އެމްޑީޕީ ޕްރޮވިންސްތަކުގެ ރައީސުންނާ އެ ޕާޓީގެ ޗެއަރޕާސަން ބައްދަލުކުރައްވައިފި

އިބްރާހީމް ރާމިޒް

reeko-moosa

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއަރޕާސަން (ރީކޯ) މޫސާ މަނިކު އެ ޕާޓީގެ ޕްރޮވިންސްތަކުގެ ރައީސުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ.
މިއަދު މެންދުރު އެމްޑީޕީގެ މައި އޮފީހުގައި ބޭއްވި މި ބައްދަލުވުމުގައި މި އަންނަ ރޯދަ މަހުގެ ފުރަތަމަ ދުވަހު ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އެމްޑީޕީގެ އިދާރީ އޮފީހެއް ގާއިމްކޮށް ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވާފައިވާތީ، އެ ކަމުގައި ޕްރޮވިންސް ރައީސުންގެ އެހީތެރިކަމާއި އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށް ވިދާޅުވިއެވެ. އަދި އެ ޕްރޮވިންސެއްގެ އެމްޑީޕީގެ ހުރިހާ އިދާރީ އޮފީސްތަކެއްގެ ބެލެނިވެރި ފަރާތަކީ ޕްރޮވިންސް ސެކްރެޓޭރިއަޓް ކަމަށްވާތީ، ވީހާވެސް އަވަހަކަށް އެ ބޭފުޅަކު ނިސްބަތްވާ ދާއިރާއެއްގައި މިހާރު ހުރި އެމްޑީޕީ އިދާރީ އޮފީސްތަކާއި ހަރުގެތަކާއި، އެހެނިހެން ހަރުމުދަލުގެ އިންވެންޓްރީ އެއް ހެދުމަށް ފަހު، އެމްޑީޕީ އޮފީހަށް ފޮނުއްވައި ދެއްވުމަށާއި، ކޮންމެ ރަށެއްގައި އެމްޑީޕީގެ އިދާރީ އޮފީހެއް ގާއިމްކުރެވުމުން، އެ އިދާރާތަކާއި، މި މުދާތައް ހަވާލުކުރުމުގެ މަސައްކަތުގައި އެހީތެރިވެދެއްވުމަށް ވެސް އެމްޑީޕީގެ ޗެއަރޕާސަން އެދިވަޑައިގެންނެވިއެވެ.
މީގެ އިތުރުން ވީހާވެސް އަވަހަށް އެމްޑީޕީއަށް 50000 މެންބަރުން ހަމަކުރުމުގެ މަސައްކަތް މިހާރު އެމްޑީޕީން ކުރަމުންދާތީ އެ ކަމުގައި ވެސް އެމްޑީޕީގެ ޕްރޮވިންސް ރައީސުން އެހީތެރިވެދެއްވުމަށް މޫސަ އެދިވަޑައިގެންނެވިއެވެ.