ރައީސުލްޖުމްހޫރިއްޔާގެ ނައިބާއެކު މަސައްކަތްކުރައްވަމުން ގެންދަވަނީ ވަރަށް ހިތްޕުޅު ހަމަޖެހިވަޑައިގެން – ރައީސް

28 މެއި 2009

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑރ. މުޙައްމަދު ވަހީދު ހަސަން މަނިކާއެކު މަސައްކަތްޕުޅު ކުރައްވަމުން ގެންދަވަނީ ވަރަށް ހިތްޕުޅު ހަމަޖެހިވަޑައިގެން ކަމަށާއި މިދަނޑިވަޅުގައި ސަރުކާރުގެ ކަންކަމުގައި ހެޔޮ ލަފާ ދެއްވުމަށް ޑރ.ވަހީދު ހުންނަވާ ކަމީ އިތުބާރާއެކީ ސަރުކާރު ހިންގެވޭ ސަބަބު ކަމުގައި ރައީސުލްޖުމްހޫރިއްޔާ މިއަދު ދެއްވި ރޭޑިއޯ ޚިޠާބުގައި ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ރޭޑިޔޯ ޚިޠާބުގައި، ޤައުމީ އިއްތިހާދު ޕާޓީއާއި އެމް.ޑީ.ޕީ.އާ ދެމެދު ވެވިފައިވާ އެގްރީމަންޓް ބާޠިލުކުރުމަށް އެމް.ޑީ.ޕީ.ގެ ޤައުމީ މަޖިލީހުން ކަނޑައެޅުމާ ގުޅިގެން، އެކަމުގެ މައްޗަށް ބައްލަވާލައްވަމުން ވިދާޅުވީ ނުރުހުންވާ ކޮންމެ ފަހަރަކު އެކަމެއް ގެންގޮސް އެކަމެއްގައި އޮތް އެންމެ ފަލަމިނަށް ނިންމުމަކީ ބުއްދިވެރިކަމެއް ނޫން ކަމަށެވެ. އަދި ނައިބު ރައީސްގެ ކިބައިން އެދިވަޑައިގަންނަވާ ކަންކަން، ނައިބު ރައީސް ވަރަށް ފުރިހަމައަށް ކޮށްދެއްވާ ކަމުގައި ވިދާޅުވިއެވެ.
“އަޅުގަނޑުމެން ކަމަކާ ނުރުހުންވާ ކޮންމެފަހަރަކު، އެކަމެއް ގެންގޮސް އޭގައިއޮތް އެންމެ ފަލަމިނަށް ނިންމުމަކީ، އަޅުގަނޑުގެ ނަޒަރުގައި ބުއްދިވެރި ކަމެއްނޫން. އަޅުގަނޑު މަސައްކަތްކުރަމުން ގެންދަނީ، އަދި ކުރިއަށްއޮތްތަނުގައިވެސް ގެންދާނީ، ވިސްނުންތެރިކަމާއި، ޙިކްމަތްތެރިކަމާއި، ކެތްތެރިކަމާއެކީގައި.” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އެމްޑީޕީ އާއި ޤައުމީ އިއްތިހާދު ޕާޓީއާ ދެމެދު ވެފައިވާ ހުރިހާ އެއްބަސްވުންތަކެއް އުވާލުމަށް އެމްޑީޕީގެ ޤައުމީ މަޖިލީހުން ނިންމާފައިވަނީ މިދިޔަ ބުދަ ދުވަހު ހަވީރު ބޭއްވި އެމަޖިލީހުގެ 78 ވަނަ ޖަލްސާއިން ފާސްކުރި ޤަރާރަކުންނެވެ. މިޤަރާރުގައި ޤައުމީ އިއްތިހާދު ޕާޓީއަށް ނިޞްބަތްވާތީވެ، އެކިއެކި ފަރާތްތަކަށް ދީފައިވާ ސަރުކާރުގެ ސިޔާސީ މަޤާމުތަކުން ޤައުމީ އިއްތިހާދު ޕާޓީއަށް ނިސްބަތްވާ ފަރާތްތައް ވަކިކުރުމަށް ވެސް އެމްޑީޕީގެ ޤައުމީ މަޖިލީހަށް ފެންނަކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ދެންނެވުމަށް އެމަޖިލީހުގެ އިއްތިފާޤުން ވަނީ ފާސްކޮށްފައެވެ.