އެމްޑީޕީ ޕްރައިމަރީސްގައި ވޯޓުލާ ފަރާތްތަކުގެ ތެރެއިން މާލޭގައި ތިބި ފަރާތްތަކުގެ ވޯޓުލުން ޣިޔާސުއްދީން ސްކޫލުގައި ހުކުރު ދުވަހު ބާއްވަނީ

20 އިންތިޚާބީ ދާއިރާ އެކުލެވޭ 48 ރަށެއްގައި ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ކެންޑިޑޭޓުންގެ ޕްރައިމަރީސްގައި މާލޭގައި ތިބި އެދާއިރާތަކުގެ މީހުންނަށް ވޯޓުލުމުގެ އިންތިޒާމް 23 ޖަނަވަރީ ވާ ހުކުރު ދުވަހުގެ މެންދުރުފަހު 2:30 އިން ރޭގަނޑު 8:00 އަށް ޣިޔާސުއްދީން ސްކޫލުގައި އޮންނާނެއެވެ.
ޕްރައިމަރީސް ބާއްވާ 20 އިންތިހާބީ ދާއިރާއަށް ނިސްބަތްވާ އެމްޑީޕީ މެންބަރުންގެ ތެރެއިން މާލޭގައި ތިބި މެންބަރުންނަށް 20 ފޮށި ބެހެއްޓިފައި ހުންނާނެއެވެ. އެއީ މާލޭގެ 4 ފޮއްޓާއި އަތޮޅުތަކުގެ 16 ފޮއްޓެވެ.
މިއިންތިހާބުގައި ކޮންމެ ވޯޓު ފޮއްޓެއްގެ ކައިރީގައި އެމްޑީޕީން ކަނޑައަޅާ ދެ އޮފިޝަލުންނާއި އެއިންތިހާބީ ދާއިރާއަކަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ކޮންމެ ކެންޑިޑޭޓެއްގެ މަންދޫބަކު ހުންނަ ގޮތަށް ހަމަޖެހިފައިވެއެވެ.
މިއިންތިހާބަކީ އެމްޑީޕީން މީގެކުރިން ބާއްވާފައިވާ އިންތިހާބުތަކެކޭ އެއްފަދައިން މިނިވަން އިންސާފުވެރި އިންތިހާބަކަށް ހެދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރެވެމުންދާނެއެވެ. މިގޮތުން މިއިންތިހާބުގެ ކަންތައް ކުރިއަށްދާ ގޮތް ބެލުމުގެ ފުރުސަތު ނޫސްވެރިންނަށް ހުޅުވާލެވިފައިވެއެވެ.