އެމްޑީޕީގެ މާލެ ސިޓީގެ ދާއިރާ ރައީސުންނާއި ގޮފިތަކުގެ ރައީސުންނަށް ބާއްވާ ބައްދަލުވުމެއް މިރޭ އޮންނާނެ

އިބްރާހީމް ރާމިޒް

އެމްޑީޕީގެ މާލެ ސިޓީގެ ދާއިރާ ރައީސުންނާއި ގޮފިތަކުގެ ރައީސުންނަށް ބާއްވާ ބައްދަލުވުމެއް މިރޭ އޮންނާނޭ ކަމަށް އެ ޕާޓީން ބުނެފިއެވެ.
އެމްޑީޕީ ވެބްސައިޓަށް މައުލޫމާތު ދެއްވަމުން އެ ޕާޓީގެ އޮފިޝަލަކު ވިދާޅުވީ މި މަސައްކަތު ބައްދަލުވުމަކީ އެމްޑީޕީގެ އިދާރީ ހިންގުން އިތުރަށް ހަރުދަނާކުރުމަށް އެ ޕާޓީން މިހާރު ސިލްސިލާކޮށް ބާއްވަމުންދާ މަސައްކަތު ބައްދަލުވުންތަކުގެ ތެރެއިން ބައްދަލުވުމެއް ކަމަށާއި މާލެ ސިޓީގައި ރަޖިސްޓްރީ ކުރެވިފައިވާ އެމްޑީޕީގެ ހުރިހާ ގޮފިތަކެއްގެ ރައީސުންނާއި، މާލެ ސިޓީގެ ދާއިރާތަކުގެ ރައީސުން މި މަސައްކަތު ބައްދަލުވުމަށް ހާޒިރުވެދެއްވުމަށް އެމްޑީޕީން އެދެއެވެ.
ނަސަންދުރަ ޕެލޭސް ހޮޓަލުގެ އަބާރަނަ މާލަމުގައި މިރޭ 8.30 ގައި ފަށާ މި މަސައްކަތު ބައްދަލުވުމުގައި ވެސް އެމްޑީޕީގެ އިދާރީ ހިންގުން އިތުރަށް ހަރުދަނާ ކުރުމަށް ކުރަންހުރި މަސައްކަތްތަކާއި، ޕާޓީގެ މައި އޮފިހާއި މެންބަރުންގެ ގުޅުން އިތުރުކުރުމާއި، މެންބަރޝިޕް ފޯމުތަކުގެ މައްސަލަތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެވޭނެއެވެ.
މި ބައްދަލުވުން ކުރިން ބާއްވާ ގޮތަށް ހަމަޖެއްސީ މިދިޔަ ބުދަ ދުވަހުގެރޭ ގައެވެ. އެހެން ނަމަވެސް މަޖިލިސް ހަލަބޮލިވުމުގެ ސަބަބުން އެރޭ މި ބައްދަލުވުން ބޭއްވޭ ގޮތް ވަނީ ނުވެފައެވެ.