މިއަހަރުގެ ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރްޞަތު މިއަދު ހުޅުއްވާލައިފި

27 މެއި 2010

gaumee-inaam

މިއަހަރުގެ ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރްޞަތު، ޤައުމީ އިނާމާބެހޭ ކޮމިޓީއިން މިއަދު ހުޅުއްވާލައްވައި، އިނާމާބެހޭ އިތުރު ތަފްޞީލު، އެ ކޮމިޓީން ހާމަކުރައްވައިފިއެވެ. މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ޕްރެސް ކޮންފަރެންސެއްގައި، މި އިނާމާބެހޭ ތަފްޞީލު މަޢްލޫމާތު ދެއްވީ، ކޮމިޓީގެ ޗެއަރމަން މަޙްމޫދު ރާޟީއާއި، އެ ކޮމިޓީގެ މެންބަރުންނެވެ. ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އެހެން ބޭފުޅުންނަކީ، ހެންވޭރު ސުނާރު ސިއްކަގޭ މުޙަންމަދު ނަސީމާއި، މައްޗަންގޮޅި ފިއަވަނި އަޙްމަދު ޢަލިމަނިކާއި، މާފަންނު ކެލްވީނިއާ މުޙަންމަދު ނަޒީރާއި، ފާދިއްޕޮޅު ހިންނަވަރު ނޫރާނީއާގޭ ޢާއިޝަތު މުޙަންމަދު ޞާލިޙާއި، މައްޗަންގޮޅީ ދަގަނޑުކެނޑިގޭ ފާޠިމަތު ޢާފިޔާއާއި، ގަލޮޅު ވަކަރު އާމިނަތު ޝަފާނާއާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ޕްރެސް ސެކްރެޓަރީ މުޙަންމަދު ޒުހައިރާއި، އަންޑަރ ސެކްރެޓަރީ ޙުސައިން ޢާމިރެވެ.
ކޮމިޓީގެ ޗެއަރމަން މަޙްމޫދު ރާޟީ ދެއްކެވި ވާހަކަފުޅުގައި، މިދިޔަ އަހަރުގެ ތަޖުރިބާއަށް ބައްލަވައި ބައެއް ބަދަލުތައް ގެންނަވާފައިވާނެ ކަމަށާއި، ޤައުމީ އިނާމަށް ވަކިވަކި ފަރުދުންގެ ނަން ހުށަހެޅުއްވުމަށް ވަކި ފޯމެއް އަދި ކުންފުނި، ޖަމްޢިއްޔާ، ޖަމާޢަތްފަދަ ތަންތަން ޤައުމީ އިނާމަށް ހުށަހެޅުއްވުމަށް ވަކި ފޯމެއް މިއަހަރު ތަޢާރުފު ކުރައްވާފައިވާނޭ ކަމުގައި ވިދާޅުވިއެވެ. އަދި ޝަރަފުގެ ޤައުމީ އިނާމު ދެއްވުމުގައާއި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ދެއްވުމުގައި ބައްލަވާނެ މުއްދަތުތައްވެސް މިފަހަރު ހާމަކުރައްވާފައިވާނެ ކަމުގައި ވިދާޅުވިއެވެ.
ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ދެއްވާނީ، ޤައުމާއި މުޖްތަމަޢަށް ފައިދާހުރި ގޮތެއްގައި ދިގު މުއްދަތަކަށް ޚިދްމަތްކޮށްފައިވާ ފަރާތްތަކަށެވެ. ޝަރަފުގެ ޤައުމީ އިނާމު ދެއްވުމުގައި ދިގު މުއްދަތުކަމަށް ބައްލަވަނީ ވަކި ފަރުދެއްނަމަ، އެ ދާއިރާއެއްގައި މަދުވެގެން 25 އަހަރު ޚިދްމަތްކޮށްފައިވުމެވެ. ނުވަތަ ހިތްވަރު ދިނުމުގެ އިނާމު ލިބުނުތާ 5 އަހަރު ވެފައި، އެ ދާއިރާގެ ޚިދްމަތުގައި އެކު ޖުމުލަ 25 އަހަރުވުމެވެ. މުއައްސަސާއަކުންނަމަ، ހިތްވަރުދިނުމުގެ އިނާމު ލިބުނުތާ 10 އަހަރު ވެފައި، ޚިދްމަތުގައި އެކު ޖުމުލަ 30 އަހަރު ވުމެވެ. ހިތްވަރުދިނުމުގެ ޤައުމީ އިނާމު ދެއްވާނީ، އެކަށީގެންވާ މުއްދަތެއްގައި ދެމެހެއްޓެނިވި ގޮތަކަށް ޚިދްމަތްކުރަމުން ގެންދާ ފަރާތްތަކަށެވެ. އެކަށީގެންވާ މުއްދަތެއް ކަމުގައި ބައްލަވާނީ، ވަކި ފަރުދެއްނަމަ، އެ ދާއިރާއެއްގައި މަދުވެގެން 5 އަހަރު ޚިދްމަތް ކުރުމެވެ. އަދި މުއައްސަސާއަކުންނަމަ، ޚިދްމަތް ދިނުމުގައި މަދުވެގެން 10 އަހަރުވުމެވެ.
ކުރީ ފަހަރެކޭ އެއްގޮތަށް މިއަހަރުވެސް ސަރުކާރުގެ އިދާރާތަކުންނާއި މިނިވަން މުއައްސަސާތަކުންވެސް ޤައުމީ އިނާމަށް ނަން ހުށަހެޅުއްވޭ ގޮތަށްވަނީ ހަމަޖައްސަވާފައެވެ. އަދި ޤައުމީ އިނާމަށް އެދޭ އަމިއްލަ ފަރާތްތަކުންނާއި، ޤައުމީ އިނާމަށް އެހެން ފަރާތެއްގެ ނަން ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުންނާއި، ކުންފުނި ޖަމްޢިއްޔާ، ޖަމާޢަތްފަދަ ތަންތަނުންވެސް ސަރުކާރުގެ އިދާރާއެއް މެދުވެރި ނުކުރައްވައި ނަން ހުށަހެޅުއްވޭ ގޮތަށް ވަނީ ހަމަޖައްސަވާފައެވެ.
ޤައުމީ އިނާމަށް ނަން ހުށަހަޅުއްވާ ފޯމުތައް ފޮނުއްވަން ޖެހެނީ ”ޤައުމީ އިނާމާބެހޭ ކޮމިޓީ“ އަށް އެޑްރެސް ކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށެވެ. މިގޮތުން ހުށަހަޅުއްވާ ފޯމްތައް، ހުށަހެޅުއްވުމުގެ ފުރުޞަތު އަންނަ ޖޫން މަހުގެ 1 ވަނަ ދުވަހުން ފެށިގެން އޯގަސްޓް މަހުގެ 1 ވަނަ ދުވަހުގެ މެންދުރުފަހު 3.00އަށް ވަނީ ހުޅުއްވާލައްވާފައެވެ.
ޤައުމީ އިނާމާބެހޭ މަޢްލޫމާތު ދެއްވައި ހޭލުންތެރިކަން އިތުރުކުރެއްވުމަށް ޚަބަރު ފަތުރާ ވަސީލަތްތައް މެދުވެރިކުރައްވައި ޚާއްޞަ ޕްރޮގްރާމްތަކެއް ގެންދެވުމަށްވެސް ޤައުމީ އިނާމު ކޮމިޓީންވަނީ ކަނޑައަޅުއްވާފައެވެ.
ޤައުމީ އިނާމާބެހޭ ގޮތުން ޤައުމީ އިނާމު ކޮމިޓީން ނެރުއްވި ލިޔުން، ދިވެހި ސަރުކާރުގެ ގެޒެޓުގައި މިއަދުވަނީ ޝާއިޢު ކުރައްވާފައެވެ. އަދި މިކަމާބެހޭ ދެންނެވުންވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުއްވައިފިއެވެ.
” ޤައުމީ އިނާމަށް ނަން ހުށަހަޅާ ފޯމު“ ރަސްމީ ގަޑީގައި ރައީސް އޮފީހުން ދޫކުރައްވާނެއެވެ. އަދި އެ އޮފީހުގެ ވެބްސައިޓުންވެސް ޑައުންލޯޑް ކުރެއްވޭނެއެވެ. ވެބްސައިޓް އެޑްރެހަކީ
www.presidencymaldives.gov.mv އެވެ.