެ. އެހެންކަމުން، ސިޓީ ކައުންސިލްގެ ވާޖިބަކީ، މާލޭގައި ދިރިއުޅޭ އެންމެންނަށް، ވީ އެންމެ ރަނގަޅަކަށް މާލޭގައި ދިރިއުޅެވޭނެ ގޮތެއް ހޯދައިދިނުން ކަމުގައި ވިދާޅުވިއެވެ. އަދި ލާމަރްކަޒީ އުޞޫލުން ސިޓީ ކައުންސިލް ހިންގުމުގެ އޮނިގަނޑުގައިވާ ގޮތުގެ މަތިން، އިރާދަކުރެއްވިއްޔާ، މާލޭގެ ކަންތައްތައް، އެކައުންސިލުން ފުރިހަމައަށް ބަލަހައްޓަވަމުން ގެންދަވާނެ ކަމަށް ޔަޤީން ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސިޓީ ކައުންސިލްގައި ތިއްބެވި ހުރިހާ މެންބަރުންނަކީވެސް، ވަރަށް ވާދަވެރި އިންތިޚާބެއް ކާމިޔާބު ކުރައްވައިގެން، ގޮނޑި ފުރުއްވަމުން ގެންދަވާ ބޭފުޅުންކަން ފާހަގަކުރައްވަމުން، މާލެއާ ގުޅޭގޮތުން އެބޭފުޅުންނަށް ނުވިކަމެއް، އެހެން ސަރުކާރަކަށް އަދި އެހެން މީހަކަށްވާނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމުގައިވެސް ވިދާޅުވިއެވެ.