ބްރިޓިޝް ޑެޕިއުޓީ ހައިކޮމިޝަނަރ އެމްޑީޕީގެ އިސް ޓީމަކާއި ބައްދަލުކުރައްވައިފި

އިބްރާހީމް ރާމިޒް

mdp-british-meeting-400-x-3001

<ބްރިޓިޝް ހައިކޮމިޝަންގެ ޑެޕިއުޓީ ހައިކޮމިޝަނަރ މިސްޓަރ މާކް ގުޑިންގ އާއި، އޭނާ އަށް ފަހު އެ މަގާމާއި ހަވާލުވެވަޑައިގަންނަވާ މިސްޓަރ ރޮބީ ބުލޮޗް އެމްޑީޕީގެ އިސް ޓީމަކާއި މިއަދު ބައްދަލުކުރައްވައިފިއެވެ. މިއަދު މެންދުރު ފަހު، އެމްޑީޕީގެ މައިސެކްރެޓޭރިއަޓް ގައި ބޭއްވި މި ބައްދަލުވުމުގައި ރާއްޖޭގެ ސިޔާސީ މަސްރަޙް މިހާރު އޮތް ގޮތާއި ބެހޭ ގޮތުން މަޝްވަރާކުރައްވައި، އެމްޑީޕީން ހިންގަމުންދާ ހަރަކާތްތަކާ ބެހޭ މަޢުލޫމާތު ބްރިޓިޝް ހައި ކޮމިޝަނުގެ ބޭފުޅުން އޮޅުން ފިލުއްވިއެވެ. އަދި ރާއްޖޭގެ ޑިމޮކްރަސީ އަށް އަންނަމުންދާ ހެޔޮ ބަދަލުތަކާއި، ކުރިއެރުންތައް އެ ބޭފުޅުން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ރާއްޖޭގައި ޑިމޮކްރަސީ ޤާއިމްކޮށް، ޑިމޮކްރަސީ ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތަށް ވެދެވެން އޮތް އެހީތެރިކަމަކާއި އެއްބާރުލުން ދެއްވާނޭ ކަމަށް އެބޭފުޅުން ވިދާޅުވިއެވެ. މިއަދު މި ބައްދަލުވުމުގައި އެމްޑީޕީގެ ރައީސް ޑރ.އިބްރާހީމް ދީދީ އާއި، އެމްޑީޕީގެ މާލެ ސިޓީގެ ރައީސް މުޙައްމަދު ރަޝީދު ހުސައިން (ބިގޭ) އާއި އެމްޑީޕީގެ ޒުވާނުންގެ ގޮފީގެ ރައީސާ އާމިނަތު ޝައުނާ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.