އެމްޑީޕީން ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ހޮނިހިރު ދުވަހުގެރޭ ޚާއްސަ ޖަލްސާ އެއް ބާއްވާނެ

އިބްރާހީމް ރާމިޒް

އެމްޑީޕީގެ އިސްލާމީ މަޝްވަރާ މަޖިލީހުން ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ހޮނިހިރު ދުވަހުގެރޭޚާއްސަ ޖަލްސާ އެއް ބާއްވާނެ ކަމަށް އެ ޕާޓީން ބުނެފިއެވެ.
މިޚާއްސަ ޖަލްސާ އޮންނާނީ 16 ޖުލައި 2011 ވާ ހޮނިހިރު ދުވަހުގެރޭ 8:45 ގައި ކަލާފާނު ސްކޫލުގައެވެ.
އެމްޑީޕީގެ އިސްލާމް ދީނުގެ މަޝްވަރާ މަޖިލީހުގެ ރައީސް އަލްޙާފިޒް އަޙުމަދު ޒަކީ ވިދާޅުވީ މި ޖަލްސާ އަކީ ރަމަޟާން މަހަށް ޚާއްސަކޮށްގެން އެމްޑީޕީން ފަށާ ދީނީ ނަސޭޙަތް ދިނުމުގެ ސިލްސިލާ ޖަލްސާތަކުގެ ފެށުން ކަމަށާއި، މި ޖަލްސާ ބޭއްވުމުގެ ބެނުމަކީ ރަމަޟާން މަހުގެ ރޭތަކާއި ދުވަސްތައް ހެޔޮގޮތުގައި ހޭދަކުރުމަށް ދިވެހި ރައްޔިތުންނަށް ބާރުއަޅައި،”ހެޔޮކަންތަކަށް އަމުރުކޮށް، ނުބައި ކަންތައްތަކުން ދުރުވުމަށް ނަޞޭޙަތްތެރިވުން” ކަމަށެވެ.
މި ޖަލްސާ ގައި ދީނީ ނަސޭޙަތްދެއްވާ ބޭފުޅުންގެ ތެރޭގައި، ޑރ.މުޙައްމަދު ޤުބާދު އަބޫބަކުރާއި، އައްޝައިޚް މުޙައްމަދު ފާރޫޤް އާއި، އައްޝައިޚް އިސްޙާޤް މުޙައްމަދުފުޅުގެ އިތުރުން އެމްޑީޕީގެ އިސްލާމް ދީނުގެ މަޝްވަރާ މަޖިލީހުގެ ރައީސް އަލްޙާފިޒް އަޙުމަދު ޒަކީއެވެ.
ރަމަޟާން މަހަށް ޚާއްޞަކޮށްގެން ވަކި ތާވަލެއް އެކުލަވާލައި، މާލެ އާއި އަތޮޅުތަކުގައި ވީހާވެސް ގިނައިން ދީނީ ޕްރޮގްރާމްތައް ހިންގެވުމަށް އެމްޑީޕީގެ ޗެއަރޕާސަން މޫސާ މަނިކު ވަނީ އެޕާޓީގެ އިސްލާމް ދީނުގެ މަޝްވަރާ މަޖިލީހުގެ މެންބަރުންގެ ކިބައިން އެދިވަޑައިގެންފައެވެ.