ފުނަމާ
ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމެކެވެ. އިސްލާމްދީނާ ތަޢާރަޟުވާ އެއްވެސް ގާނޫނެއް ދިވެހިރާއްޖޭގައި ނެހެދޭނެއެވެ. އިސްލާމްދީނުގައި ހަރާމްކުރައްވާފައިވާ އެއްވެސް ކަމެއް ކުޑަވިޔަސް ، ބޮޑުވިޔަސް ރާއްޖޭގައި ހުއްދަ ކުރެވިގެން ނުވާނެއެވެ. މިއީ ގަބޫލުކުރާ ގޮތެވެ. ގާނޫނުބުނާ ގޮތެވެ. ﷲ ވިޔަފާރި ހަލާލު ކުރައްވައި ، ރިބާ ހަރާމްކުރެއްވިއެވެ. ރާއްޖޭގައި ކޮމާޝަލް ބޭންކުތައް ގާއިމް ކުރެވިގެން ލޯނުދޫކޮށް ބޭންކު އިންޓަރެސްޓު ނެގުން މިއޮތީ ގާނޫނަކުން ހުއްދަ ކުރެވިފައެވެ. މިކަމާމެދު ދެކެނީ ކިހިނެއްތޯއެވެ؟ ޒިނޭ ހަރާމް ކުރައްވާފަ އޮތީމަ ރާއްޖޭގައި ހަށިވިއްކުމުގެ ވިޔަފާރިއެއް ނުހިންގޭ ދޮގެއްތޯއެވެ؟ މަސްތުވާ ކޮންމެ އެއްޗަކީ ރަލެވެ. މިއީ ޝަރުޢީ ހުކުމެވެ. ރާއްޖޭގައި ބަނގުރާ ވިއްކުމުގެ ހުއްދަ ދެވިގެން ފުޅާދާއިރާއެއްގައި އެކަން ކުރެވެއެވެ. ކުލީ އަންހެނުން ގޮވައިގެން ފަތުރުވެރީން ރާއްޖެއައިސް ބޭނުން ގޮތަކަށް އުޅެވެއެވެ. އެއްޖިންސުން ގުޅުންހިންގާ މީހުންވެސް މިނިވަންކަމާއެކު މިއަމަލު ހިންގަމުން ގެންދާކަން ނޭނގެނީތޯއެވެ؟ މިވާހަކައެއް ނުދައްކައެވެ. އެކަމަކު އަންހެނަކާ ފިރިހެނަކު ލަވައެއް ކިޔާލައިފިއްޔާ އެއީ ދީންހަލާކުކުރަނީއެވެ.
މިރާއްޖެއަކީ ދުނިޔޭގެ އެހެނިހެން ގައުމުތަކެކޭވެސް އެއްފަދައިން އެއިރަކަށް ރައްޔިތުން އެދޭ ބަދަލުތަކެއް ގެންނަމުން ސަގާފަތް ބަދަލުކުރަމުން ގެންގޮސްފައިވާ ގައުމެއް ނޫނެކޭ ނުބުނެވޭނެއެވެ. އިއްޔެގެ މީހުން ބޭނުންވި ކިތަންމެ ކަމެއް މިއަދު ބޭނުން ނުވާފަދައިން ގެންނަން ބޭނުންނުވި ބަދަލުތައް މިއަދުވެސް އަންނަމުން މިދަނީއެވެ. ތަހުޒީބުވަމުންދާ ދުނިޔޭގައި މިގައުމު ހިމަނައިގެން އުޅޭން ބޭނުންނަމަ ކަންކަން ބަދަލުކުރާން ކިތަންމެ ބޭނުން ނުވިޔަސް އެބަދަލު އަންނަމުން ދާނެކަން ގަބޫލުކުރާން ޖެހެއެވެ. އަޅުގަނޑުމެންގެ އަމިއްލަ ކިތަންމެ މުހުތާދެއް ފުއްދުމަށް މިއަދުމިވަނީ ބިދޭސީން ގިނައަދަދަކަށް މިގައުމަށް އިންޕޯޓު ކޮށްފައެވެ. އޭގެތެރޭގައި ޣައިރުމުސްލިމުން މަދެއް ނޫނެވެ. މުސްލިމުންގެ ތެރޭގައި ތަފާތު މަޒުހަބުތަކުގެ މީހުން އެބައުޅެއެވެ. އެމީހުންގެ ވައްޓަފާޅި އަޅުގަނޑުމެންނާއި ހާސްބައި ތަފާތެވެ. އެކަމަކު އަޅުގަނޑުމެން މިއަދު މިކަން ބޮޑުވެގެން އުޅޭތީ ހަމައެކަނި މިފެންނަނީ ސިޔާސީ ޕޯޑިއަމް ތަކުގައި އެކަންޏެވެ. ރާއްޖޭގެ ރައްޔިތުން އިންތިހާ ބުރަމަސައްކަތުން ފޮހެލި ކިތަންމެ ބަލިމަޑުކަމެއް އަލުން އެތެރެވެ ، މީގެކުރީން ނުދަންނަ ކިތަންމެ އާވަބާތަކެއް ގައުމަށް މިވަނީ އިތުރުވެފައެވެ. އަޅުގަނޑުމެން ސައްތައިން ސައްތަ މުސްލިމުން މިދިރިއުޅޭ ގޭގޭގެ ތެރޭގައި ގެންގުޅޭ ޣައިރު މުސްލިމުން އެމީހުންގެ އަޅުކަން ކުރަނީ އެގޭގޭގެ ތެރޭގައެވެ. މިޔަކީ މިހާރަކު މީހުން ނުދަންނަ ކަމެއް ނޫނެވެ. އެކަމަކު އެކަކުވެސް އެވާހަކައެއް ނުދައްކައެވެ. މިފަދަ މީހުން ގެންގުޅޭއިރު އަޅުގަނޑުމެންގެ ގޭގެ ފައްޅިތަކަކަށް ވެއްޖެކަމުގައި ގަބޫލުކުރާކަށް ބޭނުމެެއް ނުވެއެވެ.
އަފުޣާންއާއި އިރާގާއި ލީބިޔާ މިހެންގޮސް ދުނިޔޭގެ ނަންކިޔާ މުސްލިމު ގައުމުތަކުގައި ހިންގާފައިވާ ބޮޑެތި ހަނގުރާމަތަކުގެ އިސް މޭސްތިރި އަކީ އެމެރިކާކަމުގައި ގޮވައި ނަގައެވެ. އިޒުރޭލުން ފަލަސްތީނުގެ ރައްޔިތުންނަށް ދެމުން ގެންދާ ހުރިހާ އަނިޔާތަކެއް ދިނުމުގައި އިޒުރޭލުން ބާރުލިބިގަންނަނީ އެމެރިކާއިން ވާގިލިބިގެން އެބައެނގެއެވެ. އެކަމަކު އެމެރިކާއާއި ރާއްޖެއާ އޮންނަ ގުޅުން އެއްދުވަހުން އަނެއްދުވަހަށް މިދަނީ ބަދަހިވަމުންނެވެ. މިކަމާ ކުރަނީ އުފަލެވެ. އެކަމަކު އިޒުރޭލު ކިޔައިފިއްޔާ މަތިންދާ ބޯޓެއްވެސް ރާއްޖޭގެ ވައިގެ ސަރަހައްދަށް ވައްދައިގެން ވާކަށް ނެތެވެ.
ހިލޭފިރިހެނުންނާއި އަންހެނުން މަސްހުނިވެ ވީޑިއޯ ލަވަކުޅެ ނަށައި ގައިގޯޅިވެ އުޅުމުން ބަލާލަން ހިތްއުފާވެއެވެ. މުޅިގައުމުގެ ހުރިހާ ޓީވީ ޗެނަލު ތަކަކުން މިކަން ކުރިއަރުވައި ބޮޑެތި ފައިސާގެ އިނާމުތައް ދެނީގެންދަމުންނެވެ. އެއްބަޔަކު އަނެއްބަޔަކާ ގެންދަނީ ވާދަކުރަމުންނެވެ. ތިމާގެ އަނބިމީހާ ހިލޭފިރިހެނެއްގެ ހަށަމުގެ ތެރޭގައި ފިތާލަން ފައިސާލިބޭތީ ދީގެން މިތިބެނީއެވެ. މިއީ ހަށިވިއްކުމެއް ނޫންދޮގެއްތޯއެވެ؟ މިކަމަކީ އިންޑަސްޓްރީ ކުރިއަށް ޖައްސާލުމެވެ. ހަމައެންމެ ރަނގަޅެވެ. އެކަމަކު ވަކިމީހަކު ބަނޑިއެއް ލައްވާލިޔަސް އެއީ ދެން އާފާތްތައް ކުރިމަތިވަނީއެވެ. އެހެންވީއިރު މިގައުމުގައި ދެން ރަނގަޅީ ކޮންކަމެއް ނުވަތަ ނުރަނގަޅީ ކޮންކަމެއް ހެއްޔެވެ؟ އެކިމީހުން އެކިހާލަތުގައި ރަނގަޅާއި ނުބައި މާނަކުރަނީ އެކިގޮތަށެވެ. ތިމާއަށް ރަނގަޅު ކަންކަން އެހެންމީހުންނަށް ރަނގަޅު ނުވާކަން އެބައެނގެއެވެ. ވީއިރު ގައުމެއްގައި މުޅިދުނިޔެއާއި ގުޅިގެން އުޅެން ބޭނުންވާނަމަ އެތަނަކަށް އަންނަ ބަދަލުތަކާ ކުރިމަތި ލައިގެން އުޅޭންޖެހޭކަން ގަބޫލުކުރާން އެބަޖެހެއެވެ. ދީންވެރި ވުމަކީ ތިމާނޫނީ ދެންއެންމެން އެއުޅެނީ ކާފަރުވެގެންނޭ ބުނުން ނޫންކަން ދަންނާން ޖެހެއެވެ. އެހެންނޫނީ އަލިފުން ފެށިގެން ޔާޔަށް ހުރިހައި ކަމެއް ބަދަލުކޮށްލާހާ ހިއްވަރު ހުރެގެން ނުކުމެ މިގައުމުގައި ހިނގަމުން އަންނަ ކަމުގައި ތިމާދެކޭ ހުރިހާ ކަމެއް އެއްފަހަރުން ބަދަލު ކޮށްލަބަލާށެވެ. އެވަރުގެ މީހަކު މިރާއްޖޭގައި އުޅެޔޭބުނާކަށް ނުކެރޭނެއެވެ. އެހެން ކަމުގައި ވާނަމަ ގައުމުގެ ހާލަތާ ގުޅިގެން އަންނަ ބަދަލުތައް ހަޖަމުކުރާން ދަސްކުރަމާ ހިނގާށެވެ.