ރައީސުލްޖުމްހޫރިއްޔާ އިނގިރޭސިވިލާތުގެ އާ ބޮޑުވަޒީރު ޑޭވިޑް ކެމަރަންއަށް ތަހުނިޔާ ވިދާޅުވެއްޖެ

12 މެއި 2010

cameron1

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އިނގިރޭސިވިލާތުގެ އާ ބޮޑުވަޒީރު ކަމަށް ރޭ ހޮވިވަޑައިގަތް، ކޮންޒަވޭޓިވް ޕާޓީގެ ޑޭވިޑް ކެމަރަންއަށް ތަހުނިޔާ ވިދާޅުވެއްޖެއެވެ
ޑޭވިޑް ކެމަރަންއަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅުގައި، ނިމިދިޔަ އިނގިރޭސިވިލާތުގެ ޢާންމު އިންތިޚާބުގައި އެމަނިކުފާނާއި އެމަނިކުފާނުގެ ޕާޓީން ހޯދި ކާމިޔާބީއަށްޓަކައި ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ވިދާޅުވެފައިވެއެވެ. އަދި ޑޭވިޑް ކެމަރަންގެ ބޮޑުވަޒީރުކަމުގެ ދައުރުގައި އިނގިރޭސިވިލާތަށް ސިޔާސީ ގޮތުންނާއި އިޤްތިޞާދީގޮތުން އިތުރުކުރިއެރުންތައް ލިބިގެންދާނެ ކަމަށް ޔަޤީން ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅުގައި ވިދާޅުވެފައިވެއެވެ.
ބޮޑުވަޒީރު ކެމަރަންގެ ސަރުކާރުގައި، އިނގިރޭސިވިލާތުގެ ޚާރިޖީ ސިޔާސަތު އިތުރަށް ވަރުގަދަވެގެންދާނެ ކަމަށާއި، ދެކުނު އޭޝިޔާ ސަރަޙައްދުގެ ޤައުމުތަކާއެކު އިނގިރޭސިވިލާތުން ގާތްގުޅުމެއް އުފައްދަވާނެކަމަށް އުންމީދު ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ. މީގެއިތުރުން، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ދުނިޔެއަށް ކުރިމަތިވަމުންދާ މައްސަލަތަކުގައި، އިނގިރޭސިވިލާތުން ވަރަށް މުހިންމު ދައުރެއް، ބޮޑުވަޒީރު ކެމަރަންގެ ޒަޢާމަތުގައި އަދާކުރަމުންދާނެ ކަމަށް ޔަޤީން ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅުގައި ވިދާޅުވެފައިވެއެވެ.
އިނގިރޭސި ވިލާތުގެ އާންމު އިންތިޚާބު ކާމިޔާބުކުރި ކޮންޒަވޭޓިވް ޕާޓީ އަކީ އެމްޑީޕީ އުފެދުނީއްސުރެ އެޕާޓީ އާ ވަރަށް ގާތް ގުޅުމެއް ބާއްވަމުން އަންނަ ޕާޓީ އެކެވެ. އަދި ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވުނު މަލްޓި ޕާޓީ ރިޔާސީ އިންތިޚާބު އެމްޑީޕީ އަށް ކާމިޔާބުކޮށްދިނުމުގައި ކޮންޒަވޭޓިވް ޕާޓީން ވަރަށް މުހިއްމު ދައުރެއް އަދާކޮށްފައި ވެއެވެ.